Roadha Mihaaru
ލީބިޔާގެ ޚާރިޖީ ވަޒީރު ފިއްލަވައިގެން ތުރުކީ އަށް

ލީބިޔާގެ ޚާރިޖީ ވަޒީރު ފިއްލަވައިގެން ތުރުކީ އަށް

29 އޯގަސްޓް 2023

އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެންއާ މިދިޔަ ހަފުތާގައި ބައްދަލުކުރެއްވުމާ ގުޅިގެން، މަގާމުން ވަކިކޮށް މައްސަލަ ތަހުގީގުކުރަން ފެށުމާ ގުޅިގެން، ލީބިޔާގެ ޚާރިޖީ ވަޒީރު ނަޖްލާ އަލް މަންޤޫޝް، ގައުމު ދޫކުރައްވައި ތުރުކީ ވިލާތަށް އިއްޔެ ވަޑައިގެންފި އެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮހެންއާ މިދިޔަ ހަފުތާގައި ބައްދަލުކުރެއްވުމާ ގުޅިގެން، މަގާމުން ވަކިކޮށް މައްސަލަ ތަހުގީގުކުރަން ފެށުމާ ގުޅިގެން، ލީބިޔާގެ ޚާރިޖީ ވަޒީރު ނަޖްލާ އަލް މަންޤޫޝް، ގައުމު ދޫކުރައްވައި ތުރުކީ ވިލާތަށް އިއްޔެ ވަޑައިގެންފި އެވެ.

ލީބިޔާ އިން އެއްވެސް ގުޅުމެއް ނުބާއްވާ އިޒްރޭލުގެ އިސް ވެރިއަކާ އެކު ސިއްރުން ބައްދަލުކުރެއްވި މައްސަލައިގައި، ލީބިޔާގެ އާންމުން ވަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފަ އެވެ. އާންމުން ރުޅި ގަދަވެ މުޒާހަރާތައް ވަރުގަދަ ވާން ފެށުމާ ގުޅިގެން، ބޮޑުވަޒީރު އަބްދުލް ހަމީދު އައް ދުބައިބާ ވަނީ، ޚާރިޖީ ވަޒީރުގެ ހުރިހާ މަސްއޫލިއްޔަތުތަކުން ނަޖްލާ އެކަހެރި ކުރައްވައިފަ އެވެ.

ބޮޑުވަޒީރުގެ އެ ނިންމެވުމާ ގުޅިގެން، ލީބިޔާގައި ވެރިކަން ހިންގާ މަޖިލީހުން ވަނީ ޚާރިޖީ ވަޒީރުގެ މަގާމުން ނަޖްލާ ވަކިކޮށްފަ އެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އިން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި މަގާމުން ވަކި ކުރުމަށް ފަހު، ސަރުކާރުން ވަނީ ނަޖްލާ ގައުމުން ބޭރަށް ވަޑައިގަތުން ވެސް މަނާކޮށްފަ އެވެ. ނަމަވެސް އޭނާ ތުރުކީ ވިލާތަށް ދަތުރުކުރެއްވީ ކިހިނެއް ކަން ނޭނގޭ ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ނަޖްލާ ލީބިޔާގެ ވެރިރަށް ޓްރިޕޮލީން ތުރުކީ ވިލާތަށް ދަތުރު ކުރެއްވީ ލީބިޔާ ސަރުކާރުގެ ކުންފުންޏަކުން ދުއްވާ މަތިންދާބޯޓެއްގަ އެވެ. ނަމަވެސް ލީބިޔާގެ އިންޓާނަލް ހޯމް ލޭންޑް ސެކިއުރިޓީ އިން ބުނި ގޮތުގައި ނަޖްލާ މަތިންދާބޯޓަށް އަރާވަޑައިގަތުމަށް، އާންމު ދަތުރުވެރިން ބޭނުންކުރާ ގޭޓެއް އަދި ވީއައިޕީ ގޭޓެއް އަދި ރިއާސީ ގޭޓެއް ވެސް ބޭނުމެއް ނުކުރައްވަ އެވެ.

އެހެންކަމުން ނަޖްލާ މަތިންދާބޯޓާ ހަމައަށް ވަޑައިގަތީ، އެއާޕޯޓްގެ އާންމު އަދި ޚާއްސަ އިޖުރާއާތުތަކާ މުޅިން ޚިލާފަށް، އެއްގަމު އުޅަނދެއްގައި ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ލީބިޔާގެ ޚާރިޖީ ވަޒީރު، އިޒްރޭލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވި މައްސަލައިގައި މުޒާހަރާ ކުރަމުންދާ އާންމުން އިއްޔެ ވަނީ، ބޮޑުވަޒީރުގެ އަމިއްލަ ގެކޮޅުގައި ހުޅުޖަހައިފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ލީބިޔާގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވަނީ، އިޒްރޭލުގެ ޚާރިޖީ ވަޒީރު ބައްދަލުކުރައްވަން އެދިވަޑައިގެން ހުށަހެޅުއްވުމުން، އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު މީޑިއާގައި ތިލަވެގެން އުޅޭ ވާހަކައަކީ، އިޓަލީގެ ޚާރިޖީ ވުޒާރާގައި އޮތް ބައްދަލުވުމެއް ނިންމަވާފައި ލީބިޔާގެ ޚާރިޖީ ވަޒީރު ނުކުންނެވި ވަގުތު، އިޒްރޭލުގެ ޚާރިޖީ ވަޒީރު ވަޑައިގެން އަމިއްލައަށް ދެއްކެވި ވާހަކަތަކެއް ކަމަށާއި، އެކަންކަމާ ބެހޭ ގޮތުން ލީބިޔާގެ ޚާރިޖީ ވަޒީރު އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.