Roadha Mihaaru
ހިންނަވަރާއި މަތިވެރީގެ އިހުތިސާސަށް ފަޅުރަށެއް

ރައްޔިތުން އެދުނު ގޮތަށް މަތިވެރި އާއި ހިންނަވަރުގެ އިހްތިސާސަށް ވެސް ފަޅުރަށެއް

31 އޯގަސްޓް 2023

އއ. މަތިވެރިއަށް މަތިވެރި ފިނޮޅު އަދި ޅ. ހިންނަވަރުގެ އިހްތިސާސަށް ގާއެރިފަރު ހިމަނައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރު ނެރުއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. މަތިވެރިއަށް މަތިވެރި ފިނޮޅު އަދި ޅ. ހިންނަވަރުގެ އިހްތިސާސަށް ގާއެރިފަރު ހިމަނައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރު ނެރުއްވައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައީސަށެވެ.

ރައީސް ސޮއިކުރައްވައި ރޭ ނެރުއްވި ގަރާރުގައި ވަނީ ހިންނަވަރުގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި ގާއެރިފަރު ހިމަނައި މަތިވެރީގެ އިހުތިސާސްގެ ތެރޭގައި މަތިވެތިފިނޮޅު ހިމަނުއްވައިފަ އެވެ.

މަތިވެރި ކައިރީގައި އޮންނަ މަތިވެރި ފިނޮޅު ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނުމަށް އެ ރަށު ކައުންސިލުން ރައީސް އަރިހުގައި އެދުނީ 2021 ވަނަ އަހަރު އެވެ. އެ ރަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގަ އެވެ.

މިހާރު މަތިވެރި ރައްޔިތުން ދަތުރުދިއުމަށް ބޭނުންކުރާ އެ ރަށަކީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. އޭރު އެ ރަށް ގަތް މީހުން އަތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިއްސާގަނެ، އެ ރަށުގައި 100 ކޮޓަރީގެ ރިސޯޓެއް ތަރައްގީކުރަން ވެސް ޖާބިރު އިއުލާން ކުރެއްވި އެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ އެތަނުގެ ބަދަލުގައި އޭނާއަށް އެހެން ފަޅެއް ދެއްވައިފަ އެވެ.

ހިންނަވަރާއި އެ ރަށު އިހްތިސާސްގައި ހިމެނި ގާއެރިފަރު.

ހިންނަވަރާއި އެ ރަށު އިހްތިސާސްގައި ހިމެނި ގާއެރިފަރު.

ހިންނަވަރުގެ އިހްތިސާސްގައި ހިމެނި ގާއެރިފަރަކީ އެ ރަށާ ވަރަށް ކައިރީގައި އޮންނަ ރަށެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ރަށް ދޫކޮށްފައި އޮތީ ތައިލެންޑް ކުންފުޏަކަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައި ކަމަށް ހިންނަވަރު ކައުންސިލުން ބުންޏެވެ.

ހިންނަވަރު މީހުން، ގާއެރިފަޅު ބޭނުންކުރަމުން އައީ ދަތުރުދާށެވެ.