Roadha Mihaaru
ރިޔާސީ ޓިކެޓް ހޯއްދަވަން މުއިއްޒު ޕީއެންސީ އަށް

ރިޔާސީ ޓިކެޓަށް ހޯއްދަވަން މުއިއްޒު ޕީއެންސީ އަށް ސޮއިކުރައްވައިފި

03 އޯގަސްޓް 2023

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓް ހޯއްދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް ދޫކުރައްވައި ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓް ހޯއްދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމް ދޫކުރައްވައި ޕީއެންސީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގެ ދަށުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރަކަށެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު މިހާތަނަށް ފުރުއްވި މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ އެހެންވެ އެވެ.

ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކަން ނުރަސްމީކޮށް މިހާތަނަށް ހާމަކުރައްވާފައި ވަނީ މުއިއްޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަކީ ކުރިއްސުރެ ޕީއެންސީގެ ނައިބު ރައީސެވެ.

މިހާރު ވަނީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. ސުންގަޑިއަކީ މިއަދުގެ މެންދުރު 2:00 އެވެ. ކެންޑިޑޭޓް ކަނޑައެޅުމުގެ މަޝްވަރާ މަޖިލިހުގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުންނެވެ. އެކަމަކު، ވަގުތު ނެތުމުން ހުރިހާ ކަމެއް މިހާރު ނިންމަނީ އެ ޕާޓީގެ މަޝްވަރާ މަޖިލިހުންނެވެ.

ޕީއެންސީއިން ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތް މައްސަލައިގެ އިސްތިއުނާފު މާދަމާ ސުޕްރީމު ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ މީހުންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އޭގެ ކުރިން ގޮތެއް ނިންމުމުގެ ހައްސާސްކަން ބޮޑުވެފައިވާއިރު ޕީޕީއެމްގެ ސެނެޓްގައި އެ މައްސަލާގައި މަޝްވަރާ ނުކުރާތީ ވެސް ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑެވެ.