Roadha Mihaaru
ލިވަޕޫލުން ޗެލްސީ އަށް ފެންވަރު ދައްކާލައިފި

ކަޕް ފައިނަލްގެ ކުރިން ލިވަޕޫލުގެ ފެންވަރު ޗެލްސީ އަށް ދައްކާލައިފި

01 ފެބުރުއަރީ 2024

ލިވަޕޫލް (ފެބްރުއަރީ 1) - މިމަހުގެ ފަހުކޮޅު ކުޅުމަށް ހަމަޖެހިފައިވާ އިނގިރޭސި ލީގް ކަޕް ފައިނަލްގެ ކުރިން، ލިވަޕޫލުން 4-1 ގެ ނަތީޖާއަކުން އިނގިރޭސި ލީގުގައި ޗެލްސީ ބަލިކޮށް، އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

ލިވަޕޫލް (ފެބްރުއަރީ 1) - މިމަހުގެ ފަހުކޮޅު ކުޅުމަށް ހަމަޖެހިފައިވާ އިނގިރޭސި ލީގް ކަޕް ފައިނަލްގެ ކުރިން، ލިވަޕޫލުން 4-1 ގެ ނަތީޖާއަކުން އިނގިރޭސި ލީގުގައި ޗެލްސީ ބަލިކޮށް، އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް އެއްވަނައިގައި އޮތީ 22 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 21 މެޗުން 46 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ. ސިޓީ ވަނީ ރޭ ހޫލިއަން އަލްވަރޭޒްގެ ދެ ގޯލާއި ރޮޑްރީގެ ގޯލަކާ އެކު 3-1 އިން ބާންލީ ބަލިކޮށްފަ އެވެ.

ލީގުގެ ތިންވަނައިގައި އޮތީ އާސެނަލް އެވެ. އާސެނަލް ވަނީ އެންމެ ފަހުން 2-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްގެން، މިހާތަނަށް ކުޅުނު 22 މެޗުން 46 ޕޮއިންޓް ހަމަކޮށްފަ އެވެ. ހަތަރުވަނައިގައި އޮތީ ރޭ 3-2 އިން ބްރެންޓްފޯޑް ބަލިކުރި ޓޮޓެންހަމް ހޮޓްސްޕާ އެވެ. ޓޮޓެންހަމް ވަނީ 22 މެޗުން 43 ޕޮއިންތް ހޯދައިފަ އެވެ. ޓޮޓެންހަމާ އެއގޮތަށް އެސްޓަން ވިލާ ވެސް ވަނީ 22 މެޗުން 43 ޕޮއިންޓް ހޯދައިފަ އެވެ. އެސްޓަން ވިލާ ވަނީ އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން ބަލިވެފަ އެވެ.

ޗެލްސީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އެންމެ ބޮޑަށް ވިދާލީ ލިވަޕޫލްގެ 20 އަހަރުގެ ޑިފެންޑަރު ކޮނޯ ބްރެޑްލީ އެވެ. އޭނާ ވަނީ މެޗުގައި ގޯލެއް ޖަހައި، ޑިއޯގޯ ޖޮޓާ އާއި ޑޮމިނިކް ސޮބޮސްލައި އަށް ގޯލު ޖަހަން އެހީވެފަ އެވެ.\

މީގެ އިތުރުން ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް ރޭގެ މެޗުގައި ފޮނުވާލި ހަތަރު ހަމަލާއެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ހާފުގައި އެޓީމުގެ ތިންވަނަ ގޯލެއް ޖަހަން ޕެނަލްޓީއަކުން ފޮނުވާލި ހަމަލާ ވެސް ހިމެނެ އެވެ.

"އަހަރެމެންނަށް މާ ގިނަ ގޯލު މެޗުގައި ޖެހުނީސް. ފަސް ގޯލު ހަ ގޯލު ޗެލްސީ ކޮޅަކަށް ނުޖެހޭނެ ވަރަށް ތަފާތު މޮޅު ކުޅުމެއް ކުޅެގެން ނޫނިއްޔާ،" މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

މެޗުގެ 23 ވަނަ މިނިޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޖޮޓާ އެވެ. އަދި 39 ވަނަ މިނިޓުގައި ބްރެޑްލީ ލިވަޕޫލަށް ލީޑު ފުޅާ ކޮށްދިން އިރު، ސޮބޮސްލައި އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ. އޭގެ ހައެއްކަ މިނިޓު ފަހުން ކްރިސްޓޮފާ އެންކޫންކޫ ޗެލްސީ އަށް ގޯލެއް ޖަހައިދީފައި ވަނިކޮށް ލިވަޕޫލްގެ ހަތަރުވަނަ ގޯލު ލުއިސް ޑިއާޒް ޖަހައިދިނީ 79 ވަނަ މިނިޓުގަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލިބުނު 31 ޕޮއިންޓާ އެކު ޗެލްސީ އޮތީ ތާވަލްގެ 10 ވަނައިގަ އެވެ.

ޗެލްސީ އާއި ލިވަޕޫލަކީ މިއަހަރުގެ ލީގް ކަޕް ފައިނަލްގައި ވެސް ވާދަ ކުރާނެ ދެ ޓީމެވެ. ރޭގެ މެޗަކީ 2021/2022 ސީޒަނުން ފެށިގެން މި ދެ ޓީމުގެ ކުރިމަތިލުމެއްގައި 90 މިނިޓު ކުޅެގެން ނަތީޖާ ނެރުނު ފުރަތަމަ މެޗެވެ. މި މުއްދަތުގައި ދެ ޓީމު ބައްދަލުކުރި ހަތް މެޗުގައި ވެސް ފުރިހަމަ ވަގުތު ނިމުނީ އެއްވަރު ވެގެންނެވެ. މި ހަތް މެޗުގެ ތެރޭގައި 2022 ވަނަ އަހަރު ކުޅުނު އެފްއޭ ކަޕާއި ލީގް ކަޕް ފައިނަލް މެޗު ވެސް ހިމެނެ އެވެ. ދެ ފައިނަލް މެޗު ވެސް އެއްވަރު ވެގެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ޕެނަލްޓީ ޖަހައިގެން ދެ ފަހަރު ކުރި ހޯދާފައި ވެސް ވަނީ ލިވަޕޫލެވެ.

ލީގް ކަޕް ފައިނަލް މެޗުގެ ކުރިން ޗެލްސީ އަށް ވަރުގަދަ މެޗުތަކެއް އެބަ ހުއްޓެވެ. އެގޮތުން އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ރީޕްލޭގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، ޓޮޓެންހަމާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލީގުގައި ކުޅޭނެ އެވެ.