Roadha Mihaaru
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް

ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް

22 ޖުލައި 2023

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.

"އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،" ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވި އެވެ.

ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވެއްދިއިރު އެމަނިކުފާނު އިންތިހާބުގައި ވާދަކުރެއްވުމުގެ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕާޓީން އަންނަނީ ކުރަމުންނެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަތަކަށް ހުޅުވާލާފައިވާ އިރު ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.

އެކަމަކު ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އިންތިހާބަށް ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ޔާމީނަށް އޮތީ ބަންދުވެފަ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. ހައި ކޯޓުން ޔާމީންގެ މައްސަލައިގައި ގޮތެއް ނުނިންމިޔަސް، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ކާމިޔާބުވާނެ ކަަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ.