Roadha Mihaaru

ތޫފާން ސެންޔާ: މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް

މިރޭގެ ވަގުތެއްގައި މެލޭޝިއާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ ތޫފާން "ސެންޔާ"އަކީ މީގެ ކުރިން ދުވަހަކު ވެސް އެ ގައުމަށް ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
އިފްރާޒް އަލީ
އިފްރާޒް އަލީ

27 ނޮވެމްބަރ 2025

މިރޭގެ ވަގުތެއްގައި މެލޭޝިއާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ ތޫފާން "ސެންޔާ"އަކީ މީގެ ކުރިން ދުވަހަކު ވެސް އެ ގައުމަށް ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މެލޭޝިއާގެ މޫސުމާ ބެހޭ އިދާރާ "މެޓް މެލޭޝިއާ"ގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ހިޝާމް އަނިޕް "ނިއު ސްޓްރެއިޓް ޓައިމްސް" އަށް މިއަދު ވިދާޅުވީ މަލަކާ ކަނޑުގައި މިދިޔަ ހޮނިހިރު ދުވަހު އުފެދުނު އެ ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާއިރު، އެއީ އެ ހިސާބަށް މީގެ ކުރިން އައިސްފައިވާ ނުވާ ވަރުގެ ބާރުގަދަ ތޫފާނެއް ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ.

އެ ކަނޑުގައި އެންމެފަހުން އުފެދުނު ކޮޅިގަނޑުގެ އަސަރު މެލޭޝިއާގެ ޕެނަންގަށް ކުރީ 2017 ވަނަ އަހަރު ކަމަށާއި އެ ފަހަރު ވެސް ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ނުރައްކާތެރި ހާލަތަކަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، އިންޑޮނީޝިއާގެ ސުމަޓްރާ ކައިރިން މިހާރު މި ފެންނަ، ކޮޅިގަނޑެއް މިހާ ބާރުގަދަ ތޫފާނަކަށް ބަދަލުވާތަން މި ފެނުނީ ފުރަތަމަ ފަހަރަށް،" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވި ގޮތުގައި، މިރޭގެ ވަގުތެއްގައި އެ ތޫފާން އަރާނެ ކަމަށް ލަފާކުރެވެނީ ޕެނިސިއުލާ މެލޭޝިއާގެ ސަރަހައްދަށެވެ. އަދި އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އެ ޕެނިސިއުލާގެ ހުޅަނގާއި މެދު ތެރޭގެ ސްޓޭޓުތަކަށެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރް ވެސް ހިމެނެ އެވެ.

އެހެންވެ، ކުރިއަށް އޮތް ތިން ދުވަހު އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގުން އެކަށީގެން ވާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިއީ މަލަކާ ކަނޑުގައި މިހާތަނަށް އުފެދުނު ދެވަނަ ތޫފާނެވެ. ފުރަތަމަ ތޫފާން "ވަމޭއި" އެރީ 2001 ވަނަ އަހަރު އެވެ.

ތުފާން "ސެންޔާ" ސުމަޓްރާއަށް އެރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މި ތޫފާނުގެ އަސަރު އިންޑޮނީޝިއާ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑަށް ކޮށްފައިވާއިރު، ފެންބޮޑުވުމުގެ ހާދިސާތަކުގައި ތައިލެންޑުން 46 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ތައިލެންޑުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގައި މެލޭޝިއާ އިން އެކަކު، އަދި އިންޑޮނީޝިއާ އިން 76 މީހަކު މަރުވެފައިވާ ކަމަށް މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ވެސް ވެފައި ވަނީ އިންޑޮނީޝިއާއަށެވެ. އެ ގައުމުން 74 މީހަކު ގެއްލިގެން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.