Roadha Mihaaru
ސަރުކާރުން ނަޝީދަށް ރައްދު ދީފި

ސަރުކާރުން ނަޝީދަށް ރައްދުދީފި

27 މާޗް 2021

ކޮވިޑް-19 ގެ ފަރުވާ އަށް ރާއްޖެ އަށް ވެންޓިލޭޓަރުތަކެއް ގެންނަން ކުރި މަސައްކަތުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަަޕްޝަނުގެ އަމަލުތަކާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ސަރުކާރުން މިރޭ ރައްދު ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ގެ ފަރުވާ އަށް ރާއްޖެ އަށް ވެންޓިލޭޓަރުތަކެއް ގެންނަން ކުރި މަސައްކަތުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަަޕްޝަނުގެ އަމަލުތަކާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ސަރުކާރުން މިރޭ ރައްދު ދީފި އެވެ.

ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގަންނަން 30 މިލިއަން ރުފިޔާ ދައްކައި އެކަމަކު އެ އެއްޗެހި ނުލިބުނު މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވި މައްސަލައިގައި ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ނަޝީދު މިއަދު ވަނީ ފާޑުވިދާޅުވެފަ އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި މަތި ޖެހުނަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށެވެ. އަދި ފެނިވަޑައިގަންނަވަނީ މި ސަރުކާރުން މިކަމުގައި ބައިވެރިވެފައިވާ ތަން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ދެން ލިއުއްވީ "ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ" ކަމަށެވެ.

ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން، އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "މޫނުމަތި" ވަރަށް ބޮޑަށް ހަޑިވެފައި ވަނިކޮށް، ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕީޖީ ޝަމީމާއި މުސްތަގިއްލު މުއައްސަސާތަކުގެ މަސައްކަތްތައް ދިފާއު ކޮށްފަ އެވެ. އެކަމަކު، ނަޝީދުގެ ތުހުމަތުތައް ސީދާ ދޮގުކޮށްފައެއް ސަރުކާރުގެ ބަޔާނަކު ނެތެވެ.

ރައީސް އޮފީހުން ބުނީ، ކޮވިޑް-19 އަށް ސަރުކާރުން ހަރަދުކުރި ގޮތާ ބެހޭ ގޮތުން އޮޑިޓާ ޖެނެެރަލް ހަސަން ޒިޔަތު ނެރުއްވި ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ކަންތައްތައް ތަހުގީކުރަން ފުލުހުންނަށައި އޭސީސީ އަށް އިސްްވެ ހުށަހެޅީ ސަރުކާރުން ކަމަށެވެ. އެ މައްސަލަަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފުލުހުންނަށް އޭރު އެންގި ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެގޮތުން އެ މައްސަލަ ތަހުގީގުކުރީ އޭސީސީން ކަމަށް ވާއިރު، އެކަން ކޮށްފައި ވަނީ މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"އެ މުއައްސަސާއިން ކުރެއްވި ތަހުގީގަށް ބޭނުންވާ އެންމެހައި މައުލޫމާތުތަކާއި އެއްބާރުލުން އެ ކޮމިޝަނަށް ސަރުކާރުން ވާނީ ދީފަ އެވެ،" ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނުގައި މަތި އަޅަން އުޅޭކަމަށް ނަޝީދު ކުރެއްވި ތުުހުމަތަށް ރައްދު ދެމުން ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ވެންޓިލޭޓަރުތައް ގަންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ދެކޮޅަށް ދައުވާ ކޮށްދޭން އޭސީސީން އެދުނެވެ. އެކަމަކު އެ މައްސަލައިގައި އެއްވެސް ފަރާތަކާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ނިންމެވީ އެކަމުގައި އެކަކަށް ވެސް ދައުވާ ނުކުރުމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެން ވެސް ޕީޖީގެ އެ ނިންމެވުމާ މެދު ނަޝީދު ގެންދެވީ ފާޑުވިދާޅުވަމުންނެވެ. އެ ނިންމުން މުރާޖައާ ކުރެއްވުން އެދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ވެސް އެދިވަޑައިގަތީ އެ މަނިކުފާނެވެ. އެންމެ ފަހުން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން ވެސް ނަޝީދު، އެމްޑީޕީގެ މެމްބަރުންނަށް އިލްތިމާސް ކުރެއްވި އެެވެ.

ނަޝީދުގެ އެ މަސައްކަތްޕުޅަށް ރައްދުދީ ރައީސް އޮފީހުގެ ބަޔާނުގައި ބުނިގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ މުސްތަގިއްލުކަން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައި ވެ އެވެ. އެ މިނިވައްކަން ދީފައި އެ ވަނީ ނުފޫޒެއް ނެތި ދައުވާކުރަން ކަމަށް ރައީސް އޮފީހުން ބުންޏެވެ

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެފަދަ އުސޫލުތައް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

"އެހެންކަމުން ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި، އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާ ބެހޭ މުއައްސަސާތަކުން ކުރާ އެންމެހައި މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވަ އެވެ،" ބަޔާނުގައި ވެ އެވެ.