Roadha Mihaaru
އިދިކޮޅުން އާންމުންގެ މުދާ މުސްލިމުންނަށް ބަހާނެ: މޯދީ

ކޮންގްރެސް އިން އާންމުންގެ މުދާ މުސްލިމުންނަށް ބަހާލާނެ: މޯދީ

22 އެޕްރީލް 2024

އިންޑިއާގައި އޮތް އާމްދަނީގެ ފަރަގު ނައްތާލުމަށް އެ ގައުމުގެ އިދިކޮޅު މައި ޕާޓީ، ކޮންގްރެސް އިން ވާ ވައުދަކީ އާންމުންގެ މުދާތައް މުސްލިމުންގެ މެދުގައި ބަހާލުން ކަމަށް ސިފަކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަ ދައްކަވައިފި އެވެ.

އިންޑިއާގައި އޮތް އާމްދަނީގެ ފަރަގު ނައްތާލުމަށް އެ ގައުމުގެ އިދިކޮޅު މައި ޕާޓީ، ކޮންގްރެސް އިން ވާ ވައުދަކީ އާންމުންގެ މުދާތައް މުސްލިމުންގެ މެދުގައި ބަހާލުން ކަމަށް ސިފަކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަ ދައްކަވައިފި އެވެ.

އާމްދަނީގެ ފަރަގު ކުޑަކުރުމަކީ ގާނޫނު ހަދާ މަޖިލިސް، ލޮކް ސަބާ، ގެ އިންތިހާބަށް ކޮންގްރެސް އިން ނެރުނު މެނިފެސްޓޯގައި މުހިންމު ވައުދެކެވެ.

މުސްލިމުންނާ ދެކޮޅު ސިޔާސަތުތައް އިސްކުރައްވާ މޯދީ އިއްޔެ ވިދާޅުވީ މިހާރު ކުރިއަށްދާ އިންތިހާބުގައި ކޮންގްރެސް އަށް ވެރިކަމުގެ ބާރުތައް ލިބިއްޖެ ނަމަ އާންމުންގެ މުދަލާއި ބިމާއި ރަންތައް ވެސް މުސްލިމުންނަށް ބަހާލާނެ ކަމަށެވެ.

"ކޮންގްރެސް އިން މިހާރުވެސް ވަނީ މި ގައުމުގެ ވަސީލަތްތަކުގެ މައްޗަށް ހައްގުތަކުގައި އިސްވާނީ މުސްލިމުން ކަމަށް ބަލައިގެންފައި،" ބީޖޭޕީގެ ކެންޑިޑޭޓެއްގެ ކެމްޕެއިން އެއްވުމެއްގައި މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވި ގޮތުގައި، މީހުންގެ މުދަލުގެ ތަފްސީލްތައް ހޯދުމާއި އަންހެނުންގެ އަތުގައި ރަނާއި ރިހި ހުރި ވަރު ބެލުމާއި ސަރުކާރު މުވައްޒަފުންގެ ބިމާއި ފައިސާގެ ހިސާބުތައް އެއްކުރުން ފަދަ ކަންކަމަށް ސާވޭއެއް ހަދާނެ ކަމަށް ކޮންގްރެސް އިން ވަނީ އިއުލާނުކޮށްފަ އެވެ. މޯދީ ވިދާޅުވީ ކޮންގްރެސް އިން އެ އުޅެނީ މީހުންގެ މުދަލުގެ ހިސާބުތައް ބެލުމަށް ފަހު އެންމެންނަށް އެއްވަރަށް ބަހާލަން ކަމަށެވެ.

"ބުރަ މަސައްކަތުން ހޯދާފައި ހުރި މުދަލާއި ފައިސާ ސަރުކާރަށް ނަގަން ދޫކޮށްލެވޭނެތަ؟" މޯދީ އެއްސެވި އެވެ.

މޯދީ މި ވާހަކަ މިގޮތަށް ދެއްކެވީ އާންމުންގެ މެދުގައި އާމްދަނީގެ ފަރަގު ބޮޑުވަމުން ދާތީ އެކަމުގެ ހަގީގަތް ދެނެގަތުމަށް ސާވޭއެއް ހަދައި ސިޔާސަތު ތަކަށް ބަދަލު ގެންނާނެ ކަމަށް ކޮންގްރެސް ލީޑަރު ރާހުލް ގާންދީ ވިދާޅުވެފައި ވާތީ އެކަމާ ގުޅުވައިގެންނެވެ.

ވާހަކައިގެ އަސްލު އޮޅުވާލައި މޯދީ ވިދާޅުވީ ކޮންގްރެސްގެ ފަރާތުން ބޮޑުވަޒީރުކަން ކުރެއްވި މަންމޯހަން ސިންގް 2006 ވަނަ އަހަރު ވަނީ ގައުމުގެ ވަސީލަތްތަކުގެ ފުރަތަމަ ހައްގުވެރިންނަކީ މުސްލިމުން ކަމަށް ވިދާޅުވެފައި ކަމަށެވެ.

"މާނަ އަކީ މުދާތައް ބަހާލާނީ ގިނައިން ދަރިން ތިބި މީހުންނަށް ގިނައިން ލިބޭ ގޮތަށޭ ... މިކަން ބަލައިގަނެވޭނެތަ؟،" މޯދީ ވިދާޅުވި އެވެ.

މޯދީ ވަނީ ކޮންގްރެސްގެ ރައީސް ސޯނިއާ ގާންދީގެ ނަން ވިދާޅުނުވެ އޭނާއަށް ވެސް މަލާމާތްކުރައްވައިފަ އެވެ. އިންތިހާބެއްގައި ވާދަކޮށްގެން ކާމިޔާބު ނުވާނެ މީހުން މައިދާން ދޫކޮށް ފިލައިފި ކަމަށް ވިދާުޅުވެ އޭނާ ވަނީ ކޮންގްރެސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ވެސް ހަމަނުވި ކަމަށް ވިދާޅުވެފަ އެވެ. އިންޑިއާ ރައްޔިތުން މިހާރު ދަނީ ކޮންގްރެސް އިން މީގެ ކުރިން ގެންގުޅު ސިޔާސަތުތަކުގެ ސަބަބުން ޕާޓީއަށް އަދަބު ދެމުން ކަމަށާއި ބީޖޭޕީ އަކީ ގައުމުގެ އެންމެ އާދައިގެ މީހާއަށް ވެސް އިންސާފުވެރި ޕާޓީ ކަމަށް މޯދީ ވިދާޅުވި އެވެ.