Roadha Mihaaru
ޗައިނާ ކުރެހި ކަނޑުގެ ޗާޓަށް މެލޭޝިޔާ ދެކޮޅު ހަދައިފި

ޗައިނާ ކުރެހި ކަނޑުގެ ޗާޓަށް މެލޭޝިޔާ ދެކޮޅު ހަދައިފި

31 އޯގަސްޓް 2023

ދެކުނު ޗައިނާ ކަނޑުން ޗައިނާ އަށް ލިބިގެންވާ ސަރަހައްދު ފާހަގަކޮށް ޗައިނާ އިން އަލަށް ކުރެހި ޗާޓު ގަބޫލުނުކުރާ ކަމަށް ބުނެ މެލޭޝިޔާ އިން ޗައިނާގެ ހުށަހެޅުމަށް ދެކޮޅު ހަދައިފި އެވެ.

ދެކުނު ޗައިނާ ކަނޑުން ޗައިނާ އަށް ލިބިގެންވާ ސަރަހައްދު ފާހަގަކޮށް ޗައިނާ އިން އަލަށް ކުރެހި ޗާޓު ގަބޫލުނުކުރާ ކަމަށް ބުނެ މެލޭޝިޔާ އިން ޗައިނާގެ ހުށަހެޅުމަށް ދެކޮޅު ހަދައިފި އެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަލުން ކުރަހައި ޗައިނާ އިން ހުށަހެޅި ޗާޓަށް މެލޭޝިޔާ އިން ދެކޮޅު ހެދީ، ކަނޑުގެ ސަރަހައްދުން ޗައިނާ އަށް މިލްކުވާ ބައި ކަމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ، އެންމެ ކުރިން ފެށިގެން ވެސް މެލޭޝިޔާގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ބަލަމުން އަންނަ ސަރަހައްދަކަށް ވާތީ އެވެ. މެލޭޝިޔާގެ ބޯނިއޯ ޖަޒީރާގެ އައްސޭރިފަށުގެ ބޮޑު ބައެއް ވެސް، ޗައިނާ އިން އަލަށް ކުރެހި ޗާޓުގައި ފާހަގަކޮށްފައި އޮތީ ޗައިނާގެ ކަނޑުގެ ސަރަހައްދުގެ ގޮތުގަ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ ބާރު ގަދަކޮށް އަސްކަރީ ހަރަކާތްތައް ހިންގާތީ، އެ ސަރަހައްދުގެ ގައުމުތަކުގެ އިތުރުން އެމެރިކާ އިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމުގެ ގޮތުން، އެމެރިކާ އާއި ޖަޕާން ގުޅިގެން އެ ސަރަހައްދުގެ ކަނޑުމަތީގައި އަސްކަރީ ތަމްރީންތައް ބޭއްވުން ވެސް ވަނީ އިތުރުކޮށްފަ އެވެ.

އެމެރިކާގެ އިންޒާރުތަކަށް ބެލުމެއް ނެތި ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ތެރޭގައި އޮތް ފަޅެއް ހިއްކައި ޗައިނާގެ އަސްކަރީ މަރުކަޒެއް ވެސް ގާއިމުކޮށްފަ އެވެ. އެ ސަރަހައްދަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނި ނަމަވެސް، އެ ސަރަހައްދުގެ ގައުމުތަކާއި އެމެރިކާއިން ބުނާ ގޮތުގައި ޗައިނާ އިން ހިއްކައިގެން އަސްކަރީ މަރުކަޒެއް ތަރައްގީކުރި ފަޅަކީ ވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮތް ފަޅެކެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޗައިނާ އިން އަތް ގަދަކުރަމުން ދާތީ، މެލޭޝިޔާ އާއި ފިލިޕީންސް އަދި ވިއެޓްނާމާއި ބުރުނާއީ އާއި ތައިވާނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޗައިނާ ސަރުކާރުން އެކުލަވައިލި އާ ޗާޓު ކުރަހާފައި އޮތް ގޮތުން، މެލޭޝިޔާގެ ސަބާހް އާއި ސަރަވަކް ސަރަހައްދުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫއަރާ ކަމަށް ވެސް މެލޭޝިޔާ އިން ބުނެ އެވެ. އަދި މެލޭޝިޔާގެ އިމުގެ ބައެއް މެލޭޝިޔާއަށް ގެއްލިގެންދާ ގޮތަށް ޗައިނާ އިން ކުރެހި ޗާޓު ގަބޫލުނުކުރާ ކަމަށް ވެސް މެލޭޝިޔާ ސަރުކާރުން ބުންޏެވެ.