Roadha Mihaaru
ޗައިނާއަށް ކުރާ ވިއްސާރައިގައި 20 މީހަކު މަރުވެއްޖެ

ޗައިނާއަށް ކުރާ ވިއްސާރައިގައި 20 މީހަކު މަރުވެ 27 މީހަކު ގެއްލިއްޖެ

02 އޯގަސްޓް 2023

ޗައިނާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަހައްދުތަކުން މަދުވެގެން 20 މީހަކު މަރުވެ އިތުރު 27 މީހަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފި އެވެ.

ޗައިނާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަހައްދުތަކުން މަދުވެގެން 20 މީހަކު މަރުވެ އިތުރު 27 މީހަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ވެރިރަށް ބެއިޖިން އާއި ވަށައިގެންވާ ސަރަހައްދުތަކުގަ އެވެ. ޗައިނާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ގައުމުގައި މޫސުމާ ބެހޭ މައުލޫމާތުތައް އެއްކޮށް ބަލަހައްޓަން ފެށި ފަހުން މިވީ 140 އަހަރުގެ ތެރޭގައި، މިހާ ބޯކޮށް ވާރޭވެހުނު މިއީ ފުރަތަމަ ފަހަރެވެ.

މި ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ބެއިޖިން ހިމެނޭ ސަރަހައްދަށް 744.8 މިލިމީޓަރުގެ (29.3 އިންޗިގެ) ވާރޭ ވެހިއްޖެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. އެ ގައުމުގައި 1891 ވަނަ އަހަރުން ފެށިގެން މޫސުމާ ބެހޭ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، ވިދިވިދިގެން ހަތަރު ދުވަހުގެ ތެރޭގައި މިހާ ބޯކޮށް ވާރޭ ވެހުނު މިއީ ފުރަތަމަ ފަހަރެވެ.

ޗައިނާ އަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހެމުން މިދަނީ އެ ގައުމުގެ އިރުދެކުނު ސަރަހައްދުގައި އުފެދިފައިވާ ޑޮކްސޫރީ ތޫފާންގެ ސަބަބުންނެވެ. އެ ތޫފާން މިދިޔަ ހަފުތާގައި ދެކުނުގެ ފޫޖިއާން ޕްރިވިންސަށް އަރައި އުތުރަށް ދަތުރުކޮށް މިއަދު ހުރީ ވެރިރަށް ބެއިޖިންއާ ވަރަށް ކައިރީގަ އެވެ. މިއަދު ހެނދުނު އެ ތޫފާން ހުރީ ބެއިޖިންގެ ހުޅަނގު ދެކުނުން 60 ކިލޯމީޓަރު ދުރުގައި އޮންނަ ޒޯޒޫ ސަހަރުގައި ކަމަށްވާތީ، ކުއްލި އެހީތެރިކަން ފޯރުކޮށްދޭ ޓީމުތައް މިއަދު ވަނީ އެ ސަހަރަށް ފޮނުވައިފަ އެވެ.

ޒޯޒޫ ސަހަރަކީ ގިނަ އަދަދެއްގެ ކޯރުތައް ދަތުރުކުރާ މަގެއްގައި އޮންނަ ސަހަރަކަށް ވާތީ، ވާރޭގެ ސަބަބުން ކޯރުތައް ފުރިގެން ބަންޑުންވުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އެ ނުރައްކާތެރިކަން އިތުރުވަމުން ދާތީ، ވެރިރަށް ބެއިޖިން އާއި ކައިރީގައި އޮންނަ ހެބޭ ޕްރިވިންސްގެ ގާތްގަނޑަކަށް މިލިއަނެއްހާ މީހުން މިހާރު ވަނީ ރައްކާތެރި ދުރު ސަރަހައްދުތަކަށް ގެންގޮސްފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މި ތޫފާނުގައި ކުރަމުން ދާ ވިއްސާރައިގައި މިދިޔަ 40 ގަޑިއިރުގެ ތެރޭގައި ވެހުނު ވާރޭގެ މިންވަރު، އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވްރެޖްކޮށް ވެހޭ ވާރޭގެ މިންވަރާ ދާދި އެއްވަރު ވެއްޖެ އެވެ.

ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބެމުންދާތީ، އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގައި އެހީތެރިވެދިނުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި ސިފައިންނާއި ފުލުހުންނަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް މިއަދު ވަނީ އަންގަވައިފަ އެވެ.

ޗައިނާގެ ތާރީޚުގައި މިހާތަނަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ހިތާމަވެރި ހާދިސާ ހިނގީ 1998 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ. އެ އަހަރު ކުރިމަތިވި ވިއްސާރައިގައި ޔަންގްޒީ ކޯރު ފުރިގެން ބަންޑުންވެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމާ ގުޅިގެން 4000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި 15 މިލިއަނެއްހާ މީހުން ގެދޮރު ނެތުނެވެ.

އޭގެ ފަހުން 2021 ވަނަ އަހަރު ކުރިމަތިވި ގަދަ ވިއްސާރައިގެ ތެރޭގައި ޒެންގްޒޫ ސަހަރުގަ އާއި ހެނާން ޕްރޮވިންސްގައި ފެންބޮޑުވެ 300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި އެތައް ހާސް ބަޔަކު ގެދޮރު ނެތި ހާލުގައި ޖެހުނެވެ.