Roadha Mihaaru
ދިވެހި އިންޝުއަރެންސްގެ އަހަރީ ދުވަސް ފާހަގަކޮށްފި

ދިވެހި އިންޝުއަރެންސަށް ހަތް އަހަރު ފުރުން ފާހަގަކޮށްފި

21 އޯގަސްޓް 2023

ދިވެހި އިންޝުއަރެންސަށް ހަތް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިވެހި އިންޝުއަރެންސަށް ހަތް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ޗެއާމަން އޮފް ހޮޓެލްސް އެންޑް ރިޒޯޓްސް ކޮންސްޓްރަކްޝަން އަދި އެމްއެންއޭސީއައިގެ ރައީސް މުހައްމަދު ޖަނާހު އަލީ ޝަރަފްވެރިކޮށްދެއްވި މި ހަފްލާގައި ދިވެހި އިންޝުއަރެންސްގެ އިސްވެރިންނާއި ބޯޑު މެމްބަރުން އަދި ސްޓާފުންނާއި އެ ކުންފުނީގެ ކްލަޔަންޓުން ބައިވެރިވި އެވެ.

މި ހަފްލާގައި އެ ކުންފުނީގެ ޗެއާމަން އަބްދުލް ވާހީދު ތައުފީގާއި މެނޭޖިން ޑިރެކްޓަރު އަހްމަދު އަމީލް ވަނީ ކްލަޔަންޓުން ދިވެހި އިންޝުއަރެންސަށް ކުރާ އިތުބާރު ފާހަގަކުރައްވައި ކަސްޓަމަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކުންފުނި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް އެ ކުންފުނީގެ ސީނިއާ މެނޭޖުމަންޓު ދެމި ތިބޭނެކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ވެބްސައިޓު ވަނީ އިތުރަށް ފުރިހަމަކޮށް އާ ފީޗާތަކަކާ އެކު ލޯންޗުކޮށްފަ އެވެ.

ދިވެހި އިންޝުއަރެންސުން ބުނީ އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޔޫސާ ފްރެންޑްލީކުރުމަށް ވެބްސައިޓުގެ އިންޓަފޭސް އަޕްގްރޭޑުކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް ފަސޭހައިން ޖަވާބު ހޯދޭނެ ލައިވް ޗެޓު ފީޗާއެއް ހިމެނޭ ކަމަށެވެ.

އަހަރީ ދުވަހުގެ ހާއްސަ ހަފްލާގައި އެ ކުންފުނީގެ މުވައްޒަފުންނާއި ކްލަޔަންޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހާއްސަ އެވޯޑުތަކެއް ދީފަ އެވެ.

ކްލަޔަންޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑުތަކަކީ:

- ރިކޮގްނިޝަން އޮފް ސަޕޯޓިން ޕާޓްނާސް އެވޯޑް

- ޓޮޕް ޓްރޭޑް ކްރެޑިޓް ސަޕްލަޔާ އެވޯޑް

- ޓޮޕް ކޮންޓްރިބުއިޓިން އިންޓަމިޑިއަރީޒް އެވޯޑް

- ޓޮޕް މޮޓޯ ޕާޓްނާ އެވޯޑް

- ޓޮޕް ކޮންޓްރިބިއުޓިން ކަސްޓަމާޒް އެވޯޑް

- މޮސްޓް ވެލިއުބަލް ކޮންޓްރިބިއުޓާ އެވޯޑު

ސްޓާފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑުތަކަކީ:

- ބެސްޓް ޕާފޯމިން ސްޓާފް އެވޯޑް

- ޓޮޕް ކޮންޓްރިބިއުޓިން ސޭލްސް ސްޓާފް އެވޯޑް

- ޗެއާމަންސް އެކްސެލެންސް އެވޯޑް

މި ހަފްލާގައި ހާއްސަ ހަރަކާތެއްގެ ގޮތުގައި ލައިވްކޮށް ސުވާލާއި ޖަވާބު ދިނުމުގެ "ކަހޫޓް" ގޭމެއް ކުރިއަށް ގެންގޮސް އެންމެ ގިނަ ސުވާލުތަކަށް އެންމެ އަވަހަށް ރަނގަޅު ޖަވާބު ދިން ފަރާތަށް ހާއްސަ އިނާމެއް ވެސް ވަނީ ދީފަ އެވެ.

ދިވެހި އިންޝުއަރެންސަކީ 2016 ވަނަ އަހަރު ރަޖިސްޓާކޮށް އިންޝުއަރެންސްގެ ހިދުމަތް ދޭން ފެށި ކުންފުންޏެކެވެ.