Roadha Mihaaru
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް

މޮރިއޭރޯ އަށް ދެން އިތުރު ފުރުސަތެއް ނުދޭން އެފްއޭއެމުން ނިންމައިފި

23 ޖުލައި 2023

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް ދެން އިތުރު ފުރުސަތެއް ނެތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް ދެން އިތުރު ފުރުސަތެއް ނެތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އާ ޓެކްނިކަލް ޑިރެކްޓަރު، އިންގްލެންޑުގެ ޕޯލް ސްމޯލީ ތައާރަފު ކުރުމަށް މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ، ކޯޗުގެ ކޮންޓްރެކްޓް ހަމަވުމާ އެކު އިތުރު ކޮންޓްރެކްޓެއް ކޯޗަށް ނުދޭން ނިންމާފައި ވާކަމަށެވެ.

ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓެކްނިކަލް ޓީމުގައި ވެސް ތިބެނީ ސީނިއާ ޓީމުގެ ޓެކްނިކަލް ސްޓާފުންނެވެ. މިއަހަރުގެ ބާކީ ބައިގައި ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް މުހިއްމު މެޗުތަކެއް އޮތުމާ އެކު އާ ކޯޗަކަށް ޓީމު ހަވާލު ކުރުމުގެ ބަދަލުގައި މިވަގުތު އެފްއޭއެމްގެ ވިސްނުން ހުރީ މިހާރުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭނާ އާއެކު ކުރިއަށް ދާން ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަންޑަ 23 އާއި ސީނިއާ ޓީމަށް ބަދަލުތަކެއް އަންނާނެ. މިހާރުގެ ކޯޗު [ފްރެންޗެސްކޯ މޮރިއޭރޯ]ގެ ކޮންޓްރެކްޓް ހަމަވާނެ އޮގަސްޓްގެ ނިޔަލަށް. އެއަށް ފަހު އަޅުގަނޑުމެންގެ ވިސްނުމަކީ ކޯޗުގެ ކޮންޓްރެކްޓް އާ ނުކުރުން،" ބައްސާމް ވިދާޅުވި އެވެ.

"ދެން ގައުމީ ޓީމާ ހަވާލުވާނީ އެސިސްޓެންޓް ކޯޗަކަށް ހުރި އަލީ ސުޒޭން. މިވަގުތު ބޮޑު ބަދަލެއް ނުވަތަ ބޭރުން މީހަކު އައްޔަން ކުރަން ބޭނުން ނުވަނީ ވަރަށް ކައިރީގައި މިއޮތީ މުބާރާތްތަކުގެ ކޮލިފިކޭޝަން، އޮންނަ އިރުގައި އާ ކޯޗަކު އައިސްގެން އަނެއްކާ ކުޅުންތެރިން ދަސްކޮށް ޓީމުތައް ދަސްކޮށް ހުރިހާ ކަމެއް ކުރަން އެހާ ވަގުތެއް ނެތް ކަންނޭނގޭ. ބަދަލުތައް ގެންނާނީ އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުން ފެށިގެން. މިހާރު ހުރިހާ ކަމެއް ޕޯލް [ސްމޯލީ] އެދަނީ މޮނީޓާ ކުރަމުން."

ބައްސާމް ވިދާޅުވީ ސެޕްޓެމްބަރު މަހު 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އޮތުމާ އެކު ދެ އުމުރުފުރާގެ ގައުމީ ޓީމުގައި ވެސް މިހާރު ތިބި ޓެކްނިކަލް ޓީމު ހަރަކާތްތެރި ވާނެ ކަމަށެވެ. އަދި އެފްއޭއެމްގެ އާ ޓެކްނިކަލް ޑިރެކްޓަރާ އެކު ގެންނަ ބަދަލުތައް ހިއްސާ ކޮށް ކްލަބްތަކާ އެކު މަސައްކަތް ކުރވޭނެ މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ޕޯލް މިއަދު އެ ޓީމުތަކުގެ ކޯޗުންނާ ބައްދަލު ކުރައްވާނެ ކަމަށާއި މާދަމާ ކްލަބްތަކުގެ ކޯޗުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވެފައި ވެއެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސް އެއްގައި ކޯޗު މޮރިއޭރޯ (ކ) އާއި އެސިސްޓެންޓް ކޯޗު ސުޒެއިން (ވ).-- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގައުމީ ޓީމުގެ ޕްރެކްޓިސް އެއްގައި ކޯޗު މޮރިއޭރޯ (ކ) އާއި އެސިސްޓެންޓް ކޯޗު ސުޒެއިން (ވ).-- ފައިލް ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މޮރިއޭރޯ އާ ގައުމީ ޓީމު ހަވާލު ކުރުމުގެ ކުރިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމު ނުކުތީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ. ސުޒޭން ވަނީ މި އަހަރުގެ މެއި މަހު، ކޯޗިންގެ އެންމެ މަތީ ފާސް ކަމަށްވާ ޕްރޯ ލައިސެންސް ހާސިލް ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު މޮރިއޭރޯ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ އެ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެއް އަހަރު ދުވަހަށް ހެދި ކޮންޓްރެކްޓް ހަމަވުމާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެފްއޭއެމުން ވަނީ އޭނާގެ ކޮންޓްރެކްޓް އާކުރިކަން އިއުލާން ކޮށްފަ އެވެ. ކޮންޓްރެކްޓް އާކުރި އިރު ވެސް ކޯޗަށް މުސާރަ ނުދެވޭ ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. އަދި އެންމެ ފަހުން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ތެރޭ މުސާރައިގެ މައްސަލައިގެ އަޑު ގަދަވެގެން ދިޔައިރު، ކޯޗަށް މުސާރަ ނުދެވި މަސްތަކެއް ވާނެ ކަން މިދިޔަ ހަފްތާ އޮތް ޕްރެސް ކޮންފަރެންސްގައި ބައްސާމް ހާމަ ކުރެއްވި އެވެ.

ސާފް ޗެމްޕިއަންޝިޕަށް ފަހު ސްރީލަންކާގައި އޮތް ފޯ ނޭޝަންސް ކަޕަކީ މޮރިއޭރޯ ގައުމީ ޓީމާ އެކު ކުރި ފުރަތަމަ މަސައްކަތެވެ. އެ މުބާރާތް ނިންމާލީ މެޗަކުން މޮޅު ނުވެ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ވެސް ކުރިއެރުމެއް ނުލިބި، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ވަނީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.