Roadha Mihaaru
ދުނިޔޭގެ ހަތަރުވަނަ ހިއްސާވެ އީގަލްސްއަށް ބިލިއާޑް ތަށި

ދުނިޔޭގެ ހަތަރުވަނަ ކުޅުންތެރިޔާގެ ހިއްސާއާ އެކު އީގަލްސް އަށް އަލުން ބިލިއާޑްގެ ތަށި

04 ސެޕްޓެމްބަރ 2023

ދުނިޔޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން ރޭންކިންގެ ހަތަރު ވަނައިގައި މިވަގުތު އޮތް ޕޮލެންޑުގެ ވިކްޓާ ޒިއެލިންސްކީގެ ހިއްސާއާ އެކު މިއަހަރުގެ ގައުމީ ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓްގެ ޗެމްޕިއަން ކްލަބް އީގަލްސްހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދުނިޔޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން ރޭންކިންގެ ހަތަރު ވަނައިގައި މިވަގުތު އޮތް ޕޮލެންޑުގެ ވިކްޓާ ޒިއެލިންސްކީގެ ހިއްސާއާ އެކު މިއަހަރުގެ ގައުމީ ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓްގެ ޗެމްޕިއަން ކްލަބް އީގަލްސްހޯދައިފި އެވެ.

އީގަލްސްއަކީ އެންމެ ފުރަތަމަ 2021 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ޗެމްޕިއަނެވެ. މިދިޔަ އަހަރުގެ ޓީމް އިވެންޓް ފައިނަލްގައި ނާކާމިޔާބު ވިއަސް މިއަހަރު މިވަނީ އެޓީމުން ޓީމް އިވެންޓުގެ ތަށި ދެވަނަ ފަހަރަށް އުފުލާލައިފަ އެވެ.

އީގަލްސް ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ވާދަވެރި ފައިނަލް މެޗު 3-2 ގޭމުން ކާމިޔާބު ކޮށްގެންނެވެ.

ޓީމް އިވެންޓުގައި ހަ ޓީމެއް ވާދަކުރި އެވެ. އީގަލްސް ވަނީ ލީގު ބުރުގެ ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ ހުރިހާ މެޗެއް ކާމިޔާބުކުރި ދިވެހި ސިފައިންގެ ކްލަބެވެ. އީގަލްސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ސިފައިންގެ ޓީމު ބަލިކޮށްފަ އެވެ.

ޓީމް އިވެންޓްގެ ރަނަރަޕް ފޯކައިދޫ ސްޕޯޓްސް ކްލަބް.-- ފޮޓޯ: އެމްޕީބީއޭ

ޓީމް އިވެންޓްގެ ރަނަރަޕް ފޯކައިދޫ ސްޕޯޓްސް ކްލަބް.-- ފޮޓޯ: އެމްޕީބީއޭ

ލީގު ބުރުގެ ތިންވަނަ ހޯދި ފޯކައިދޫ ޓީމެވެ. އެ ޓީމް ފައިނަލުން ޖާގަ ހޯދީ، ސެމީގައި ބީޖީ ސްޕޯޓްސް ބަލިކުރުމަށްފަހު ސިފައިންގެ ކްލަބް ބަލިކޮށްގެންނެވެ.

ގައުމީ މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ސިންގަލްސް އިވެންޓުތަކެވެ. ފިރިހެން އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު (އާދު) ހޯދީ މުހައްމަދު ޝަރީފް (ކުޑަ ޝަރީ) ބަލިކޮށްފަ އެވެ. ތިން ވަނަ ހޯދީ އިސްމާއިލް ޖީހާން އެވެ. ދެވަނަ ޑިވިޝަންގެ ފައިނަލްގައި މުހައްމަދު ސަމީރާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ އަހުމަދު ނަފީލެވެ. ތިންވަނަ ހޯދީ ސޮފްއާޏް ޝާކިރެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިނަތު ހަލީމް ބަލިކޮށްފަ އެވެ. މި އިވެންޓުން ތިންވަނައަށް ދިޔައީ އާމިނަތު ފާތީ އެވެ.

ޑަބަލްސް އިވެންޓުތަކަށް ބަލައިލާއިރު، ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިސްމާއިލް ސުވެއިދާއި އަބްދުﷲ އަފީފްގެ ޕެއާ އެވެ. ދެވަނަ ހޯދީ އަހުމަދު ނަފީލް އާއި މުހައްމަދު ސާހިލް ހަމީދުގެ ޕެއާ އެވެ. މިކްސްޑް ޑަބަލްސް ތިންވަނަ ހޯދާފައި ވަނީ އައްބާސް ސައީދާއި އިސްމާއިލް ޖީހާންގެ ޕެއާ އެވެ.

ފުރަތަމަ ފަހަރަށް ބޭއްވި އަންހެނުންގެ ޑަބަލްސް އިވެންޓުގެ ފައިނަލްގައި އާމިނަތު ހަލީމް އާއި ފަޒްނާ މޫސާގެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ އާމިނަތު ފަތީ އާއި އައިޝަތު ޔަޝްފާގެ ޕެއާ އެވެ. ތިންވަނަ ހޯދީ އައިޝަތު އަލީ އާއި އައިޝަތު ހިންދު ހުސައިންގެ ޕެއާ އެވެ.

މިކްސްޑް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން މިފަހަރު ވެސް ހޯދީ އަލީ ފަޔާޒު އާއި ދީނާ އަހުމަދުގެ ޕެއާ އެވެ. ފަޔާޒާއި ދީނާ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި މުހައްމަދު ސާހިލް ހަމީދާއި ފަޒްނާ އަހުމަދުގެ ޕެއާ ބަލިކޮށްފަ އެވެ.