Roadha Mihaaru
"އަޅުގަނޑުގެ ހައްގުގައި މަގުމަތީ ތިބެން ކެރެންޖެހޭނެ"

ފިނި ކޮޓަރީގައި ނުތިބެ އަޅުގަނޑުގެ ހައްގުގައި މަގުމަތީ ތިބެން ކެރެން ޖެހޭނެ: ޔާމީން

05 އޮކްޓޯބަރ 2023

މަގާމުތައް ލިބުނީމާ ފިނި ކޮޓަރި އަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށާއި ނަމަވެސް، އެ މަނިކުފާނު ދެކެ ލޯބިވާ އާންމު ރައްޔިތުން ތިބޭނީ ގައުމުގެ ހައްގުގައި މަގުމަތީގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މަގާމުތައް ލިބުނީމާ ފިނި ކޮޓަރި އަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށާއި ނަމަވެސް، އެ މަނިކުފާނު ދެކެ ލޯބިވާ އާންމު ރައްޔިތުން ތިބޭނީ ގައުމުގެ ހައްގުގައި މަގުމަތީގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ގެކޮޅު ދޫވެހި ކައިރި އަށް "ފަރިވަޅު" އެއް އަރުވަން އެެއްވި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޖަލުގައި ހުންނަވަން ޖެހުމުން، ދޫކޮށްލަން ގޮވާލައި ހައްގުގައި މަސައްކަތް ކުރާ ތަން ފެންނަނީ ލޯބިވާ އާންމު ރައްޔިތުން ކަމަށެވެ.

"އެކަމަކު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަތައް ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި ތި ރައްޔިތުން ކުރި މަސައްކަތުން. އެހެންވީމާ އިންސާނީ ތޮބިއްޔަތަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ އެ ކަންކަން ހަނދާން ނެތުން،" ޔާމީން ވިދާޅުވި އެވެ.

"އެހެން ނަމަވެސް، ރައްޔިތުންގެ ލޯތްބަކީ އަދި ޖަލު ގޮޅީގައި އޮތަސް އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން."

ޔާމީން ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ އިންސާފުވެރި ޝަރީއަތެއްގައި މައުސޫމްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވަން ކަމަށާއި މިނިވަންކޮށްދޭން އެދި މި ސަރުކާރަށް ވެސް އަދި އެހެން ބައެއްގެ ގާތުގައި ވެސް އާދޭސް ނުކުރައްވާނެ ކަމަށެވެ. އެންމެ ބޮޑު ވަރަކަށް ވެސް ގެންދާނީ ޖަލަށް ކަމަށާއި ނަމަވެސް، ޖަލަކީ ދެ ވަނަ ދިރިއުޅުމަށް މިހާރު ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ހައްގުގައި އެންމެ ބުރަ މަސައްކަތެއް ކުރީ އާންމު ސަޕޯޓަރުންގެ ތެރެއިން އަންހެނުން ކަމަށާއި އެ މީހުން މަގުމަތީ އިހުތިޖާޖުގައި އުޅުނީ މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ފަހު ކަމަށާއި މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށެވެ. އެހެންކަމުން ވޯޓަށް އެދި ރައްޔިތުން ގާތަށް އަންނައިރު އެ ބޭފުޅުން އަންނަނީ ގައުމީ ހައްގުގައިތޯ ނުވަތަ އަމިއްލަ ކަމެއް ފުއްދަންތޯ ސާފުކުރަން ރައްޔިތުން ކިބައިން ޔާމީން އެދިވަޑައިގެންނެވި އެވެ.

ގައުމީ ހައްގުގައި މަސައްކަތް ކުރާ ނަމަ، ގައުމުގެ ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރި ލީޑަރުގެ ހައްގުގައި ތިބެން ވާނީ ރައްޔިތުންނާ އެކު މަގުމަތީގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކެރެން ވާނެ މަގުމަތީގައި އުޅެން. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ޕީޕީއެމްގެ އިސްވެރިންނާއި ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ: އެމަނިކުފާނު ގެކޮޅަށް ބަދަލުކުރީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށް --- ފޮޓޯ:  ނިޝާން އަލީ | މިހާރު

ޔާމީންގެ ޕީޕީއެމްގެ އިސްވެރިންނާއި ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ: އެމަނިކުފާނު ގެކޮޅަށް ބަދަލުކުރީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޔާމީން އެހެން ވިދާޅުވިއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީން ރީތި ގޮތުގައި މިނިވަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވައި، މަގުމަތީ ހަރަކާތްތަކާއި އެއްވުންތައް ނުބޭއްވުމަށް ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. ނަމަވެސް، އެހެން ވިދާޅުވި ރޭ ވެސް ސަޕޯޓަރުން ޔާމީންގެ ގޭދޮށަށް އެއްވެ އަޑުއުފުލި އެވެ.

"އެ ކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެެދެން. އެހެން ނޫނިއްޔާ އަޅުގަނޑަށް މި މަސައްކަތް ކުރަން ހަވާލު ކުރައްވާފައި ތިބޭފުޅުން ވަކި މަގަކުން ވަޑައިގެންފިއްޔާ ގައުމުގެ ހަމަޖެހުމެއް އަޅުގަނޑު މި ދަންނަވާ ގޮތަކަށް ނުލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ޔާމީން ރޭ ވިދާޅުވީ އެ މަނިކުފާނު ޖަލުގައި ބަހައްޓައިގެން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް މި ސަރުކާރާއި އިންޑިއާ އިން އުއްމީދު ކުރި ކަމަށެވެ. ނަމަވެސް، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ހަގީގީ މަންޒަރު ފެންނާނެ ކަމަށާއި މަގުސަދާއި ނިޔަތް ނުބައި ކަމަށްވާ ނަމަ އެ ބޭފުޅުން އެ ކުރާ މަސައްކަތުގައި އެއްވެސް ކުލައެއް ނުޖެހޭނެކަން، އެނގޭނެ ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެ މަނިކުފާނަކީ ވެރިކަމުގެ އިއްޒަތާއި ޝަރަފާއި ލިބޭ މުސާރައަށްޓަކައި އުޅުއްވާ ބޭފުޅެއް ނޫނެވެ. ސުޕްރީމް ކޯޓުން ކެންޑިޑެންސީ ގެއްލުވާލުމުން އެ މަނިކުފާނު ވަރަށް ދެރަފުޅުވާނެ ކަމަށް ވާދަވެރިން އުއްމީދު ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ކަން އޮތީ އެހެނެއް ނޫން ކަމަށާއި ކަންބޮޑުވަނީ އެ މަނިކުފާނުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު ދެން ނުކުންނާނެ ނަތީޖާތަކާ މެދު ކަމަށް ވިދާޅުވި އެވެ.

ވެރިއަކަަށް ހުންނަވާ ބޭފުޅާއާ ދެން ވާދަކުރާ ކެންޑިޑޭޓަށް އިންތިހާބު ކައިރިވުމުން ދަށު ކޯޓުގެ ހުކުމެއް އިއްވައި އިންތިހާބުން ފުރުސަތު ގެއްލުވާލުމުގެ ޖާގަ މިހާރު އެބަ އޮތް ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ގަބޫލުފުޅު ކުރައްވާ ގޮތުގައި އިސްތިއުނާފުގެ ހައްގު އޮއްވައި، އެ ގޮތަށް ދަށު ކޯޓުގެ ހުކުމަކުން އިންތިހާބީ ގެއްލުވާލެވިގެން ނުވާނެ އެވެ.

"އަޅުގަނޑު އިސްތިއުނާފީ މަރުހަލާ ނިންމައި، ދެން ވެސް ނުކުންނާނީ މައުސޫމް މީހެއްގެ ގޮތުގައި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު މިއަދު ޖަލުގައި ހުރި ނަމަވެސް، ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ މި ސަރުކާރު ނިމުމަކަށް އައުން ކަމަށާއި މި ސަރުކާރުން އަނިޔާވެރިވީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. މި ސަރުކާރުން ކޮރަޕްޝަން ހިންގައި ފައިސާތައް ނަގާފައިވަނީ ބޮޑެތި ލޮރީތަކުގައިކަން އެނގޭނީ މައްސަލަތައް ތަހުގީގު ކުރަން ފެށުމުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެ ތަނުގައި ހަމަ ސަލާމަތްވާނެ އެއްވެސް މީހެއް ނެތް. އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މި އުފެދޭ ސަރުކާރުން ކެރެންވީ މައްސަލަތައް ބަލަން. މައްސަލަަތައް ބަލައިފިއްޔާ ފެންނާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނު އަދިވެސް ހުންނެވީ އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތުގައި ސާބިތުވެ އެވެ. އެ ގައުމަށް ރާއްޖޭގެ އެންމެ ވެލި ޖޯޑެއް ވެސް ނުލިބޭނެ ކަމަށާއި އެ މީހުން މި ގައުމުން ނެރެން ސާބިތުވެ ހުންނަވާ ކަމަށް ވިދާޅުވި އެވެ.

"ގައުމީ މަސައްކަތެއް ކުރާ ނަމަ ތިބެން ވާނީ ސާބިތުކަމާ އެކު، އަޅުގަނޑަށް ޖަލަށް ދެވިދާނެ، އަނިޔާ ކުރެވިދާނެ،" ޔާމީން ވިދާޅުވި އެވެ.