Roadha Mihaaru
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން

ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން

27 އޯގަސްޓް 2023

އަންނަ ރިޔާސީ ދައުރުގައި ރާއްޖެ އަށް ތިން މިލިއަން ޓޫރިސްޓުން ހަމަކޮށް، ފަސް މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ ރިޔާސީ ދައުރުގައި ރާއްޖެ އަށް ތިން މިލިއަން ޓޫރިސްޓުން ހަމަކޮށް، ފަސް މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. ވިލުފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން އިތުރު ކުރަން، ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އިގްތިސާދު ދެ ގުނަ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުން ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މައި ތިން އެއާޕޯޓުގެ އިތުރުން އަތޮޅު ތެރޭގެ ދަތުރުފަތުރުގެ ނިޒާމު މިހާރަށް ވުރެ ފަސޭހަ ކުރުމާއި ކަނޑުމަގުން އާރުޓީއެލް ފެރީން ގުޅާލުމަކީ ރާއްޖެ އަށް ޓޫރިސްޓުން އިތުރު ކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު މސައްކަތް ކަމަށެވެ.

"އޭގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާ އިރަށް ތިން މިލިއަން ކަޑައްތުކޮށް، ފަސް މިލިއަނާ ހަމައަށް އަމާޒު ހިފުމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ.ވިލުފުށީގެ ރައްޔިތުންނާ ސަލާމް ކުރަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ.ވިލުފުށީގެ ރައްޔިތުންނާ ސަލާމް ކުރަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު 1.4 މިލިއަން ޓޫރިސްޓުން އައި އިރު ކޮވިޑުގެ ހާލަތަށް ފަހު އިގްތިސާދު ކޮޅަށް ޖަހައި، މި އަހަރު ނިމޭ އިރު 1.9 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށެވެ. ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި ހާސިލް ކުރަން ބޭނުންވާ އަމާޒު ވެސް ހާސިލްވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖެ އިޝްތިހާރު ކުރަން ހޭދަކުރަނީ އެންމެ ތިން މިލިއަން ޑޮލަރެވެ. އެކަމަކު މިހާރު އެ އަދަދު 10 މިލިއަން ޑޮލަރަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ދޫކޮށްލާފައި އޮތީ ޕްރައިވެޓް ސެކްޓަރަށް. ސަރުކާރުގެ މާބޮޑު ދައުރެއް އެކަމުގައެއް ނެތް. އަޅުގަނޑުމެން އައިސް މިހާރު އެ އަދަދު ތިން ގުނަކޮށްފިން. ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން 15 މިލިއަން ޑޮލަރަށް އެ އަދަދު ޖައްސާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޓޫރިސްޓުން އަންނަ ވަރު އިތުރުކުރާ އިރު ރާއްޖޭގެ އުތުރާއި ދެކުނުގެ ޓޫރިސްޓު އެނދުގެ އަދަދު އިތުރު ކުރާނެ ކަމަށެވެ. ވިދާޅުވީ، މި ހިނގާ ދައުރުގައި ރާއްޖެ އަށް 3،000 އެނދު އިތުރުކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމަށް ގެނައި ކުރިއެރުންތަކާ އެކު 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދުގެ ސައިޒު 80 ބިލިއަން ރުފިޔާ އިން 170 ބިލިއަން ރުފިޔާ އަށް ބޮޑު ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.