Roadha Mihaaru
ފްރާންސް ބަލިކުރެވުމުން މުލާގެ ތައުރީފު އާ ކޯޗަށް

ފްރާންސް ބަލިކުރެވުމުން މުލާގެ ތައުރީފު އާ ކޯޗަށް

13 ސެޕްޓެމްބަރ 2023

ޑޯޓްމަންޑް (ސެޕްޓެމްބަރު 13) - ޖަރުމަނުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކުރި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ވޯލްޑް ކަޕްގެ ރަނަރަޕް ފްރާންސް 2-1 އިން ބަލިކުރެވުމާ އެކު ޖަރުމަން ޓީމުގެ ފޯވާޑް ތޯމަސް މުލާ، ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވެ ހުރި ރޫޑީ ވޮލާ އާއި އޭނާގެ ޓީމަށް ތައުރީފް ކޮށްފި އެވެ.

ޑޯޓްމަންޑް (ސެޕްޓެމްބަރު 13) - ޖަރުމަނުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކުރި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ވޯލްޑް ކަޕްގެ ރަނަރަޕް ފްރާންސް 2-1 އިން ބަލިކުރެވުމާ އެކު ޖަރުމަން ޓީމުގެ ފޯވާޑް ތޯމަސް މުލާ، ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވެ ހުރި ރޫޑީ ވޮލާ އާއި އޭނާގެ ޓީމަށް ތައުރީފް ކޮށްފި އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެ، އާ ކޯޗާ އެކު ރޭ ކުޅުނު މެޗުގައި މުލާ ވަނީ ހަތަރު ވަނަ މިނިޓުގައި ލީޑު ނަގައިދީފަ އެވެ. ދެވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ލީރޮއީ ސާނޭ އެވެ. އޭގެ ދެ މިނިޓް ފަހުން އެންޓޮއިން ގްރީޒްމަން ފްރާންސަށް ގޯލު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުންނެވެ.

"ފާއިތުވި ތިން ވަރަކަށް ދުވަހު ވަރަށް ބައިވަރު އުނދަގޫ ހާލަތްތައް ދިމާވެއްޖެ. ފްލިކް ވެސް ވަކިކޮށްފި. އެކަމު ވެސް އަހަރެން ތަހުނިޔާ ކިޔަން ބޭނުން ރޫޑީ [ވޮލާ] އާއި އޭނާގެ ޓީމުން ހާލަތާ ޑީލް ކުރި ގޮތަށް،" ގައުމީ ޓީމުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރާ ވޮލާގެ މަސައްކަތަށް ތައުރީފް ކުރަމުން މުލާ ބުންޏެވެ.

"އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ނަތީޖާ ނެރުނީ. މި މޮޅާއެކު މާ ބައިވަރު ވާހަކައެއް ދެއްކޭކަށް ނެތް، އެކަމު އަހަރެމެންނަށް ލިބެމުން ދިޔަ ނުތަނަވަސްކަމަށް ލިބުނު ތަސައްލީއެއް މިއީ."

އާ ކޯޗު ވޮލާ، ރޭގެ މެޗު ތެރޭން މުލާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

އާ ކޯޗު ވޮލާ، ރޭގެ މެޗު ތެރޭން މުލާއާ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ވޮލާ ވަނީ މީގެ ކުރިން 2000 ވަނަ އަހަރުން ފެށިގެން 2004 އާ ހަމައަށް ޖަރުމަން ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ޖަރުމަނުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ކުޅުނީ އޭނާގެ އިރުޝާދުގެ ދަށުންނެވެ. ޖަރުމަން ގައުމީ ޓީމުގެ ޑިރެކްޓަރުގެ މަގާމާ ހަވާލުވީ، 2005 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް ޖަރުމަން ކްލަބް ބެޔާ ލެވަކޫސަންގެ ޑިރެކްޓަރުގެ ވަޒީފާ އަދާކޮށްފަ އެވެ.

"ކުޅުންތެރިންނާއި ފެޑެރޭޝަނަށް ވެސް އެންމެ ފައިދާ ކުރާނީ މިރޭ އެ ފެނުނު ފަދަ ކުޅުމެއް ކުޅެގެން. ހާއްސަކޮށް ފުރަތަމަ ހާފުގައި ވަރަށް މޮޅަށް ކުޅުނު،" ޖަރުމަން ޓީމާ އެކު 1990 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފޯވާޑް ވޮލާ ބުންޏެވެ.

"ކޮންމެވެސް ވަރަކަށް ހަމަ ނޭވައެއް ލެވިއްޖެ. މި ފަހުން ކުރިމަތިވި ނާކާމިޔާބު ނަތީޖާތަކަށް ފަހު މިއަދު އުފާވެރި އިހުސާސެއް ކުރެވޭ."

އަންނަ އަހަރުގެ ޔޫރޯ މުބާރާތް ޖަރުމަންގައި ބާއްވާއިރު، އެ ގައުމު ވަނީ އޮޓަމެޓިކުން މުބާރާޓަށް ކޮލިފައި ވެފަ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ކަޓައި، މި އަހަރު އެޓީމުން އަންނަނީ ޔޫރޯ މުބާރާތަށް ތައްޔާރުވާން ރަހުމަތްތެރިކަމުގެ ގިނަ މެޗުތަކެއް ކުޅެމުންނެވެ.

ފްލިކް އާއެކު މިއަހަރު އެންމެ ފުރަތަމަ ކުޅުނު މެޗުގައި ޕެރޫ ބަލިކުރި އެވެ. ނަމަވެސް އޭގެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުވި އެވެ. މެޗު ނިމިނިމިި އޮއްވައި ހޯދި ޕެނަލްޓީއަކުން ޔޫކްރޭން އަތުން ބަލިނުވެ ސަލާމަތްވިއިރު، ބެލްޖިއަމް އާއި ޕޮލެންޑް އަދި ކޮލަމްބިއާ އާއި ޖަޕާނު އަތުން ވެސް ވަނީ ބަލިވެފަ އެވެ.