Roadha Mihaaru
ވިޖޭ އިންނަން ރެޑީވެ މީހަކު ހޯދަނީ

ވިޖޭ އިންނަން ރެޑީވެ މީހަކު ހޯދަނީ

13 އޯގަސްޓް 2023

ކައިވެންޏާ މެދު މިހާރު ވަރަށް ބޮޑަށް ވިސްނާ ކަމަށާއި އިންނާނެ މީހަކު ވެސް ހޯދަމުން އަންނަ ކަމަށް، ދެކުނު އިންޑިއާގެ ސިނަމާގައި އަދި ބޮލީވުޑްގައި ވެސް މަޝްހޫރު އެކްޓަރު ވިޖޭ ދޭވަރަކޮންޑާ ބުނެފި އެވެ.

ކައިވެންޏާ މެދު މިހާރު ވަރަށް ބޮޑަށް ވިސްނާ ކަމަށާއި އިންނާނެ މީހަކު ވެސް ހޯދަމުން އަންނަ ކަމަށް، ދެކުނު އިންޑިއާގެ ސިނަމާގައި އަދި ބޮލީވުޑްގައި ވެސް މަޝްހޫރު އެކްޓަރު ވިޖޭ ދޭވަރަކޮންޑާ ބުނެފި އެވެ.

ވިޖޭ މީޑިއާތަކާ އެ ވާހަކަ ހިއްސާކުރީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކުޝީ"ގެ ޕްރޮމޯޝަނަށް ހެއިދަރުބާދުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިވެންޓެއްގަ އެވެ. އެ ފިލްމަކީ ވިޖޭ އާއި ސަމަންތާ ރޫތު ޕްރަބޫ އެކުގައި ފެންނަ ފިލްމެކެވެ. އެ ފިލްމުގައި ދައްކާނީ ވެސް އަލަތު ކައިވެންޏެއް ކޮށްގެން އުޅޭ ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެކެވެ.

އެ އިވެންޓުގައި ވިޖޭ ބުނީ ކައިވެނީގެ ވާހަކަ ދައްކަންޏާ ކުރިން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. ނަމަވެސް، މިހާރު އޭނާ ދަންނަ ގިނަ މީހުންނާއި ރައްޓެހިން ވެސް ކައިވެނި ކުރާތީ، އެކަމާ މެދު ވަރަށް ބޮޑަށް ވިސްނަމުން އަންނަ ކަމަށެވެ.

"އަހަރެން ބޭނުން ކައިވެނިކުރަން. އަހަންނަށް ހީވަނީ އެއީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގައި ތަޖުރިބާކުރަން ބޭނުންވާނެ ކަމެއްހެން،" ވިޖޭ ބުންޏެވެ.

"އަހަރެން އިންނާނެ މީހަކު ހޯދަމުން އަންނަތާ ވެސް ދުވަސްތަކެއް ވެއްޖެ. ކުރިން އަހަރެން ރެޑީއެއް ނޫން. އެކަމަކު މިހާރު ހީވަނީ ދެތިން އަހަރުގެ ތެރޭގައި މީހަކާ އިންނާނަންހެން. ބަލަމާ ދޯ."

ކައިވެނީގެ ވާހަކަ ވިޖޭ ދެއްކި އިރު، އޭނާ އާއި ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓްރެސް ރަޝްމިކާ މަންދަނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެ ވާހަކަ ދެތަރިން ވެސް އަދި ކަށަވަރު ނުކޮށްދެ އެވެ.