Roadha Mihaaru

ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ޓްރެފިކް ހުއްޓުވަނީ، އެތައް ބައެއްގެ ނުރުހުން!

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮންމެ ރެއަކު ސިލްސިލާކޮށް މާލޭގައި ބާއްވާ މުޒާހަރާގައި ޓްރެފިކް ހުއްޓުވާތީ އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

13 އެޕްރީލް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮންމެ ރެއަކު ސިލްސިލާކޮށް މާލޭގައި ބާއްވާ މުޒާހަރާގައި ޓްރެފިކް ހުއްޓުވާތީ އާންމުންގެ ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

ފަހަކަށް އައިސް އެއީ ޕީޕީއެމްގެ ސަޕޯޓަރުން އާންމުކޮށް ކުރާ ކަމަކަށް ވިޔަސް އެ ފާޑުކިޔުން އިތުރަށް ބޮޑުވީ ރޭގެ މުޒާހަރާގެ ބައިވެރިންތަކެއް އެމްޓީސީސީގެ ބަހެއް ހުއްޓުވައި، ބަހުގެ ކުރިމައްޗަށް އަރައި އެ ހުއްޓުވުމުންނެވެ. އެ ބަހުގެ އިތުރުން ރޭ ޕީޕީއެމްގެ އޮފީސް ކުރިމަތިން ދިޔަ އެހެން ބައެއް ވެހިކަލްތަކުގެ ކުރިމައްޗަށް އަރައި، އެ ވެހިކަލްތައް ކުރިއަށް ދާން ހުރަސް އެޅި މަންޒަރު ފެނުނެވެ. އެހެންވެ، ޓްރެފިކް ތާށިވެ، ކުރިއަށް ދެވޭ ގޮތް ނުވެގެން ބައެއް މީހުން ތިބެން ޖެހުނެވެ.

ކޮންމެ ރެއަކު ވެސް އިދިކޮޅުގެ މުޒާހަރާ ފަށަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. އެތަނުގެ ކުރިމަތީގައި ބަސް ސްޓޮފެއް ހުރެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ބަސް ސްޓޮޕަށް ރޭ މަޑުކުރަން ދިޔަ ބަހެއް މުޒާހަރާގެ ބައިވެރިން ހުއްޓުވައި، އެ ވެހިކަލް ކުރިއަށް ދާން ހުރަސްއެޅީ އެވެ.

އެކަމާ ގުޅިގެން، މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އާޒިމް ވިދާޅުވި ގޮތުގައި، އެއީ އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން މިހާރު ވަރަށް އާންމުކޮށް ކުރަމުން ދާ ކަމެކެވެ.

"ރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިއުމަށް އެމްޓީސީސީ އަށް ވަރަށް ދަތިވޭ މިގޮތަށް އަމަލުކުރައްވާތީ. ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސްނޭޅުމަށް އެދެން،" އާޒިމް ވިދާޅުވި އެވެ.

"ފުލުހުން، މި ކަހަލަ ނާތަހުޒީބު ކަންތައް ކުރާ ބޭފުޅުން އިސްލާހުކޮށް ދެއްވާ."

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި ފަހުން އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ފާޑުކިޔައި، ޓުވީޓްތައް ކޮށްފަ އެވެ.

""ކޮންމެ ކުލައަކުން ވިޔަސް މިއީ ވަރަށް ދެރަ ކަމެއް. އެތައް ބައެއްގެ ވަގުތު، ރޯދަ މަސް، މައިންބަފައިން އިންތިޒާރުގައި ދަރިން ވެސް ތިބެދާނެ، ބަލި މީހަކު ވެސް އިނދެދާނެ،" މީހަކު ބުންޏެވެ.

"މި އަށް ކިޔަނީ އާންމު އުނދަގޫ."

"ޕަބްލިކަށް ދަތިވާތީ މުޅި މާލެ ގްރީން ޒޯން ކުރެއްވި ބޭފުޅުން މިއަދު ޕަބްލިކް ބަސް ކުރިމަތީ ބަސް ހުއްޓުވައިގެން."

ބައެއް މީހުން ބުނި ގޮތުގައި، މުޒާހަރާ ކުރާ ގަޑީގައި އެ މަގުން ދަތުރުކުރާ އެހެން ވެހިކަލްތަކަށް ވެސް މުޒާހަރާގެ ބައިވެރިން ހުރަސްއެޅުން މިހާރު އާންމު ކަމަކަށް ވެއްޖެ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޮޑުތަކުރުފާނު މަގުގައި މުޒާހަރާ ކުރަމުން ދިޔަ ވަގުތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް އެ ސަރަހައްދު ހުރަސްކޮށް ދާން އުޅެނިކޮށް މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑް ވެސް ހުއްޓުވައިފަ އެވެ. އެ މައްސަލާގައި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.

އެއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސްއަޅައި، ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި އެއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް އެހާ ބޮޑަށް ސެކިއުރިޓީ ފެއިލްވި ވެސް ފުރަތަމަ ފަހަރެވެ. އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އަންނަނީ ބަލަމުންނެވެ.