Roadha Mihaaru

މާނޭގެ ސައުދީ ޑީލުން ލިވަޕޫލަށް މިލިއަނުން ގެއްލުން

ލިވަޕޫލް (ޖުލައި 31) - ބެޔާން މިއުނިކަށް ކުޅޭ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ، ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލުވާން ތައްޔާރު ވަމުން އަންނައިރު، މި ބަދަލުގެ ސަބަބުން އިނގިރޭސި ކްލަބް ލިވަޕޫލަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވާނެ އެވެ.

މާނޭގެ ސައުދީ ޑީލުން ލިވަޕޫލަށް މިލިއަނުން ގެއްލުން
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

31 ޖުލައި 2023

ލިވަޕޫލް (ޖުލައި 31) - ބެޔާން މިއުނިކަށް ކުޅޭ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ، ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލުވާން ތައްޔާރު ވަމުން އަންނައިރު، މި ބަދަލުގެ ސަބަބުން އިނގިރޭސި ކްލަބް ލިވަޕޫލަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވާނެ އެވެ.

މާނޭ ނަސްރަށް ބަދަލު ވަނީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރުގެ އަގަކަށެވެ. މިދިޔަ ސީޒަނުގައި ބެޔާނުން މާނޭ ގެނައީ ލިވަޕޫލަށް 35 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މީގެ އިތުރުން، ތިން އަހަރުދުވަހުގެ މުއްދަތަށް މެޗުތަކާއި، ފަރުދީ އަދި ޓީމުގެ ކާމިޔާބީތަކަށް ބަލައި އިތުރު 10 މިލިއަން ޑޮލަރު ވެސް ހުށަހެޅިފައި ވެއެވެ.

ނަމަވެސް ސައުދީ އަށް ބަދަލު ވެއްޖެ ނަމަ ބެޔާނުން އެ 10 ވަރަކަށް މިލިއަން ޑޮލަރު ލިވަޕޫލަށް އެއްކޮށް ދައްކާކަށް ނުޖެހޭނެ އެވެ.

މިދިޔަ ސީޒަންގައި ބެޔާނަށް ކުޅެދިން 38 މެޗުގައި މާނޭ އަށް ކާމިޔާބު ކުރެވުނީ 12 ގޯލެވެ. މީގެ އިތުރުން މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު މެޗެއްގެ ތެރެއިން، އެކުގައި ކުޅޭ ލީރޮއި ސާނޭ އަށް ހަމަލާ ދީގެން ކްލަބުން އޭނާ ކުރު މުއްދަތަކަށް ސަސްޕެންޑް ވެސް ކުރި އެވެ.

ބެޔާނަށް ބަދަލު ވުމުގެ ކުރިން މާނޭ ވަނީ ލިވަޕޫލްގައި ކުޅުނު ހަ ސީޒަންގައި 269 މެޗުން 120 ގޯލު ޖަހައިފަ އެވެ. އަދި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ލީގް ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައި ވެއެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކެޕްޓަންކަން ކުރާ ނަސްރުގައި، އުމުރުން 31 އަހަރުގެ މާނޭ އަށް އަހަރަކު 43 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.