Roadha Mihaaru
އިޒްރޭލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުމުން މައްސަލަ ގޯސް

އިޒްރޭލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރުމުން މައްސަލަ ގޯސްވެއްޖެ

28 އޯގަސްޓް 2023

ލީބިޔާގެ ޚާރިޖީ ވަޒީރު ނަޖްލާ އަލް މަންޤޫޝް، އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެންއާ ބައްދަލުކުރެއްވުމާ ގުޅިގެން، ލީބިޔާގެ އެތެރޭގައި އެ މައްސަލަ ހޫނުވެ، އެކަން ތަހުގީގު ކުރުމަށް ލީބިޔާ ސަރުކާރުން ނިންމައިފި އެވެ.

ލީބިޔާގެ ޚާރިޖީ ވަޒީރު ނަޖްލާ އަލް މަންޤޫޝް، އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެންއާ ބައްދަލުކުރެއްވުމާ ގުޅިގެން، ލީބިޔާގެ އެތެރޭގައި އެ މައްސަލަ ހޫނުވެ، އެކަން ތަހުގީގު ކުރުމަށް ލީބިޔާ ސަރުކާރުން ނިންމައިފި އެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެން ވިދާޅުވި ގޮތުގައި ލީބިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުވީ، އިޓަލީ ވިލާތުގެ ރޯމްގައި އޮތް ސަމިޓެއްގެ ހަވާސާގައި ލިބުނު ވަރަށް ހަނި ފުރުސަތަކުންނެވެ. ނަމަވެސް ލީބިޔާގެ ޚާރިޖީ ވަޒީރާ އެކުގައި ބޭއްވި އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ދެ ބޭފުޅުން ނުރަސްމީ ބައްދަލުވުމެއް ބޭއްވި ކަން އެނގުނީ ވެސް، ލީބިޔާގެ ޚާރިޖީ ވަޒީރު އެކަން ހާމަ ކުރެއްވުމުންނެވެ. އެކަން އާންމުންނަށް އެނގުމާ ގުޅިގެން ލީބިޔާގެ ރައްޔިތުން އަންނަނީ ލީބިޔާ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ފަލަސްތީނު އަޅުވެތިކޮށްގެން އޮވެ އަރަބި ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް އިޒްރޭލުން މަސައްކަތް ކުރަމުން އަންނަ އިރު، ލީބިޔާއަކީ އެކަމާ ދެކޮޅު ހަދައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވަކާލާތު ކުރަމުން އަންނަ ގައުމެކެވެ.

ލީބިޔާ ދެ ބައިވެ ދެ ސަރުކާރެއް އުފައްދާފައި އޮތް އިރު، ލީބިޔާގެ ތިން ޕްރޮވިންސެއް ތަމްސީލުވާ ގޮތަށް ގާއިމުކޮށްފައިވާ އަދި ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލުކުރާ ސަރުކާރުން ބުނި ގޮތުގައި އިޒްރޭލާ އެކުގައި ގުޅުން އުފެއްދުމަކީ ޣައިރު ގާނޫނީ ކަމެކެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައިވަނީ، ޚާރިޖީ ވަޒީރު ނަޖްލާ އެވަނީ އެންމެ ބޮޑު ޚިޔާނާތުން ޚިޔާނާތްތެރިވެފައި ކަމަށެވެ. އެ ކަމާ ގުޅިގެ ޚާރިޖީ ވަޒީރު ނަޖްލާ މަގާމުން ދުރުކޮށް، އޭނާގެ އެ މައްސަލަ ތަހުގީގު ކުރުމަށް ބޮޑުވަޒީރު އަބްދުލް ހަމީދު އައްދުބައިބާ ވަނީ، ތަހުގީގީ އިދާރާ އަށް އަންގަވައިފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ލީބިޔާގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވަނީ، އިޒްރޭލުގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވަން އެދިވަޑައިގެން ހުށަހެޅުއްވުމުން، އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު މީޑިއާގައި ތިލަވެގެން އުޅޭ ވާހަކައަކީ، އިޓަލީގެ ޚާރިޖީ ވުޒާރާގައި އޮތް ބައްދަލުވުމެއް ނިންމަވާފައި ލީބިޔާގެ ޚާރިޖީ ވަޒީރު ނުކުންނެވި ވަގުތު، އިޒްރޭލުގެ ޚާރިޖީ ވަޒީރު ވަޑައިގެން އަމިއްލައަށް ދެއްކެވި ވާހަކަތަކެއް ކަމަށާއި، އެކަންކަމާ ބެހޭ ގޮތުން ލީބިޔާގެ ޚާރިޖީ ވަޒީރު އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު މީޑިއާގައި ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ލީބިޔާގެ ގިނަ އަދަދެއްގެ އާންމުން ވެރިރަށް ޓްރިޕޮލީ އާއި ބޮޑެތި ސަހަރުތަކުގެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ޚާރިޖީ ވަޒީރު ހައްޔަރުކޮށް ޖަލަށް ލުމަށް ދަނީ ގޮވަމުންނެވެ. މަގުތައް ބަންދުކޮށް މުޒާހަރާ ކުރަމުންދާ މީހުން ފަލަސްތީނުގެ ދިދަ ހޫރުވައި އިޒްރާލު ކުށްވެރި ކުރަމުން ދާއިރު، އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ވެސް މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ.

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ވެރިކަން މީގެ 12 އަހަރު ކުރިން، އެމެރިކާ ސިފައިން އަރައި ވައްޓައިލުމަށް ފަހު، އެ ގައުމުގައި އަދިވެސް އޮތީ ދާޚިލީ ހަނގުރާމަ އެވެ. ގައުމު ދެބައިވެ، ދެކޮޅުގައި ދެ ވެރިކަން ގާއިމުކޮށް ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް އިރު، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.