Roadha Mihaaru
ކޯޒްވޭގެ ސާވޭ އަށް ފޮނުވި މީހުން ރަށުން ބާލައިފި

ހިތަދޫ-ކުނަހަންދޫ ކޯޒްވޭގެ މައްސަލާގައި މުޒާހަރާކޮށް، ސަރުކާރުން ފޮނުވި މީހުން ރަށުން ބާލައިފި

23 ޖުލައި 2023

ލ. ހިތަދު އާއި އެ އަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލަން ރައްޔިތުންގެ މަޝްވަރާ ހޯދަން ސަރުކާރުން ހިތަދު އަށް ފޮނުވި ޓީމުގެ މީހުން ރޭ އެ ރަށުން ބާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ލ. ހިތަދު އާއި އެ އަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލަން ރައްޔިތުންގެ މަޝްވަރާ ހޯދަން ސަރުކާރުން ހިތަދު އަށް ފޮނުވި ޓީމުގެ މީހުން ރޭ އެ ރަށުން ބާލައިފި އެވެ.

އެ ކޯޒްވޭ ހެދުމަކީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ކުރިމަތިލެއްވުމަށް 2018 ގައި ވެވަޑައިގެންފައިވާ ވައުދެކެވެ.

އެ މަސައްކަތް ފެށުމުގެ ކުރިން ސާވޭގެ ކަންކަން 2019 އިގައި ހަވާލުކުރީ ފޯސައިޓް ސާވޭޔާސް ކިޔާ ބަޔަކާ އެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެވެ.

ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝައްމޫން ވިދާޅުވީ، ފޯސައިޓް ސާވޭޔާސްގެ ޓީމުން އިއްޔެ އެ ރަށަށް ދިޔައީ ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ދީ، މަޝްވަރާކޮށް، ހިޔާލު ހޯދުމަށް ކަމަށެވެ.

"އެ ކުންފުނީގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވައިދޭން އެދުނީ. އެހެންވެ، އެ ބައްދަލުވުން ބާއްވަން އަޅުގަނޑުމެން އެރޭންޖް ކޮށްދިނީ،" އޭނާ ވިދާޅޫވި އެވެ.

"އެއީ 2019 ވަނަ އަހަރު ފެށި މަސައްކަތެއް. ހަތަރު އަހަރު ވެގެން ދިޔައިރު ވެސް އަޅުގަނޑުމެންނަށް ވެސް ނޭނގޭ މިހާރު އެ މަސައްކަތް ގޮސްފައި އޮތީ ކިހާ ހިސާބަކަށް ކަމެއް. އެއްވެސް މައުލޫމާތެއް ނޭނގޭ،"

ޝައްމޫން ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ މައުލޫމާތުދީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް މީގެ ކުރިން ވެސް ހަތަރު ބައްދަލުވުމެއް ބޭއްވި އެވެ. އެކަމަކު، ކޯޒްވޭ އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ލަސްވީމާ ހިތްހަމަ ނުޖެހުން އޮންނާނެ. އެކަމަކު އެ ބޭފުޅުން ރަށުން ބޭލުވުން ގޯސް. އަޅުގަނޑަށް ވެސް އެކަން ރަނގަޅެއް ނޫން. ވާހަކަ ދައްކައިގެން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނެ، ރަށުން ބޭލުވުން ގޯސް،"

ފޯސައިޓް ސާވޭޔާސް އިން ކުނަހަންދޫގެ މީހުންނާ އެކު ބާއްވަން އުޅުނު ބައްދަލުވުމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބައްދަލުވުމުގައި ތިބި މީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުތުރު ބަހުން މުހާތަބުކޮށް އަދި އަޑުގަދަކޮށް ބައްދަލުވުން ކުރިއަށް ގެންދަން ހުރަސް އަޅައިފަ އެވެ. އަދި އެ ކުންފުނީގެ މީހުން ލޯންޗާ ހަމައަށް ދިޔައިރު ވެސް ފަހަތުން އަޑުގަދަ ކުރަމުން ދިޔަ ތަން ވީޑިއޯ އިން ފެނެ އެވެ.

ހިތަދޫ-ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލާނީ ދެ ރަށް މެދުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މެންދޫ ހިމަނައިގެންނެވެ. އެ މަޝްރޫއުގެ އަގަކީ 75.20 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 500 ދުވަހެވެ.