Roadha Mihaaru
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި

ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި

04 ސެޕްޓެމްބަރ 2023

މި މަހުގެ 9، 10 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވަން ހަމަޖެހިފައިވާ ޖީ20ގެ މަހާސިންތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުނުވެދާނެތީ ނާއުންމީދުވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 9، 10 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވަން ހަމަޖެހިފައިވާ ޖީ20ގެ މަހާސިންތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުނުވެދާނެތީ ނާއުންމީދުވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ޗައިނާ ތަމްސީލުކުރައްވަން ނިއު ދިއްލީ އަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ރައީސް ޝީ އެވެ. ނަމަވެސް މީޑިއާގައި މިހާރު އަޑު ފެތުރެމުންދާ ގޮތަށް ބަލާއިރު، މި މަހާސިންތާގައި ރައީސް ޝީ ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

"އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ނާއުންމީދު ވެފައި... ނަމަވެސް އޭނާއާ ބައްދަލުކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން،" ޖީ20ގެ މަހާސިންތާއާ ބެހޭ ގޮތުން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ރައީސް ޝީ ވިދާޅުވެފައިވަނީ ނިއު ދިއްލީގައި އޮންނަ މަހާސިންތާގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ މަހާސިންތާއަށް ރައީސް ޝީ ވަޑައިގަންނަވާނެތޯ ނޫސްވެރިން ސުވާލު ކުރުމުން، ބުރާސްފަތި ދުވަހު ޗައިނާގެ ޚާރިޖިއްޔާއިން ވަނީ އެކަން ޔަގީން ކޮށްދިނުމަށް އުޒުރުވެރިވެފަ އެވެ.

ނަމަވެސް މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ، ނިއު ދިއްލީގައި އޮންނަ މަހާސިންތާގައި ރައީސް ޝީ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.

މިފަހަރު ޖީ20ގެ މަހާސިންތާ އަށް ވަގުތު ކުޑަތަންވެފައިވާ އިރު، ޗައިނާ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަސްކަރީ ވާދަވެރިކަމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އެންމެ ބޮޑު ދެކޮޅުވެރިކަމެއް އުފެދިފައި އޮތީ، ހިމާލިޔާ ސަރަހައްދުގައި އޮންނަ ބައެއް ބިންތަކުގެ މިލްކުވެރިކަމުގެ މައްސަލައިގަ އެވެ.

ދެ ގައުމުގެ މެދުގައި މިފަހަކަށް އައިސް އެންމެ ބޮޑު ރުޅިވެރިކަމެއް އުފެދިފައިވަނީ، ޗައިނާ އިން މިދިޔަ ހަފުތާގައި އާންމުކުރި، އެ ގައުމުގެ ސަރަހައްދު އަންގައިދޭ ޗާޓެއްގައި، އަރުޗަނަލް ޕްރަދޭޝް އާއި އަކްސާއި ޗިން ޕްލެޓޫ، ޗައިނާގެ ބިމުގެ ގޮތުގައި ފާހަގަކޮށްފައި އޮތުމުންނެވެ. ދެ ގައުމުގެ ގުޅޭ ސަރަހައްދުގައި އޮންނަ އެ ދެ ސަރަހައްދަކީ ވެސް، އެ ދެ ސަރަހައްދުގެ ބިމުގެ މިލްކުވެރިކަމާ މެދު ދެގައުމުގެ މެދުގައި ދެބަސްވުން އުފެދި، ވަކި ގޮތަކަށް މިލްކުވެރިކަން ސާބިތުނުވެ އޮތް ދެ ސަރަހައްދެވެ.