Roadha Mihaaru
ގައުމީ ޓީމަށް ކުޅުން ހުއްޓައެއްނުލަން: މުލާ

ގައުމީ ޓީމަށް ކުޅުން ހުއްޓައެއްނުލަން: މުލާ

25 ނޮވެމްބަރ 2020

މިއުނިކް (ނޮވެމްބަރު 25) - ޖަރުމަނު ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ގެއްލިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނުނިންމާ ކަމަށް ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ ބުނެފި އެވެ.

މިއުނިކް (ނޮވެމްބަރު 25) - ޖަރުމަނު ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ގެއްލިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނުނިންމާ ކަމަށް ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ ބުނެފި އެވެ.

މިދިޔަ އަހަރު މާޗް މަހު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ މުލާގެ އިތުރުން ޖެރޯމް ބޯޓެން އާއި މެޓް ހަމެލްސް އަށް ދެން ގައުމީ ޓީމުން ފުރުސަތެއް ނެތް ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ޖަރުމަނު ގައުމީ ޓީމު ކުޅުނު އެއްވެސް މެޗަކަށް ނެގި ސްކޮޑުން މީގެއިން ކުޅުންތެރިއަކަށް ފުރުސަތު ދީފައެއްނުވެ އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ދާދި ފަހުން ސްޕެއިން އިން ވަނީ 6-0 އިން ޖާމަނީ ބަލިކޮށްފަ އެވެ. މިއީ ލަދުވެތި ނަތީޖާއެއްގެ ގޮތުގައި ސިފަކޮށް ޖަރުމަނުގެ ކުރީގެ ގިނަ ކުޅުންތެރިން ވަނީ ކްލަބް ލެވަލްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މުލާ އަށް އަލުން ގައުމީ ޓީމުން ފުރުސަތު ދޭން ޖެހޭ ކަމަށް ގޮވާލަމުންނެވެ.

އެ ވާހަކަތަކަށް އިޝާރާތްކޮށް ޖަރުމަނު މީޑިއާ އަށް މުލާ ދިން އިންޓަވިއުއެއްގައި ބުނީ ގައުމީ ޓީމާ އެކު އަބަދުވެސް އޭނާ ހުންނާނެ ކަމަށާއި ޓީމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އޭނާގެ ސަޕޯޓް ލިބޭނެ ކަމަށެވެ. މި ވަގުތު އޭނާގެ ފޯކަސް ހުރީ ހަމައެކަނި ކްލަބަށް ކަމަށާއި އެހެން ނަމަވެސް ގައުމީ ޓީމުން ގޮވާލައިފިނަމަ އަދިވެސް ތައްޔާރަށް ހުރި ކަމަށް މުލާ ބުންޏެވެ.

"ފުރުސަތު ނުދޭން ނިންމީ އަހަރެމެންނަށް. އެކަމަކު އަހަރެމެންގެ ތެރެއިން އެކަކު ވެސް (އޭނާ އާއި ބޯޓެން އަދި ހަމެލްސް) ވެސް ނުނިންމާ ގައުމީ ޓީމުން ރިޓަޔާކުރާކަށް. އަހަރެން އަދިވެސް ގައުމީ ޓީމަށް ކުޅެން ބޭނުން. އެކަމަކު މީގެ އޮތީ ކޯޗުންގެ ނިންމުން. އޭގެ އަށް އިހުތިރާމްކުރާނަން،" 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ފަހުން ޖަރުމަނަށް ކުޅުނު މުލާ ބުންޏެވެ.

އުމުރުން 31 އަހަރުގެ މުލާ އަށް މިދިޔަ ސީޒަނުގެ ކުރީކޮޅުގައި ބަޔާން ކޯޗަކަށް ނިކޯ ކޮވަޗް ހުރިއިރު ފުރަތަމަ އެގާރައިން އެންމެ ރަނގަޅަށް ފުރުސަތެއް ނުލިބެ އެވެ. އެކަމަކު ކޮވަޗްގެ ވަޒީފާ ގެއްލި އެ ޓީމުގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން މުލާ އަކީ ގަވާއިދުން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެ ބޮޑެތި މެޗުތަކުގައި ތަފާތު ދައްކަމުން އައި ކުޅުންތެރިއެކެވެ. ބަޔާނުން މި އަހަރު ފަސް ތަށި އުފުލާލިއިރު މުލާގެ ދައުރު ބޮޑެވެ.