Roadha Mihaaru
ޕޮޗެޓީނޯ އާއެކު ވެސް ޗެލްސީން ލިވަޕޫލާ އެއްވަރު

ޕޮޗެޓީނޯ އާއެކު ވެސް ޗެލްސީން ލިވަޕޫލާ އެއްވަރު

14 އޯގަސްޓް 2023

ލަންޑަން (އޮގަސްޓް 14) - ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއެކު އެޓީމު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ކޮށްފި އެވެ.

ލަންޑަން (އޮގަސްޓް 14) - ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއެކު އެޓީމު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ކޮށްފި އެވެ.

މިއާ އެކު އެންމެ ފަހުން ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި ހަތް މެޗު ވެސް ނިމިފައި މިވަނީ އެއްވަރު ވެގެންނެވެ.

މެޗުގެ ކުރީކޮޅު ލިވަޕޫލް ނުރައްކާކޮށް ފެނުނުއިރު އެންމެ ފުރަތަމަ ގޯލު ވެސް ޖެހީ އެޓީމުންނެވެ. ހާފުގެ 18 ވަނަ މިނިޓުގައި މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު ގޯލު ކާމިޔާބު ކޮށްދިނީ ލުއިސް ޑިއާޒް އެވެ. އޭގެ ކުރިން ސަލާހު ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވިއެވެ. މެޗުގެ 30 ވަނަ މިނިޓުގައި ސަލާހު ލިވަޕޫލަށް އިތުރު ގޯލެއް ވެސް ޖަހައިދިނެވެ. ނަމަވެސް ވީއޭއާރުން ނިންމީ އޭނާ އޮފްސައިޑް ކަމަށެވެ.

ޗެލްސީން ނަތީޖާ އެއްވަރުކުރީ 37 ވަނަ މިނިޓުގަ އެވެ. ބެން ޗިލްވެލްގެ އެހީތެރިކާމާ އެކު މި ގޯލު ޖަހައިދިނީ މި ސީޒަނުގައި މޮނާކޯ އިން 38.8 މިލިއަން ޕައުންޑަށް ގެނައި ފްރާންސް ޑިފެންޑަރު އަކްސެލް ޑިސާސީ އެވެ. އޭގެ ދެ މިނިޓު ފަހުން ކީޕަރު އެލިސަން ބެކާ ކައިރިން ނައްޓާފައި ޗިލްވެލް ގޯލެއް ޖެހި ނަމަވެސް އޭނާ އޮފްސައިޑް ވެގެން ގޯލު ބަލައެއް ނުގަނެ އެވެ.

ލިވަޕޫލްގެ މެކް އަލިސްޓާ، ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ކައިރިން ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ މެކް އަލިސްޓާ، ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ކައިރިން ބޯޅަ ހޯދަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން އާ ސީޒަނަށް ވަނީ އެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވިއްކާލައިފަ އެވެ. އެގޮތުން ގޯލްކީޕަރު އެޑުއާޑް މެންޑީ، ޑިފެންޑަރު ކަލިދޫ ކުލިބާލީ، މިޑްފީލްޑަރު އެންގޯލޮ ކަންޓޭ ސައުދީ ލީގަށް ފޮނުވާލިއިރު، ކައި ހަވާޓްޒް ވިއްކާލީ އާސެނަލް އަށެވެ. އަދި ރުބެން ލޮފްޓަސް ޗީކް އާއި ކްރިސްޓިއަން ޕުލިސިކް ވަނީ އިޓަލީގެ އޭސީ މިލާނާ ގުޅިފަ އެވެ. މިޑްފީލްޑަރު މޭސަން މައުންޓް މެންޗެސްޓާ ޔުނައިޓެޑަށް ފޮނުވާލިއިރު މަޓެއޯ ކޮވެސިޗް ވިއްކާލީ މެންޗެސްޓާ ސިޓީ އަށެވެ.

ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ހިލޭ ޓްރާންސްފާގައި އެތުލެޓިކޯ މެޑްރިޑާ ގުޅިފައި ވާއިރު އެޓީމުގެ އާ ކެޕްޓަނަކީ ރީސް ޖޭމްސް އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ މިދިޔަ ސީޒަންގައި ބްރައިޓަންގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ރޮބާޓް ސަންޗޭޒް އެވެ. ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ އަންނަނީ ލޯނު އުސޫލުން ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެފަ އެވެ.

ޗެލްސީން މި ސީޒަނަށް ސޮއި ކުރުވި ފްރާންސްގެ ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ އަނިޔާގައި ހުރި ނަމަވެސް ނިކޮލަސް ޖެކްސަން ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ.

ލިވަޕޫލާއި ޗެލްސީ އަކީ ވެސް މި ސީޒަނުގައި، ބްރައިޓަން އަށް ކުޅޭ މިޑްފީލްޑަރު މޮއީސެސް ކައިސެޑޯ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރާ ދެ ޓީމެވެ. ލިވަޕޫލުން 110 މިލިއަން ޕައުންޑަށް ބްރައިޓަން އެއްބަސް ކުރުވިއަސް ކައިސެޑޯ ބޭނުންވީ ޗެލްސީއަށް ބަދަލުވާށެވެ. މިއާ އެކު ބްރައިޓަން ވަނީ ޗެލްސީގެ އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 115 މިލިއަން ޕައުންޑްގެ ޑީލަށް އެއްބަސް ވެފަ އެވެ.

ލިވަޕޫލުން ވެސް ވަނީ އެޓީމުގެ ތިން ކުޅުންތެރިއަކު ސައުދީ ލީގަށް ފޮނުވާލައިފަ އެވެ. ރޮބާޓޯ ފިރްމީނޯ ހިލޭ ޓްރާންސްފާގައި ދިޔައިރު ފަބީނިއޯ އާއި ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ވިއްކާލީ އެވެ. އެޓީމުން ގެނައި އާ ކުޅުންތެރިން ކަމަށްވާ ޑޮމިނިކް ޒޮބޮޒްލައި އާއި އެލެކްސިސް މެކް އަލިސްޓާ ވަނީ ރޭގެ މެޗުގައި ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.