Roadha Mihaaru
ވައުދުތަކަށް 31 ބިލިއަން ރުފިޔާ، ފުއްދާނަން: ރައީސް

ވައުދުތަކަށް 31 ބިލިއަން ރުފިޔާ އަރާ، ފުއްދައިދޭނަން: ރައީސް

03 ސެޕްޓެމްބަރ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް 31 ބިލިއަން ރުފިޔާ އަރާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. ނޮޅިވަރަމުން އިފްރާޒް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް 31 ބިލިއަން ރުފިޔާ އަރާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރިޔާސީ ކެމްޕެއިނަށް ހދ. ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް 43-45 ބިލިއަން ރުފިޔާގެ ވައުދު ވެވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރެއިން، ގިނަ ވައުދުތައް ފުއްދާދެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު މި ހިސާބަށް އައިރުގައި [މި އަހަރު] އަޅުގަނޑުވީ ވައުދުތަކަށް ގާތްގަނޑަކަށް 31 ބިލިއަން ރުފިޔާ އެބަ އަރާ. އެ ވަރަށް އަޅުގަނޑުމެންނަށް ހިސާބު ކުރެވިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

އަންނަ އޮތް ދުވަސްތަކުގައި އެ އަދަދު އިތުރު ވެސް ވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. ނޮޅިވަރަމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. ނޮޅިވަރަމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.

އެމަނިކުފާނު ވެރިކަމަށް އައިރުގައި 22 ބިލިއަން ރުފިޔާގެ އާމްދަނީއެއް 2018 ވަނަ އަހަރު ލިބުނުއިރު، މިހާރު އެ އަދަދު ވަނީ 34 ބިލިއަން ރުފިޔާ އަރާފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2026 ވަނަ އަހަރުގައި ދައުލަތުގެ އާމްދަނީ 45 ބިލިއަން ރުފިޔާ އަށް އިތުރުކުރެވޭނެ ކަމުގެ ޔަގީން ވެސް ރައީސް ދެއްވި އެވެ.

"ތިބޭފުޅުން ޝައްކު ނުކުރައްވާ. އަޅުގަނޑުމެން މިވާ ވައުދުތައް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދީ ނިންމާނަން. އެ ކެޕޭސިޓީ އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ފެނަކަ ހެދީ އާމްދަނީ ހޯދާކަށް ނޫން، މަގުސަދަކީ އަސާސީ ހިދުމަތްތައް

ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑުވެފައިވާ ފެނަކަ ކޯޕަރޭޝަނާ ގުޅުވައިގެން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، ފެނަކަ ހެދީ ދައުލަތަށް އާމްދަނީ ހޯދާކަށް ނޫނެވެ. އެ ކުންފުނީގެ މަގުސަދަކީ ރަށްރަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

"ފެނަކަ އިން ރަށެއްގައި ދޭ ހިދުމަތްތައް ބައްލަވާ. ކަރަންޓާއި ފެނާއި ނަރުދަމާ އާއި އައިސްޕްލާންޓެއް ހުރިއްޔާ އެތަން ހިންގައި މަރާމާތުކުރަނީ އެ މީހުން. މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވޭ. ފެނަކަ އަކީ ހަމައެކަނި ކަރަންޓު ދޭ ބައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކަ އަކީ މާ ބޮޑު ފައިދާއެއް ވާ ތަނަކަށް ހަދާކަށެއް. އެއީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏެއް. ވީހާ ވެސް ގިނަ ބަޔަކަށް ވަޒީފާ ދީ، އެ ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހުނީމާ އަޅުގަނޑުމެންނަށް އެ ނިމުނީ."

ރައީސް ވިދާޅުވީ އަދިވެސް ފެނަކަ އަށް މުވައްޒަފުން ނަގާނެ ކަމަށެވެ.

ނޮޅިވަރަމްގެ މަގުތަކުގައި ތާރު އެޅުމަށާއި ސްކޫލު އެއް ދަންފަޅިއަށް ބަދަލުކުރުމަށާއި ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށާއި ސްޕޯޓްސް ކޮމްޕްލެކްސް ހެެދުމަށް އަދި ބަނދަރު ބޮޑުކޮށް ދިނުމަށް ވެސް ރައީސް މިއަދު ވައުދުވެވަޑައިގަތެވެ.