Roadha Mihaaru
2026ގެ ދަރަނީގެއަސަރު  ޕްރައިވެޓް ސެކްޓަރަށް ކުރާނެ

2026 ގެ ބޮޑު ދަރަނީގެ އަސަރު ޕްރައިވެޓް ސެކްޓަރަށް ކުރާނެ: ވޯލްޑް ބޭންކް

07 އޮކްޓޯބަރ 2023

ރާއްޖެ އިން އެން ބޮޑު އަދަދެއްގެ ދަރަނި އަދާކުރަން ޖެހޭ 2026 ގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ދައްކަން ޖެހުމުގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް އޭގެ އަސަރުތައް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އިން އެން ބޮޑު އަދަދެއްގެ ދަރަނި އަދާކުރަން ޖެހޭ 2026 ގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ދައްކަން ޖެހުމުގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް އޭގެ އަސަރުތައް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ނެރުނު މި ސަރަހައްދުގެ އިގްތިސާދީ ހާލަތާ ގުޅޭ ރިޕޯޓުގައިވާ ގޮތުން، މާލީ އެންމެ ބޮޑު ގޮންޖެހުމެއް ރާއްޖެ އަށް އެ އަހަރު ކުރިމަތިވާ އިރު ލޯނުތައް ދެއްކުމަށް އެހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ބޭނުންވެ، ފައިނޭންސިން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. ބޭރުގެ ފައިނޭންސިން ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވެ، މާލީ ދާއިރާ އަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުންޏެވެ.

މީގެ ތިން އަހަރު ފަހުން، ތިން ގުނަ ބޮޑު އަދަދަކަށް ރާއްޖެ އިން ދަރަނި އަދާކުރަން ޖެހެ އެވެ. އެހެންވެ، ރާއްޖޭގެ ފިސްކަލް ހާލަތަށް ބަދަލު އަންނާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

މިކަމުގެ އަސަރު އެހާ ބޮޑަށް ކުރަނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވުމުން ކަމަށް އެ އިދާރާއިން ބުންޏެވެ. ވޯލްޑް ބޭންކުން ބުނީ، މާލީ ގޮތުން މުޅި އިގްތިސާދަށް ކުރިމަތިވާ ތާށިކަން ޕްރައިވެޓް ސެކްޓަރަށް ވެސް ކުރާނެ ކަމަށެވެ.

ދެހާސް ސައްބީސް ވަނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ 50 ޕަސެންޓަކީ މި ސަރުކާރުން 2021 ވަނަ އަހަރު ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކެވެ. އެ ސުކޫކުގެ ބޮޑު ބައެއް ހޭދަކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑް" ބޮންޑު ދެއްކުމަށެވެ.

މި އަހަރު ނިމޭ އިރު ރާއްޖޭގެ ދަރަނި 115 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. ސަރުކާރުން ލަފާކުރަނީ ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް މި އަހަރު ނިމޭއިރު އަރާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހާމަކުރި މައުލޫމާތުން އެނގޭ ގޮތުން ދައުލަތުގެ ދަރަނީގެ ތެރެއިން 49 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ.