Roadha Mihaaru
ލިވަޕޫލްގެ ރެކޯޑް ކުރިއަށް، ރެއާލަށް ފުރަތަމަ މޮޅު

ލިވަޕޫލްގެ ރެކޯޑް ކުރިއަށް، ރެއާލަށް ފުރަތަމަ މޮޅު

04 ނޮވެމްބަރ 2020

މެޑްރިޑް (ނޮވެމްބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ އެޓަލަންޓާ އަތުން 5-0 އިން މޮޅުވެ ލިވަޕޫލުން މި ފަހަރުގެ މުބާރާތުގައި މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި އިންޓަ މިލާން 3-2 އިން ބަލިކޮށް ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މެޑްރިޑް (ނޮވެމްބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ އެޓަލަންޓާ އަތުން 5-0 އިން މޮޅުވެ ލިވަޕޫލުން މި ފަހަރުގެ މުބާރާތުގައި މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި އިންޓަ މިލާން 3-2 އިން ބަލިކޮށް ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލިވަޕޫލުން ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އަޔަކްސް އޮތީ ރޭ ޑެންމާކުގެ މިޓްޔައެލަންޑް އަތުން 2-1 އިން މޮޅުވެގެން ތިން މެޗުން ހަަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި އެ ޓީމުން ވިދާލީ މި ފަަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު އެޓަލަންޓާ ކޮޅަށް، މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަަންނަ ޔޮޓާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލުން މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފުރަތަމަ ތިން މެޗުން މޮޅުވިއިރު، މި މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އެވެ.

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ރާމޮސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ރާމޮސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކުޅުނު ފުރަތަމަ ދެ މެޗުން ޕޮއިންޓެއް ލިބިފައިވާތީ ރެއާލުން ރޭގެ މެޗަށް ނުކުތީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާންގެ ނަޒަރުގައި ފައިނަލަކަށެވެ. ރެއާލަށް ކަރީމް ބެންޒެމާ އާއި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ދެ ގޯލުގެ ލީޑެއް ނަގައިދީފައިވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލަށް އުއްމީދެއް ހޯދައިދިނީ ލަޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. ދެ ވަަނަ ހާފްގައި އިވާން ޕެރިސިޗް އިންޓަ އަށް އެއްވަރުކޮށްދީފައިވަނިކޮށް ރެއާލް މޮޅުކޮށްދިނީ ބްރެޒިލްގެ ވިންގް ރޮޑްރީގޯ އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ރޭ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް ދަނޑުގައި 6-0 އިން މޮޅުވި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އެވެ. އެ ޓީމަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ރެއާލަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް އިންޓަ އަށް އަދި ލިބުނީ ދެ ޕޮއިންޓެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ވަނީ ރޭ ފަހަތުން އަރައި އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް ދަނޑުގައި 6-2 އިން މޮޅުވެފަ އެވެ. ބަޔާންގެ ލަނޑުތައް ޖެހީ ރޮބަޓް ލެވަންޑޯސްކީ އާއި ޖެރޯމް ބޯޓެން އަދި ލެރޯއީ ސާނޭ އެވެ. ލެވަންޑޯސްކީ ދެ ލަނޑު ޖެހި އެވެ. އަނެއް ގޯލަކީ ސަލްޒްބާގުގެ ރަސްމުސް ކްރިސްޓަންސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސަލްޒްބާގުގެ ލަނޑުތައް ޖެހީ މާގިން ބެރީޝާ އާއި މަސާޔާ އޮކުގާވާ އެވެ.

ސަލްޒްބާގުގެ ކުލިކޯފް (ކ) ބަޔާނުގެ ލެވަންޑޯސްކީ އަށް ޓެކުލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސަލްޒްބާގުގެ ކުލިކޯފް (ކ) ބަޔާނުގެ ލެވަންޑޯސްކީ އަށް ޓެކުލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގްރޫޕް އޭގެ އެއް ވަަނައިގައި ބަޔާން އޮތީ ތިން މެޗުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ރަށުން ބޭރުގައި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ 1-1 އިން އެއްވަރުވެފަ އެވެ. އެތުލެޓިކޯ އަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މެންޗެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި ގްރީކުގެ އޮލިމްޕިއާކޯސް އަތުން 3-0 އިން މޮޅުވެފަ އެވެ. ފެރާން ޓޮރޭޒާއި ގަބްރިއެލް ޖީސޫސް އާއި ޔާއޯ ކަންސޭލޯގެ ލަނޑުތަކުން މޮޅުވެ ސިޓީ ގްރޫޕްގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕޯޓޯ އިން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ފްރާންސްގެ މާސޭ ބަލިކޮށްފަ އެވެ. ޕޯޓޯ އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.