Roadha Mihaaru
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް

މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް ބޮޑު ބުރަ އިމްތިހާނެއް!

01 އޮކްޓޯބަރ 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ހައިރާން ކުރުވަނިވި ދަށް ނަތީޖާ އަށް ފަހު ގަދަހިފުމުގައި ކާމިޔާބުވާނެ ކަމުގެ އުއްމީދު އާކުރީ މާލެ އާއި އައްޑޫން މީހުން ނެރެ ވޯޓުތައް ގިނަކޮށްގެންނެވެ. އެކަމަކު، ދެ ވަނަ ބުރުގެ ނަތީޖާ އިން ފެންނަން އޮތީ ރައީސް އިބްރާހިމް މުހައްމަ ސޯލިހުގެ އެ ހިސާބާ ދުރު ނަތީޖާ އެކެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ހައިރާން ކުރުވަނިވި ދަށް ނަތީޖާ އަށް ފަހު ގަދަހިފުމުގައި ކާމިޔާބުވާނެ ކަމުގެ އުއްމީދު އާކުރީ މާލެ އާއި އައްޑޫން މީހުން ނެރެ ވޯޓުތައް ގިނަކޮށްގެންނެވެ. އެކަމަކު، ދެ ވަނަ ބުރުގެ ނަތީޖާ އިން ފެންނަން އޮތީ ރައީސް އިބްރާހިމް މުހައްމަ ސޯލިހުގެ އެ ހިސާބާ ދުރު ނަތީޖާ އެކެވެ.

ފުރަތަމަ ބުރުގައި ވެސް ރައީސްގެ އެންމެ ގިނަ، އެންމެ ބިޔަ ވައުދުތައްވެވަޑައިގެންނެވީ މާލޭގެ މީހުންނަށެވެ. އެތައް ބަޔަކަށް ގޯއްޗާއި ފްލެޓް ދީ، ބިންތައް ވެސް ހިއްކަމުން ދިޔަ އެވެ. އެ ވަރުން ވެސް މާލޭގެ ތާއީދު ނުލިބުމުން، ދެ ވަނަ ބުރުގައި މާލޭގައި ދޮރުންދޮރަށް ހިންގަވައި ވަކިވަކި ރައްޔިތުންނާ ބައްދަލު ކުރައްވަން ފެއްޓެވި އެވެ.

އާ ވައުދުތަކާއި އާ ލުއިތައް ވެސް މާލޭގެ މީހުންނަށް ދެއްވި އެވެ. އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯއްދަވަން ސިޔާސަތުތައް ކަނޑައެޅުއްވި އެވެ. އެކަމަކު، ނުވި ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭނެ މީހުން ނުނެރެވުމެވެ. ދެ ވަނަ ބުރުގެ ކެމްޕެއިންގައި 20 ދުވަހު ރައީސް މާލޭގައި ހުންނެވިއިރު، އެ ނަތީޖާއެއް ނުނެރެވުނެވެ.

މާލޭން އެމްޑީޕީ އަށް 5،000 ވޯޓުގެ ވެއްޓުމެއް!

މާލޭގައި 15 ދާއިރާ އޮންނައިރު، ރައީސަށް ފުރަތަމަ ބުރުގައި މެޖޯރިޓީ ހޯދުނީ ދެ ދާއިރާ އިންނެވެ. އެހެން ހުރިހާ ދާއިރާއެއްގައި ކުރީގައި އުޅުއްވީ އިދިކޮޅު ކެންޑިޑެޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެ ދާއިރާގެ އިތުރުން، ހެންވޭރު ދެކުނު އަދި ގަލޮޅު ދެކުނުގެ ނަތީޖާ އަނބުރާލައްވައި، މެޖޯރިޓީ ހޯއްދަވައިފަ އެވެ.

ނަމަވެސް، މުޅި މާލޭގެ މެޖޯރިޓީ އަށް އަސަރުކުރާ ވަރުގެ ވޯޓެއް އިތުރުކުރެވޭނެ ގޮތެއް ނުވި އެވެ. މުޅި މާލޭގެ ވޯޓަށް ބަލާއިރު ރައީސަށް ލިބިވަޑައިގެންނެވީ 17،053 ވޯޓެވެ. މުއިއްޒު 19،897 ވޯޓު ހޯއްދެވި އެވެ. މިއީ ފުރަތަމަ ބުރުގެ ފަރަގަށް ބަލާއިރު ރައީސަށް 3،456 ވޯޓުގެ އިތުރުވުމެވެ. މުއިއްޒަށް 2،752 ވޯޓުގެ އިތުރުވުމެކެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން: މާލޭން އެމްޑީޕީ އަށް ވަނީ މެޖޯރިޓީ ގެއްލިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން: މާލޭން އެމްޑީޕީ އަށް ވަނީ މެޖޯރިޓީ ގެއްލިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް މާލެ އިން 22،000 ވޯޓު ލިބިވަޑައިގަތެވެ. ވާދަވެރި ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ހޯއްދެވުނީ 16،000 ވޯޓެވެ. އެހެންކަމުން، އިދިކޮޅުގެ ތާއިދު އިތުރުވެ، އެމްޑީޕީގެ ތާއިދު ވަރަށް ބޮޑު ތަނުން ވެއްޓިފައިވާ މަންޒަރު ފެނެ އެވެ. އިއްޔެގެ ނަތީޖާ އާއި 2018 ގެ ނަތީޖާއާ އަޅާ ކިޔާއިރު އެމްޑީޕީ އަށް އިއްޔެ ވަނީ 5،000 ވޯޓުގެ ވެއްޓުމެއް އައިސްފަ އެވެ.

އެމްޑީޕީގެ ވަރުގަދަ ދާއިރާތައް ކަމަށްވާ ގަލޮޅު ދެކުނާއި މެދު ހެންވޭރު ދާއިރާ އިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެޖޯރިޓީ އަނބުރާލެވޭނެ ގޮތެއް ނުވި އެވެ. ރައީސްގެ ކެމްޕެއިންގެ މާލޭ ދާއިރާގެ ކޯޑިނޭޓަރު މާރިޔާ ދީދީ ކުރިން މެންބަރުކަން ކުރެއްވި މައްޗަންގޮޅި އުތުރު ދާއިރާގެ ނަތީޖާ ވެސް ރައީސަށް ދިޔައީ ގޯސްކޮށެވެ. ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒުގެ ހުޅުމާލޭ ދާއިރާ އަކީ ވެސް ރައީސަށް ނާކާމިޔާބުވީ ދާއިރާއެކެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަންގޯޅި މެދު ދާއިރާ އިން ވެސް ކާމިޔާބު ހޯއްދެވީ މުއިއްޒެވެ. މިފަހުން އެމްޑީޕީން ވަކިވެވަޑައިގެންނެވި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްގެ ދާއިރާ އިން ވެސް މުއިއްޒު ވަނީ ކުރި ހޯއްދަވާފަ އެވެ.

މާލޭން ބޮޑު މެޖޯރިޓީއެއް ލިބޭނެ ކަމަށް ރައީސް ހިސާބު ޖެއްސެވީ އެމްޑީޕީން ވަކިވެގެން ދިޔަ، ޑިމޮކްރެޓްސްގެ ފުރިހަމަ ތާއިދު ލިބޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، އީވާ އަބްދުالله އާއި ހަސަން ލަތީފް އަދި އަލީ އާޒިމް ފަދަ މެންބަރުންގެ ދާއިރާތަކުން އެ ޕާޓީގެ މެންބަރުންގެ ތާއިދު ރައީސަށް ނުދޭކަން ސާފުވެ އެވެ.

މި ނަތީޖާތަކުން ފެންނަން އޮތް ކަމަކީ، މާލޭގެ ހުރިހާ ދާއިރާއެއް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ކާމިޔާބު ކުރިޔަސް އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ އިންތިހާބަށް އެ ނަތީޖާ ދެމެހެއްޓުން ވާނީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމެވެ. އެ ޕާޓީން މާލޭގައި ކުރަން އޮތް މަސައްކަތް ވަރަށް ބޮޑެވެ.

ރައީސް ކެމްޕެއިން ދަތުރެއްގައި: އައްޑޫގެ މެޖޯރިޓީ ދެމެހެއްޓެވިއިރު ހިތަދޫގެ ނަތީޖާ ރަނގަޅު

ރައީސް ކެމްޕެއިން ދަތުރެއްގައި: އައްޑޫގެ މެޖޯރިޓީ ދެމެހެއްޓެވިއިރު ހިތަދޫގެ ނަތީޖާ ރަނގަޅު

އައްޑޫގެ މެޖޯރިޓީ ދެމެހެއްޓި

އިއްޔެ ނިމުނު އިންތިހާބުގައި ރައީސަށް މެޖޯރިޓީ ހޯދުނީ އައްޑު އާއި އއ. އަތޮޅުން އެކަންޏެވެ. ފުރަތަމަ ބުރު މެޖޯރިޓީ ހޯދި ޅ. އަތޮޅު ވެސް ވަނީ ގެއްލިފަ އެވެ. އައްޑޫގެ މެޖޯރިޓީ ރައީސް ދެމެހެއްޓެވިއިރު، އެއީ ރައީސަށް އެންމެ ޔަގީންވި ސިޓީ އެވެ.

އައްޑޫގެ ވަކިވަކި ރަށްތަކަށް ބަލާއިރު ރައީސް ވަނީ ހަ ރަށުގެ ތެރެއިން ތިން ރަށުގެ މެޖޯރިޓީ ހޯއްދަވައިފަ އެވެ. ގެއްލިފައިވަނީ މީދޫ، ހުޅުދޫ އަދި ފޭދޫ އެވެ. ނަމަވެސް، ހިތަދޫން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ރައީސްގެ ރަނިންމޭޓް މުހައްމަދު އަސްލަމްގެ ހިތަދޫން 4،032 ވޯޓު ހޯއްދެވި އެވެ. މުއިއްޒަށް ލިބިވަޑައިގަތީ 2،627 ވޯޓެވެ.

އައްޑޫގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 7،059 ވޯޓެވެ. މުއިއްޒަށް 6،111 ވޯޓެވެ. ދެ ވަނަ ބުރުގައި ރައީސް ވަނީ 9،770 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒަށް ހޯއްދެވުނީ 8،163 ވޯޓެވެ.

ވޯޓުގެ ފަރަގަށް ބަލާއިރު ފުރަތަމަ ބުރުގައި 948 ވޯޓު ތަފާތު އޮތްއިރު ދެވަނަ ބުރުގައި އެ ފަރަގު ވަނީ 1،607 އަށް އިތުރުވެފަ އެވެ. އެހެންކަމުން، ރައީސަށް ތާއިދު އިތުރުކޮށް، ދަމަހައްޓާލެވިފައިވަނީ އައްޑޫގަ އެވެ.

އެކަމަކު، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ނެގި ނަމަވެސް، އަންނަ އިންތިހާބުގައި އެކަން ދެމެހެއްޓުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ. ހުޅުދޫން ބޮޑު ތަފާތަކުން އިދިކޮޅުން ކުރި ހޯދާފައިވާއިރު އެއީ ޑިމޮކްރެޓްސް އިން އިންތިހާބަށް ނުކުތް އިލްޔާސް ލަބީބުގެ ދާއިރާ އެވެ.

އަންނަ މަޖިލިސް އިންތިހާބަށް މީދޫ އަކީ ވަކި ދާއިރާއެއް ކަމަށް ކަނޑައަޅާފައިވާއިރު، އެ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވެސް ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު ކުރިއަށް އޮތީ އުނދަގޫ އިންތިހާބެކެެވެ. ފޭދޫ ދާއިރާ ވެސް ހަމަ އެހެނެވެ.