Roadha Mihaaru
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!

ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް މާލެ، ހުޅުމާލޭގެ މަގުތަކުގައި އެބަހުރި!

25 ޖުލައި 2024

ރަޖިސްޓަރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަޖިސްޓަރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އެބަހުރި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފުތިތާހުކުރި "މާލެ ފަހި" ޕްރޮގްރާމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ގިނަ ވެހިކަލްތަކެއް ވިއްކާލެވެންދެން ނުވަތަ ރަޖިސްޓަރީ ކުރެވެންދެން މަގުމަތީގައި ގުދަން ކޮށްފައި ބަހައްޓާކަން ފާހަގަކުރެވެ އެވެ.

އެ ރިޕޯޓުގައި ބުނީ ވެހިކަލްތައް ހުރި އަދަދު ދެނެގަތުމަށްޓަކައި ކުރި ސާވޭތަކުން ދައްކާ ގޮތުގައި، މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި، ރަޖިސްޓަރީ ނުކުރާ 1،100 އަށް ވުރެ ގިނަ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކޮށްފައިވެ އެވެ.

އެއީ ގަވާއިދާއި ހިލާފަށް ހިގަމުންދާ އަދި ވިޔަފާރި ކުރުމުގެ އުސޫލުތަކާ ވެސް ހިލާފު ކަމެކެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ ވެހިކަލްތައް މަގުމަތީގައި ގުދަންކުރުމުގެ ބަދަލުގައި، ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ވަކި ސަރަހައްދަކުން ބިން ކަނޑައަޅައި، ވިޔަފާރި އުސޫލުން އެ ފަރާތްތަކަށް ޖާގަ ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. މިއީ، އެހެން ވިޔަފާރިތަކެކޭ އެއްފަދައިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކުރެވޭ ވިޔަފާރިއަކަށް ހަދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި 118,000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްފައިވެ އެވެ. އެކަކުގެ ނަމުގައި ވެސް އެކަކަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައި އެބަހުއްޓެވެ.

ތަފާތު ލޯން ސްކީމްތައް މެދުވެރިކޮށް ނަގައި، އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ގިނަ އަދަދެއްގެ ވެހިކަލްތައް ވެސް މަގުތައް މަތީގައި އެބަހުރި ކަމަށާއި އެގޮތަށް ހުރި ބައެއް ވެހިކަލްތަކަކީ އޭގެ ހަމަ އަގުގައި ފަސޭހައިން ވިއްކާލެވޭނެ ރަނގަޅު ފުރުސަތެއް ނެތުމުގެ ސަބަބުން މަގުމަތީގައި ބަހައްޓާފައި ހުރި ވެހިކަލްތައް ކަމަށް ރިޕޯޓުގައި ބުންޏެވެ.

ޓްރާސްންޕޯޓް މިނިސްޓްރީން ބުނީ، އެ ފަދަ ވެހިކަލްތައް ވިއްކާލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު، ވިއްކާލެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އެކަށޭނެ ފަންޑެއް (ބައިބެކް ޕްރޮގްރާމެއް) އެކުލަވައިލާނެ ކަމަށެވެ. އޭރަށް ވެހިކަލުގެ އިވެލުއޭޝަން ހެދުމަށް ފަހު، ވެރިފަރާތުގެ އަތުން ވެހިކަލްތައް ގަނެ ރީސައިކަލްކުރުން، ރީއެކްސްޕޯޓު ކުރުން ނުވަތަ ބައުދަގަނޑުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ނިޒާމެއް ގާއިމުކުރާނެ އެވެ.

"އިވެލުއޭޝަނަށް ފަހު ވަގުތުން ފައިސާ ދީފައި ގަންނަ ކަމުގައިވަނީ ނަމަ 18 ޕަސެންޓާއި 21 ޕަސެންޓާ ދެމެދު އަދަދެއްގެ އުޅަނދު ދޫކޮށްލާނެކަން ކުރެވިފައިވާ ސާވޭއިން އެނގެ އެވެ،" ރިޕޯޓުގައި ވެ އެވެ.

ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ތިން އަހަރުގެ ބަޖެޓުގައި ހިމަނައިގެން މާލެ ސަރަހައްދުން މިގޮތަށް ހުރި ވެހިކަލްތައް މަދުކުރުމަށްޓަކައި ބައިބެކް ޕްރޮގްރާމެއް ތައާރަފު ކުރުމެވެ.