Roadha Mihaaru
"ބްރިޖެއް އެޅިތަނާއި އަޅަން އުޅެ ނޭޅުނުތަން ފެނިއްޖެ"

ބްރިޖެއް އެޅި ސަރުކާރަކާއި އަޅަން އުޅެ ނޭޅުނު ބަޔަކު ވެސް ފެނިއްޖެ: މުއިއްޒު

21 އޯގަސްޓް 2023

ބްރިޖެއް އެޅި ސަރުކާރަކާއި ބްރިޖެއް އަޅަން އުޅެ ނޭޅުނު ސަރުކާރެއް ވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި އެހެންވެ، އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދޭއިރު އާންމުން އެކަމާ މެދު ވަރަށް ރަނގަޅަށް ވިސްނުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

އިފްރާޒް އަލީ ސ. ހިތަދޫން އިފްރާޒް އަލީ

ބްރިޖެއް އެޅި ސަރުކާރަކާއި ބްރިޖެއް އަޅަން އުޅެ ނޭޅުނު ސަރުކާރެއް ވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި އެހެންވެ، އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދޭއިރު އާންމުން އެކަމާ މެދު ވަރަށް ރަނގަޅަށް ވިސްނުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕެއިނަށް އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ ތިލަމާލެ ބްރިޖު ޕްރޮޖެކްޓަށް ފާޑުވިދާޅުވެ މުއިއްޒު އެ ވާހަކަ ދެއްކެވީ، ހިތަދު އާއި ހުޅުމީދުއާ ދެމެދުގައި ވެސް ބްރިޖެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއް ކަން ފާހަގަކުރައްވައި އެ ވާހަކައިގެ ތެރެއިންނެވެ.

މުއިއްޒު ވިދާޅުވީ ބްރިޖަކީ އެއާ އެކު ގައުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ވަރުގަދަ އިންވެސްޓްމަންޓެއް ކަން ޔާމީންގެ ސަރުކާރުގައި، ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އޭނާގެ ވެސް ބެއްލެވުމުގެ ދަށުން އިމާރާތްކުރި ސިނަމާލެ ބްރިޖާ އެކު މިހާރު ޔަގީން ވެފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެންވެ، އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ހުޅުމީދޫ-ހިތަދޫ ބްރިޖު ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން މިރޭ މުއިއްޒު ދެއްވި އެވެ. އެއީ އައްޑޫގެ ޓޫރިޒަމަށާއި ވަޒީފާގެ ބާޒާރަށް ވެސް ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބޭނެ މަޝްރޫއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި ބްރިޖު އެޅުމުގެ މަޝްރޫއުތައް މިހާތަނަށް ތަފާތު ފެނިފައި ވާނީ. ބްރިޖެއް އެޅުނު ތަނާއި އަޅަން އުޅެ ނޭޅުނު ތަނާ ފެނިފައި ވާނީ،" ސިނަމާލެ ބްރިޖުގެ މަސައްކަތުގައި ޔާމީންގެ ސަރުކާރުގެ ފަރާތުން އިސްދައުރެއް އަދާކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުން ހިޔާރުކުރަންވީ ބްރިޖު އެޅިފައި ތިބި ފަރާތްތޯ، އަޅަން އުޅެ ނޭޅުނު ފަރާތްތޯ ތިމަންނަމެން ގައުމު ހަވާލުކުރަންވީ."

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ސަރުކާރުން އިންޑިއާގެ އެހީގައި ހަދާ ތިލަމާލެ ބްރިޖު ޕްރޮޖެކްޓު ހިންގާ ގޮތަށް، މި ކެމްޕެއިންގެ ތެރެއިން ބޭއްވި އެހެން ޖަލްސާތަކުގައި ވެސް މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ކަންކަން ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަން ފާހަގަކުރައްވައި، މުއިއްޒު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިއަދު ހަވީރު ސ. ފޭދޫގައި ބޭއްވި ޖަލްސާގައި ވެސް މުއިއްޒު ވަނީ ހުޅުމީދޫ-ހިތަދޫ ބްރިޖުގެ ވާހަކަ ދައްކަވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ބްރިޖަކީ ދިވެހި ރައްޔިތުންނަށް ފެނިގެން ގޮސްފި، ރައީސް ޔާމީން ބްރިޖު އަޅުއްވާފައި އޮތް ތަން. ދެން ވެސް އިރާދަކުރެއްވިއްޔާ ބްރިޖު އަޅާނީ ޕީޕީއެމް/ޕީއެންސީން. އެ ކަނިކުފާނު [ޔާމީން] ބްރިޖު އެޅި ގޮތަށް އަނެއްކާވެސް ބްރިޖު އެޅިގެން ދާނީ މި ސިޓީގައި،" މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ފޭދޫގައި ވިދާޅުވި އެވެ.