Roadha Mihaaru
ބާރުގަދަ ތޫފާން ހައިކުއި ތައިވާނަށް އަރަނީ

ބާރުގަދަ ތޫފާން ހައިކުއި ތައިވާނަށް އަރަނީ

03 ސެޕްޓެމްބަރ 2023

ތައިވާންގެ އިރުމަތިން ފިލިޕީންސް ކަނޑުގައި އުފެދިފައި ހުރި ބާރުގަދަ ތޫފާން ހައިކުއި މިއަދުގެ ވަގުތެއްގައި ތައިވާނަށް އަރާނެ ކަމަށް ލަފާކޮށް، ތޫފާން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ މިސްރާބުގައި ހުރި ސަރަހައްދުތަކުގެ މީހުން ރައްކާތެރި ތަންތަނަށް ދިއުމަށް އަންގައިފި އެވެ.

ތައިވާންގެ އިރުމަތިން ފިލިޕީންސް ކަނޑުގައި އުފެދިފައި ހުރި ބާރުގަދަ ތޫފާން ހައިކުއި މިއަދުގެ ވަގުތެއްގައި ތައިވާނަށް އަރާނެ ކަމަށް ލަފާކޮށް، ތޫފާން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ މިސްރާބުގައި ހުރި ސަރަހައްދުތަކުގެ މީހުން ރައްކާތެރި ތަންތަނަށް ދިއުމަށް އަންގައިފި އެވެ.

ގަޑިއަކު ހަތް މޭލު ބާރުމިނުގައި ތައިވާންގެ އައްސޭރިފަށާ ކައިރިއަށް ތޫފާން ޖެހެމުން އަންނަ އިރު، ތޫފާންގެ ކޮޅިގަނޑުގައި ޖެހެމުންދާ ގަދަ ވަޔާއި ކުރަމުންދާ ގަދަ ވިއްސާރައިގައި ދެ މީހަކު ޒަޚަމްވެ 30000 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ، ކަރަންޓުގެ ޚިދުމަތުން މަހުރޫމްވެފަ އެވެ. ކުއްލި ހާލަތްތަކުގައި އެހީދޭ އިދާރާތަކުން ބުނި ގޮތުގައި ދެ މީހަކު ޒަޚަމްވީ، ކުޑަ ބަހެއްގައި ދަތުރުކޮށްފައި ދަނިކޮށް، އެ ބަހުގެ މައްޗަށް ގަހެއް ވެއްޓުމުގެ ސަބަބުންނެވެ.

ވެރިރަށް ޓައިޕޭ އަށް ވެސް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި މިހާރު ވަނީ އެއްގަމު އުޅަނދު ދަތުރުކުރުން ދަތިވާ މިންވަރަށް ފެންބޮޑުވެފަ އެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މިއަދުގެ ހަވީރުގެ ވަގުތެއްގައި، ތައިވާންގެ އިރުމަތީ ސަރަހައްދުން އެއްގަމަށް ތޫފާން އަރާނެ އެވެ. އަދި މިހާރުވެސް ތޫފާންގެ ކޮޅިގަނޑުގައި ވައި ޖެހެމުން ދަނީ ގަޑިއަކު 96.3 މޭލު ބާރުމިނުގައި ކަމަށް އެ އިދާރާ އިން ބުންޏެވެ.

ތައިވާންގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ހައިކުއި ތޫފާނަކީ ހަތަރު އަހަރުގެ ތެރޭގައި އެގައުމަށް އަރާ ފުރަތަމަ ތޫފާނެވެ. އަދި މި ތޫފާނުގައި ތައިވާންގެ އިރުމަތީ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ތޫފާންގެ ބާރު ގަދަވެ، އެއްގަމާ ކައިރިވަމުންދާތީ، ތައިވާންގެ އިރުމަތީ ސަރަހައްދުތަކުގެ ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް މިއަދު ވަނީ ބަންދުކޮށްފަ އެވެ. އަދި އަމިއްލަ ބޮޑެތި ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތަކުގެ މަސައްކަތް ވެސް މިއަދު ވަނީ މެދުކަނޑާލައިފަ އެވެ.

ތައިވާން ސަރުކާރުން ބުނި ގޮތުގައި ތޫފާންގެ އަސަރު ކުރަމުންދާ ސަރަހައްދުތަކުން ކަރަންޓު ކެނޑެމުން ދަނީ، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމުގެ ސަބަބުން، މަގުތަކުގެ މަތިން ދަމާފައިވާ ކަރަންޓު ކޭބަލްތައް ބުރިވެގެންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވައި ބާރުވުމުގެ ސަބަބުން ވެސް ކަރަންޓު ކޭބަލްތައް ކެނޑިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.