Roadha Mihaaru
ވޯޓުލާ ދުވަހު މާލޭގައި ބޮޑެތި ވެހިކަލް ދުއްވުން މަނާ

ވޯޓު ލާ ދުވަހު ދުވާލު ވަގުތުގައި މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން މަނާ

27 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ބާއްވާ އަންނަ ހޮނިހިރު ދުވަހުގެ ދުވާލުގެ ވަގުތުތަކުގައި މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ބާއްވާ އަންނަ ހޮނިހިރު ދުވަހުގެ ދުވާލުގެ ވަގުތުތަކުގައި މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދެ ވަނަ ބުރުގެ ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓު ލުމަށް ދާ މީހުންނަށާއި ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތި ވާތީ، މަގުތަކުގައި ހަތަރު ފުރޮޅުލީ ބޮޑެތި ވެހިކަލްތައް ދުއްވުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

އެ ދުވަހުގެ ހެނދުނު 6 އިން ރޭގަނޑު 8 އަށް ބޮޑެތި ވެހިކަލްތައް ދުއްވުން މަނާވާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ދުއްވުން މަނާ ވާނީ "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ" ކެޓަގަރީގެ ވެހިކަލްތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެ ކެޓަގަރީތަކުގެ ވެހިކަލްތަކުގެ ތެރޭގައި ބޮޑެތި ވޭނާއި ކާރާއި މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް ހިމެނެ އެވެ.

އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެ ވަގުތުތަކުގައި ދުއްވުން މަނާ ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ އުސޫލާ ހިލާފަށް ދުއްވާ ވެހިކަލްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.