Roadha Mihaaru
ޕެލޭގެ ގޯލް ޖެހުމުގެ ރެކޯޑް ނޭމާ އަށް

ޕެލޭގެ ގޯލް ޖެހުމުގެ ރެކޯޑް ނޭމާ އަށް

10 ސެޕްޓެމްބަރ 2023

ބެލިމް، ބްރެޒިލް (ސެޕްޓެމްބަރު 10) - ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަ ލެޖެންޑް ޕެލޭގެ ރެކޯޑް، ނޭމާ މުގުރާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބެލިމް، ބްރެޒިލް (ސެޕްޓެމްބަރު 10) - ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަ ލެޖެންޑް ޕެލޭގެ ރެކޯޑް، ނޭމާ މުގުރާލައިފި އެވެ.

ނޭމާ، 31، ރެކޯޑް މުގުރާލީ، ނިމިދިޔަ ހަފްތާ ބަންދުގައި ބްރެޒިލް ކުޅުނު ވޯލްޑްކަޕް ކޮލިފައިން ފުރަތަމަ މެޗުގައި ދެ ގޯލު ޖަހައިގެންނެވެ. ދެ ގޯލާ އެކު ނޭމާ ވަނީ ގައުމީ ޓީމަށް 79 ގޯލު ހަމަކޮށްފަ އެވެ. ޕެލޭ ވަނީ ބްރެޒިލް ގައުމީ ޓީމަށް 77 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ކޮލިފައިން މެޗުގައި ބްރެޒިލް އިން ބޮލީވިއާ ބަލިކުރީ 5-1 އިންނެވެ. އެ މެޗުގައި ނޭމާ ދެ ގޯލު ޖެހުމުގެ ކުރިން އޭނާ އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބު ވެފަ އެވެ. އެއީ ނޭމާ ގައުމީ ޖޯޒީގައި ކުޅުނު 125 ވަނަ މެޗެވެ.

"އަހަރެން ކުރިން މި ރެކޯޑާ މެދު ހިޔާލެއް ނުކުރެވޭ. އެއީ އަހަރެންނަކީ ޕެލޭއަށް ވުރެ މޮޅު މީހެއް ނޫން، އަދި ގަބޫލެއް ނުކުރަން އަހަރެންނަކީ ގައުމީ ޓީމަށް ކުޅޭ އެހެން ކުޅުންތެރިންނަށް ވުރެ ވެސް މޮޅު މީހެއް ކަމަކަށް،" ނޭމާ ބުންޏެވެ.

ބްރެޒިލް އަންހެން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައި ވަނީ މާތާ، 37، އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 175 މެޗުން 115 ގޯލު ޖަހައިފަ އެވެ.

ޕެލޭ ގައުމީ ޓީމަށް ކުޅެފައި ވަނީ 1957 އިން 1971 އަށެވެ. އޭނާ ބެލެވިފައި ވަނީ މުޅި ދުނިޔެ ވެސް ދުށް އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއަކަށެވެ. ޕެލޭ 77 ގޯލު ޖަހައިފައިި ވަނީ 92 މެޗުންނެވެ. މިދިޔަ ޑިސެމްބަރު މަހު ޕެލޭ މަރުވީ އުމުރުން 82 އަހަރުގަ އެވެ.

"އޭނާ އައިސް ކުރަން އުޅުނު ކަންތައް ކޮށްފި. މަޖާ ކޮށްލައިފައި ދެ ގޯލު ޖަހައި ރެކޯޑް ވެސް މުގުރާލައިފި،" މެޗަށް ފަހު ބްރެޒިލްގެ ކޯޗު ފެނާންޑޯ ޑިނީޒް ބުނެފައިވެ އެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ނޭމާ ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮދު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާ ޕީއެސްޖީ އަށް ދިޔައީ 222 މިލިއަން ޑޮލަރަށެވެ. މިދިޔަ މަހު އޭނާ ވަނީ ޕީއެސްޖީ ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ބަދަލުވެފަ އެވެ.

"އޭނާ އަކީ ވަރަށް މަގުބޫލު ފަންނާނެއް ގޮތުގައި އަހަރެން ސިފަކުރާނީ. ފުޓްބޯޅައިގެ ސަޕޯޓަރުން އެބަ ޖެހޭ އޭނާގެ ނިންމުންތައް ވެސް ބަލައިގަންނަން،" ނޭމާ އޭޝިއާގެ ކްލަބް ފުޓްބޯޅައަށް ބަދަލުވުމާ ގުޅިގެން ބްރެޒިލްގެ ކޯޗު ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ވަނީ ލިއޮނެލް މެސީގެ ގޯލަކާ އެކު 1-0 އިން އިކުއެޑޯ ބަލިކޮށްފަ އެވެ. އަދި އުރުގުއޭ ވަނީ، އާ ކޯޗު މާސެލޯ ބިއެލްސާ އާއެކު ފުރަތަމަ މެޗުގައި 3-1 އިން ވާދަވެރި ޗިލީ ބަލިކޮށްފަ އެވެ.