Roadha Mihaaru
"ވަކިގައުމަކަށް ބަރޯސާނުވެ މިނިވަންކަން ދަމަހައްޓާނަން"

ވަކި ގައުމަކަށް ބަރޯސާ ނުވެ، މިނިވަންކަން ދަމަހައްޓާނަން: މުއިއްޒު

21 އޯގަސްޓް 2023

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ހާރިޖީ ގޮތުން ގުޅުންތައް ގާއިމު ކުރާނީ ވަކި ގައުމަކަށް އިސްކަން ދިނުމެއް ނެތި ހަމަހަމަ ސިޔާސަތެއްގެ ތެރެއިން ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ހާރިޖީ ގޮތުން ގުޅުންތައް ގާއިމު ކުރާނީ ވަކި ގައުމަކަށް އިސްކަން ދިނުމެއް ނެތި ހަމަހަމަ ސިޔާސަތެއްގެ ތެރެއިން ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މާލޭގެ މޭޔަރު މުއިއްޒުގެ ހައުސިން މެނިފެސްޓޯ އިއުލާންކުރަން ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ހުރިހާ ގައުމަކާ ގުޅުންތައް ބާއްވާނެ ކަމަށާއި އެކަމަކު ރާއްޖޭގެ މިނިވަންކަން ގެއްލޭ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ވަކި ގައުމެއްގެ ކޮޅަށް ގޮސް ހުހެއް ނުވާނެ. ވަކި ގައުމަކާ ގޮސް ދުރެއް ވެސް ނުވާނެ. އެހެންވީމާ މި އުސޫލުން ކަންކަން ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ރަހުމަތްތެރި ގައުމުތަކެއް ކަމުގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ގޯތިގެދޮރުގެ ސިޔާސަތު އޭނާ ރޭ ހާމަކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ގޯތިގެދޮރުގެ ސިޔާސަތު އޭނާ ރޭ ހާމަކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމުގައި ބޭރު ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ތިބުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. ގައުމުތަކާ ގުޅުން ބަދަހި ކުރާނީ މިނިވަން ކަމަށް އަސަރު ނުކުރާނެ ގޮތަށް ކަމަށާއި ރާއްޖޭގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން ރާއްޖެ އަށް އޮންނަން ވާނެ ވިދާޅުވި އެވެ.

"މި ގައުމުގައި އެހެން ބައެއްގެ ބާރު ހިންގިގެން ނުވާނެ ދާހިލީ ކަންކަމުގެ ތެރެއަކަށް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކަންކަން ނިންމުމުގެ ބާރު އޮންނަން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމީ ފިކުރަކީ ޕީޕީއެމާއި ޕީއެންސީ އެވެ. ދިވެހިންގެ އަމިއްލަވަންތަކަން ހިމާޔަތް ކުރުމަށްޓަކައި އެ ފުރުސަތު އޭނާ އަށް ދޭންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު ރޭގެ ޖަލްސާ އަށް ދިޔަ އެވެ.