Roadha Mihaaru
ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ

ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ

22 އޯގަސްޓް 2023

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އަނެއްކާ ވެސް އުފުލި، 18ރ. އަށް ވުރެ ވެސް މައްޗަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، އަނެއްކާ ވެސް އުފުލި، 18ރ. އަށް ވުރެ ވެސް މައްޗަށް އަރައިފި އެވެ.

ކަޅު ބާޒާރުގައި މި ވަގުތު ޑޮލަރެއްގެ ރޭޓު އުޅެނީ 18.10ރ އާއި 18.30ރ. އާ ދެމެދުގަ އެވެ. ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، ޑޮލަރުގެ އަގު 18ރ. އަށް ވުރެ މައްޗަށް އެރީ މީގެ ހަފްތާއެއް ކުރިން ކަމަށެވެ. ޑޮލަރުގެ އަގު އެހާ ބޮޑަށް އުފުލުނީ، ނަގުދު ފައިސާ ނުވަތަ ކޭޝްގެ ގޮތުގައި ޑޮލަރު ލިބޭ ވަރު ވަރަށް ބޮޑަށް މަދުވުމުން ކަމަށް އޭނާ ބުންޏެވެ.

އާންމުކޮށް ޑޮލަރު ވިއްކާ ތަންތަނުން ޑޮލަރުގެ އަގު 18ރ. އިން މަތީގައި ހުރި ނަމަވެސް، ބޮޑެތި އަދަދުތަކުން ޑޮލަރު ގަންނަ ފަރާތްތަކަށް 17.90ރ. އާއި 17.95ރ. އާ ދެމެދުގެ އަގުތަކެއްގައި ޑޮލަރު ލިބޭ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.

"މިހާރު ޑޮލަރު އޭޖެންޓުންނަށް ވެސް ލިބެނީ މާ ބޮޑު ރޭޓެއްގައި. މިހެން ވާން ފެށީ، ޓޫރިސްޓުން ކާޑުން ޕޭމެންޓް ހެދުން އިތުރުވުމުން ކަމަށް މި ބެލެވެނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ވިޔަފާރީގައި އުޅޭ ބިދޭސީންނަށް ވެސް ޑޮލަރު ލިބެނީ 18 ރުފިޔާ އިން މަތިން ކަމަށެވެ.

ޑޮލަރުގެ އަގު ހަފްތާއެއް ތެރޭ ދަށް ނުވެއްޖެ ނަމަ، ދެން އަނެއްކާ ވެސް ޑޮލަރުގެ އަގު 18ރ. ގައި ހަރުލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

ދެ މީހަކު މަގުމަތީ ހުރެގެން ޑޮލަރުގެ ވިޔަފާރި ކުރަނީ. ޑޮލަރު ރޭޓު މައްޗަށް ދާން ފެށީ މީގެ ހަފްތާއެއް ކުރިން-- ފޮޓޯ: މިހާރު

ދެ މީހަކު މަގުމަތީ ހުރެގެން ޑޮލަރުގެ ވިޔަފާރި ކުރަނީ. ޑޮލަރު ރޭޓު މައްޗަށް ދާން ފެށީ މީގެ ހަފްތާއެއް ކުރިން-- ފޮޓޯ: މިހާރު

މިދިޔަ ބޮޑު ޗުއްޓީއާ ހައްޖު ދުވަސްވަރާ ދިމާކޮށް ޑޮލަރުގެ އަގު 18ރ. އަށް ވުރެ މައްޗަށް އެރި އެވެ. އެހެން ނަމަވެސް ދެ ހަފްތާ ވަރު ފަހުން ޑޮލަރުގެ އަގު 17.50ރ. އަށް ވެއްޓުނެވެ.

ޑޮލަރުގެ އަގު މަތިވި އިރު، ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. މިމަހު އެވްރެޖުކޮށް ދުވާލަކު 5،600 ޓޫރިސްޓުން އާދެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 17 ޕަސެންޓުގެ އިތުރުވުމެކެވެ. އެހެން ނަމަވެސް، އިގްތިސާދުގައި ޑޮލަރު ދައުރުވާ ވަރު ވަރަށް ބޮޑަށް މަދު ކަމަށް އެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން ބުންޏެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ޑޮލަރުގެ އަގު 20ރ. އަށް ވެސް އެރި އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 2021 ވަނަ އަހަރުން ފެށިގެން ހުރީ 17:30ރ. އާއި 17:45ރ. އާ ދެމެދުގައި ހުރީ ހިފެހެއްޓެވި އެވެ. އެއަށް ފަހު މިއަހަރު އަނެއްކާ ވެސް ޑޮލަރުގެ އަގަށް ދޭތެރެއަކުން ބޮޑު ބަދަލެއް އާދެ އެވެ.