Roadha Mihaaru
"ހަތަރު ދުވަހު އޮފީހަށް ނުކުތުމުން ނަތީޖާ ރަނގަޅު"

ހަފުތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުންނަ ގޮތަށް ހެދުމުގެ ނަތީޖާ ވަރަށް ރަނގަޅު: ޕީޖީ އޮފީސް

23 އޯގަސްޓް 2023

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުންނަ ގޮތަށް ހަމަޖެއްސުމުން ހީކުރި ވަރަށް ވުރެ ނަތީޖާ ރަނގަޅު ކަމަށް އެ އޮފީހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުންނަ ގޮތަށް ހަމަޖެއްސުމުން ހީކުރި ވަރަށް ވުރެ ނަތީޖާ ރަނގަޅު ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ވަނީ ކޮންމެ އަހަރެއްގެ ދެ ހަފުތާއެއްގައި ހަތަރު ދުވަހު މުވައްޒަފުން އޮފީހަށް ނުކުންނަ ގޮތަށް ހަމަޖައްސައިފަ އެވެ. އޭގެ ފުރަތަމަ ބުރު މިދިޔަ މާޗް މަހާއި އޭޕްރީލް މަހު އެ އޮފީހުން ކުރިއަށް ގެންދިޔަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ހަތަރު ދުވަހު މަސައްކަތްކުރި ހަފުތާތަކުގައި ހީކުރި ވަރަށް ވުރެ ނަތީޖާ ރަނގަޅު ކަމަށެވެ. އެގޮތުން ގަޑި ޖެހުނު މުވައްޒަފުންނާއި ސަލާމް ބުނި މުވައްޒަފުންގެ އަދަދު މަދުވުމުގެ އިތުރަށް ރަސްމީ މަސައްކަތުގެ ސްޕީޑް އިތުރަށް ހަލުވި ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ހަފުތާތަކުގައި ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވެފައިވާ ކަމަށާއި އަދި ޑިއުޓީ ޕްރޮސެކިއުޝަންގައި މަޝްވަރާކުރި މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ހަމަޖައްސާފައިވަނީ ހަތަރު ދުވަހު މަސައްކަތްކުރާ ހަފުތާތަކުގައި އެއް ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ. ނަމަވެސް މުހިންމު ކަންކަމުގައި ނުކުންނަންޖެހޭ މުވައްޒަފުން އޮފީހަށް ހާޒިރުވާން ޖެހޭނެ އެވެ.