Roadha Mihaaru
ރާހުލްގެ ޖަލު ހުކުމް ސަސްޕެންޑްކޮށް،މެމްބަރުކަން ދީފި

ރާހުލް ގާންދީގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ހުއްޓުވައި، މެމްބަރުކަމުގެ ގޮނޑި އަނބުރާ ދީފި

04 އޯގަސްޓް 2023

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ޖަލަށްލާން ކުރި ހުކުމާ އެކު އޭނާގެ މެމްބަރުކަން ގެއްލިފައި ވަނިކޮށް އެ ހުކުމަށް އަމަލުކުރުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުއްޓުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ޖަލަށްލާން ކުރި ހުކުމާ އެކު އޭނާގެ މެމްބަރުކަން ގެއްލިފައި ވަނިކޮށް އެ ހުކުމަށް އަމަލުކުރުން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުއްޓުވައިފި އެވެ.

ރާހުލް ދެ އަހަރަށް ޖަލަށްލާން މިދިޔަ މާޗް މަހު ދަށު ކޯޓަކުން ހުކުމްކުރީ 2019 ވަނަ އަހަރު ބޭއްވި އެއްވުމެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތް ކުރައްވައި، ވަގަށް ގޮވައި އަބުރާ ބެހުނު ކަމަށް ބުނެ އެވެ. އެ ހުކުމާއެކު ރާހުލްގެ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލި އަދި އަންނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ބަންދުވި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން އަމުރެއް ނެރެފަ އެވެ. އެއާ އެކު، އެ މައްސަލަ ނިމެންދެން ރާހުލްގެ މެމްބަރުކަމުގެ ގޮނޑި އާއި އަންނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ ރާހުލް ދެއްކެވި ވާހަކަތަކަކީ އޭގެ ޒާތުގައި މުޅިން ރަނގަޅު ވާހަކައަކަށް ނުވިޔަސް، އޭނާގެ މެމްބަރުކަން ގެއްލޭ ގޮތަށް އެ ކުށުގެ އެންމެ ބޮޑު އަދަބު ރާހުލްއަށް ދިން ސަބަބެއް ސާފުނުވާ ކަމަށެވެ. އިންޑިއާގައި މަޖިލިސް މެމްބަރުކަން ގެއްލެނީ ދެ އަހަރުގެ ހުކުމެއް އައުމުންނެވެ.

ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން އަދި އޭގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ މާމަ ދަރިކަލުން ކަމަށްވާ ރާހުލްއަށް ސުޕްރީމް ކޯޓުން ލިބުނު ކާމިޔާބާ ގުޅިގެން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ސަޕޯޓަރުން މަގުތަކަށް ނިކުމެ ދަނީ އުފާ ފާޅު ކުރަމުންނެވެ.