Roadha Mihaaru
ރޫހާނީ ފަރުވާދޭ ކަމަށް އިސްތިހާރުކުރި މީހުން ޑީޕޯޓް

ރޫހާނީ ފަރުވާދޭ ކަމަށް ބުނެ އިސްތިހާރުކުރި ހިންދޫ ދީނުގެ މީހުން ޑީޕޯޓްކޮށްފި

01 ސެޕްޓެމްބަރ 2023

އެކި މައްސަލަތަކަށް ރޫހާނީ ގޮތުން ހައްލު ހޯދާނެ ގޮތްތައް ދަސްކޮށްދޭ ސެޝަންތަކެއް ހިންގަން ކަމަށް ކަމަށް ބުނެ ރާއްޖެ އައި ހިންދޫ ދީނުގެ މީހަކާއި އޭނާއާ އެކު އުޅުނު އެހެން މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކުރުމުން މިއަދު ޑީޕޯޓްކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެކި މައްސަލަތަކަށް ރޫހާނީ ގޮތުން ހައްލު ހޯދާނެ ގޮތްތައް ދަސްކޮށްދޭ ސެޝަންތަކެއް ހިންގަން ކަމަށް ކަމަށް ބުނެ ރާއްޖެ އައި ހިންދޫ ދީނުގެ މީހަކާއި އޭނާއާ އެކު އުޅުނު އެހެން މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އިމިގްރޭޝަނާ ހަވާލުކުރުމުން މިއަދު ޑީޕޯޓްކޮށްލައިފި އެވެ.

އެ ދެމީހުން ޑީޕޯޓްކޮށްލިކަން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) "މިހާރު" އަށް ކަށަވަރުކޮށްދެއްވި އެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، މައްސަލަ ބެލުމަށް ފަހު އެ ދެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

އެ މީހުންގެ އެ އަމަލަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނާ ހިލާފު ކަމަކަށް ވާތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން އިއްޔެ ވެސް ބުންޏެވެ.

މާލޭގެ ހޮޓަލެއްގައި "ސްޕިރިޓުއަލް ހީލާ"ގެ ނަމުގައި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލު ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.

އެމީހުން ކުރި އިޝްތިހާރުތަކުގައިވާ ގޮތުން، ޑރ. ގަނޭޝް ޑުބޭ ކިޔާ ހިންދޫ ދީނުގެ ހާމުދުރަކު މައުލޫމާތު ދިނުމުގެ ސެޝަންތައް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބާއްވަން އޮތީ ނިންމައިފަ އެވެ. ސެޝަން ބާއްވާ ތަނެއް ބުނެފައެއް ނެތަސް، ބުކިން ހަދާނެ ނަންބަރާއި އަގު ހިމަނާފައިވެ އެވެ.

އޭނާ އާއި އިތުރު މީހަކު މާލެ އައިސް އިއްޔެ ޗެކިން ވީ ހެންވޭރުގައި ހުންނަ އުނިމާ ގްރޭންޑް ހޮޓަލަށެވެ. އޭނާ ސެޝަންތައް ބާއްވާ ކަމަށް ބުނެފައި އޮތީ މިދިޔަ މަހުގެ 29 އިން މި މަހުގެ 3 އާ ހަމައަށެވެ.

ނަމަވެސް އުނިމާ ގްރޭންޑް ހޮޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގަނޭޝް ޑުބޭ އާއި އޭނާއާ އެކު އައި ނިމިޝާ ކިޔާ އިންޑިއާގެ މީހަކު އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އެ މީހުން އެތަނުން ޗެކް-އައުޓް ކޮށްފައިވާ ކަމަށާއި އެ މީހުން ފޭސްބުކް މެދުވެރިކޮށް، ޖަހާފައިވާ އިޝްތިހާރުތަކަކީ އެ ހޮޓަލާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.