Roadha Mihaaru
މުއިއްޒުގެ މެނިފެސްޓޯ: ބިންވެރިންނަށް ގެދޮރު އަޅައިދެނީ

މުއިއްޒުގެ ހައުސިން މެނިފެސްޓޯ: ބިން ލިބޭ ކޮންމެ މީހަކަށް ސަރުކާރުން ގެދޮރު އަޅައިދޭނަން

20 އޯގަސްޓް 2023

ގޯތި ލިބޭ ފަރާތްތަކަށް ސަރުކާރުގެ އެހީގައި ގެތައް އިމާރާތްކޮށް ދިނުމަށާއި އުމުރުން 18 އަހަރު ފުރޭ ކޮންމެ މީހަކަށް ގޯތި ނުވަތަ ފްލެޓް ދިނުމުގެ ވައުދާ އެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ މިރޭ އިއުލާންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގޯތި ލިބޭ ފަރާތްތަކަށް ސަރުކާރުގެ އެހީގައި ގެތައް އިމާރާތްކޮށް ދިނުމަށާއި އުމުރުން 18 އަހަރު ފުރޭ ކޮންމެ މީހަކަށް ގޯތި ނުވަތަ ފްލެޓް ދިނުމުގެ ވައުދާ އެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ މިރޭ އިއުލާންކޮށްފި އެވެ.

މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާންކުރަން މިރޭ ހުޅުމާލޭ ދެވަނަ ފޭސްގައި ބޭއްވި ޖަލްސާގައި އިއުލާންކުރި މެނިފެސްޓޯގައިވާ ގޮތުން މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭނެ ކަން އިއުލާން ކޮށްފައިވާ ފަރާތްތަކަށް އެތަނުގައި ސަރުކާރުގެ އެހީގައި ގެދޮރު އިމާރާތްކޮށްދޭނެ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބިމެއް ލިބުނަސް، ބޮޑެތި ލޯނުތައް ނަގައިގެން ގެދޮރު ހެދޭނެ ތަނަވަސްކަން ގިނަ މީހުންނަށް ލިބިފައި ނެތް ކަމަށެވެ. އަދި ޑިވެލޮޕަރުން ލައްވާ ގެ އިމާރާތް ކުރުމުން ގިނަ މީހުންނަށް އޭގެ ފައިދާ ނުލިބޭ ކަމަށާއި އެހެންވެ، އޭނާގެ ސަރުކާރެއްގައި ސަރުކާރުން ގާއިމްކުރާ ހާއްސަ ފަންޑެއް މެދުވެރިކޮށް ބިމުގައި ގެދޮރު އިމާރާތްކޮށް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ބޭނުންވާ ޑިޒައިނަކަށް، ބޭނުންވާ އުސްމިނަކަށް އަޅުގަނޑުމެން ގެދޮރު ބިނާކޮށްދޭނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން އެކަމަށް ގާއިމްކުރާ ފަންޑުން ހޭދަކުރާ ފައިސާ އަނބުރާ ހޯދާނީ ގެދޮރު އިމާރާތްކޮށް ނިމުމުން ފައިސާ ދެއްކޭނެ ނިޒާމެއްގެ ތެރެއިންނެވެ. ގެދޮރު އިމާރާތްކޮށް ނިމުމުން ގިނަ މީހުންނަށް ބޭންކްތަކުން ލޯނު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭގެ ޖަލްސާގައި މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މުއިއްޒު ވިދާޅުވީ ކޮންމެ ވައުދެއް ވެސް މެނިފެސްޓޯގައި ހިމަނާފައިވަނީ ފަންނީ ބޭފުޅުންގެ ލަފައާ އެކު އަދި ވަރަށް ގިނަ ދިރާސާތަކެއް ހެދުމަށްފަހު ކަމަށެވެ. އަދި މެނިފެސްޓޯގެ ކޮންމެ ވައުދަކީ ވެސް ރައްޔިތުންނަށް ފުއްދައިދޭނެ ވައުދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވައުދެއް ނުވާނަން އެ ވައުދެއް ފުއްދާނެ ގޮތް ނޭނގި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހުރިހާ ކަމެއް ވެސް ގުޅިފައި އޮތް މައްސަލަ ކަމަށާއި އެކަން ހައްލު ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގައި އެއްވެސް ބައެއް ތަފާތު ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ، ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެކަން ފޯރުކޮށްދޭނަން." މުއިއްޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި ފުށިދިއްގަރުފަޅާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ގިނަ ބަޔަކަށް ބިން ދޫކުރާނެ އެވެ. އެގޮތުން ފުށިދިއްގަރު ފަޅު އެކަނި ހިއްކައިގެން މިހާރު އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ބޮޑު ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށާއި އެތަނުން 11،000 އަށް ވުރެ ގިނަ ގޯތި ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެންނަށް ވާ ވަރަށް މާލެއިން ގެދޮރު ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ މެނިފެސްޓޯގެ މުހިންމު ވައުދުތައް

- ގުޅީފަޅު ގިރާވަރު ފުށިދިއްގަރުފަޅު ހިއްކައިގެން 65،000 ގޯތި ދެވޭ ގޮތަށް މާލެ ސަރަހައްދު ތަރައްގީކުރުން.

- މެދުމިނުގެ އާބަން ހަތް ސަރަހައްދެއް އުތުރާއި ދެކުނުގައި ގާއިމްކުރުން.

- އައްޑޫ، ފުވައްމުލައް، ގއ އަދި ގދ. ގައި ޓްރާންޝިޕްމަންޓް ބަނދަރާއި ސިނާއީ މަސައްކަތްތައް ފުޅާކުރުން.

- 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް ގޯތި ނުވަތަ ފްލެޓް ދިނުން.

- ގެދޮރުވެރިކަމުގެ ލޯނުގެ އިންޓްރެސްޓް ފަސް ޕަސެންޓަށް ދަށްކުރުން، އަދި ލުއި ލޯނު ދިނުން.

- ޒުވާނުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ފްލެޓްތައް.

- ލިޔުން ލިބުމަށް ފަހު ފްލެޓާއި ގޯތި ނުލިބުނު އެންމެންނަށް ފްލެޓް ނުވަތަ ގޯތި

މުއިއްޒު ވިދާޅުވި ގޮތުގައި ކޮންމެ މީހަކަށް ބޯހިޔާވަހިކަން ލިބުނަސް، ބައެއް ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެ އެވެ. އެގޮތުން އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ސްކީމްތަކެއް ކޮންމެ ހައުސިން ސްކީމެއްގައި ތައާރަފްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމިއްލަ ބިންތައް އޮތް މީހުންނަށް ވެސް ލުއި ލޯނު ލިބޭ ގޮތަށް ހާއްސަ ޑިވެލޮޕްމަންޓް ބޭންކެއް އުފައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.