Roadha Mihaaru
މުއިއްޒަށް މަރުހަބާ ކިޔަން އައްޑޫން ގިނަބަޔަކު ނުކުތް

މުއިއްޒަށް މަރުހަބާ ކިޔަން އައްޑޫން ގިނަ އަދަދެއްގެ ބަޔަކު ނުކުމެއްޖެ

21 އޯގަސްޓް 2023

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު މިއަދު ނުކުމެއްޖެ އެވެ.

އިފްރާޒް އަލީ ސ. ގަމުން އިފްރާޒް އަލީ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު މިއަދު ނުކުމެއްޖެ އެވެ.

މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑު އަށް މުއިއްޒު ވަޑައިގަތީ މިއަދު ހަވީރު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން މުއިއްޒަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ވެސް މި ދަތުރުގައި ބައިވެރިވެ އެވެ.

މުއިއްޒަށް މަރުހަބާ ކިޔުމަށް އައްޑޫގެ ކުދިބޮޑު ގިނަ ބަޔަކު އެއާޕޯޓުގައި ތިއްބެވެ.

އޭނާއަށް މަރުހަބާ ކިޔުމަށް ދިޔަ މީހުންގެ ދިގު ސަފު އަތުރާލާފައި އޮތީ ގަން އެއާޕޯޓުގެ އެރައިވަލް ޓާމިނަލުން ފެށިގެން ސައުތު ލޭންޑް ރެސްޓޯރެންޓާ ހަމައަށެވެ.

އެތަނުގައި ތިބި ބައެއް މީހުން ބުނި ގޮތުގައި، މީގެ ކުރިން ދުވަހަކު ވެސް ޕީޕީއެމަށް މަރުހަބާ ކިޔުމަށް އައްޑޫން މިހާ ގިނަ އަދަދެއްގެ ބަޔަކު ނުނިކުމެ އެވެ.

ގިނަ ބަޔަކު ސަފުގައި ތިބިއިރު، ލޮރީތަކުގައި ވެސް ގިނަ ބަޔަކު ދިދަ ހިފައިގެން ތިއްބެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށާއި މުއިއްޒު "އެއް ބުރުން" ހޮވާނެ ކަމަށް މީހުން ދިޔައީ ގޮވަމުންނެވެ.

މި ދަތުރުގައި، އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މުއިއްޒުއަށް ތާއިދުކުރައްވަން ނިންމާފައިވާ، އައްޑޫ މީދު އަށް އުފަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި އޭނާގެ ޓީމެއް ވެސް ބައިވެރިވެ އެވެ.

އައްޑުއަށް ދެ ދުވަހަށް ކުރައްވާ މި ކެމްޕެއިން ދަތުރުގައި މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ފޭދުއަށެވެ. އަދި މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

މާދަމާ އައްޑޫގެ އެހެން ރަށްތަކަށް ވެސް އޭނާ ވަޑައިގަންނަވާނެ އެވެ.