Roadha Mihaaru
ވިލާ ކޮލެޖުގެ ދެ ވަނަ ސައިކޮލޮޖީ ސިމްޕޯޒިއަމް ފަށައިފި

ވިލާ ކޮލެޖުގެ ދެ ވަނަ ސައިކޮލޮޖީ ސިމްޕޯޒިއަމް ކުރިއަށް ދަނީ

11 އޮކްޓޯބަރ 2023

ވިލާ ކޮލެޖުން އިއްޔެ ފެށި ސައިކޮލަޖީ ސިމްޕޯޒިއަމްގައި ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ހުރި މައްސަލަތަކާ ގުޅޭ ޕެނަލް ޑިސްކަޝަން މިއަދުގެ ސެޝަނުގައި ވެސް ކުރިއަށް ދާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖުން އިއްޔެ ފެށި ސައިކޮލަޖީ ސިމްޕޯޒިއަމްގައި ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ހުރި މައްސަލަތަކާ ގުޅޭ ޕެނަލް ޑިސްކަޝަން މިއަދުގެ ސެޝަނުގައި ވެސް ކުރިއަށް ދާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

އެ ކޮލެޖުން ބުނީ އެ ކޮލެޖުގެ ސައިކޮލަޖީ ސިމްޕޯޒިއަމް އެންޑް އެގްޒިބިޝަނަކީ ނަފްސާނީ ބަލިތަކާއި ދުޅަހެޔޮކަމަށް އަހުލުވެރިކަން އިތުރުކުރުވުމުގެ ގޮތުން އެ ކޮލެޖުން ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަހާ ގުޅިގެން ބާއްވަން ފެށި ހަރަކާތެއް ކަމަށެވެ. އިއްޔެ ފެށީ މި ސިމްޕޯޒިއަމްގެ ދެ ވަނަ އެޑިޝަނާއި އެގްޒިބިޝަނުގެ ތިން ވަނަ އެޑިޝަނެވެ.

ވިލާ ކޮލެޖުގެ ސައިކޮލަޖީ ސިމްޕޯޒިއަމްގައި އެ ކޮލެޖުގައި ސައިކޮލޮޖީ ކިޔަވާ ދަރިވަރުން ނިންމާ ރިސާޗް ޕޭޕަރު ހުށަހަޅާ، ހޯދުންތައް އަންނަނީ ބައިވެރިންނާ ހިއްސާކުރަމުންނެވެ. އަދި ރާއްޖޭގައި ހުރި މައިނޯރިޓީ ގްރޫޕުތައް ދެނެގަނެ، އެ މީހުންނަށް ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ރާއްޖޭގައި ހަމަހަމަކަމާ އެކު ފަރުވާ ހޯދޭނެ ގޮތްތަކާއި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ހުރި ގޮންޖެހުންތަކުގެ މައްޗަށް މި ސިމްޕޯޒިއަމްގައި މަޝްވަރާކޮށް ޕެނަލް ޑިސްކަޝަންތައް އަންނަނީ ބާއްވަމުންނެވެ.

ވިލާ ކޮލެޖުގެ ސައިކޮލަޖީ އެސޯސިއޭޝަނުގެ ރައީސް މިފްޒާހު ރަޝީދު ބުނީ މި ހަރަކާތަކީ އެ ކޮލެޖުގެ ސައިކޮލަޖީ ކިޔަވާ ދަރިވަރުންގެ ބައިވެރިވުން ހިމެނޭ، އެ ދަރިވަރުންގެ ހޫނު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެއް ކަމަށެވެ.

ސިމްޕޯޒިއަމްއާ އެކު ކުރިއަށްދާ އެގްޒިބިޝަންގައި ބަޔަކު މައުލޫމާތު ހޯދަނީ. -- ފޮޓޯ؛ ނިޝާން އަލީ | މިހާރު

ސިމްޕޯޒިއަމްއާ އެކު ކުރިއަށްދާ އެގްޒިބިޝަންގައި ބަޔަކު މައުލޫމާތު ހޯދަނީ. -- ފޮޓޯ؛ ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން ކިޔަވާ މޮޑިއުލްތަކަށް ބޭސްކޮށް އެގްޒިބިޝަނަށް ވެސް އެއްޗެހި ތައްޔާރު ކުރީ. އަދި ސިމްޕޯޒިއަމްއަށް މި ހުށަހަޅަނީ އަޅުގަނޑުމެންގެ ރިސާޗު ޕޭޕަރުތައް. މިއީ ރާއްޖޭގައި މި ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މި ދާއިރާއަށް އަހުލުވެރިކުރުވަން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް." އޭނާ ބުންޏެވެ.

މި ސިމްޕޯޒިއަމްއާ އެކު ކުރިއަށްދާ އެގްޒިބިޝަނަކީ ސައިކޮލަޖީ ދަރިވަރުން ކިޔަވާ އެކި މޮޑިއުލްތަކުގެ ބޭނުން ހިފައި، އެ ދާއިރާއަށް އަހުލުވެރިކުރުވުމަށް އާއްމުންނަށް މުހިންމު ގިނަ މައުލޫމާތުތަކާއި އިންޓަރެކްޓިވް ގޭމުތައް ހިމަނައިގެން ކުރިއަށް ގެންދާ އެގްޒިބިޝަނެކެވެ. މި އެގްޒިބިޝަނަށް މިއަދު މެންދުރު 2 އިން ރޭގަނޑު 9 އަށް އާއްމުންނަށް ވަނުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި އެ ފަދަ ސިމްޕޯޒިއަމެއްގެ މުހިންމުކަން ފާހަކުރެއްވި އެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ޖިސްމާނީ ދުޅަހެޔޮކަމާއި އެއްފަދައިން މުހިންމު ކަމެއްގެ ގޮތުގައި މުޖުތަމައު ބަލައިގަންނަން ފަށައިފާވާ ކަމަށާއި އަދިވެސް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވާހަކަ ދައްކަވަނީ. -- ފޮޓޮ: ނިޝާން އަލީ | މިހާރު

ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވާހަކަ ދައްކަވަނީ. -- ފޮޓޮ: ނިޝާން އަލީ | މިހާރު

"ނަފްސާނީ ބަލިތަކަށް ސްކޫލްތަކުގެ ހާއްސަ ޕްރޮގްރާމާއި ޕްރައިމަރީ ހެލްތުކެއާގެ ތެރެއިން އަހުލުވެރިކުރުވަން ޖެހޭ. އަދި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް އަތްފޯރާ އަގުގައި ލިބޭ ހިދުމަތަކަށް ވާން ޖެހޭ." ފަޒްނާ ވިދާޅުވި އެވެ.

މި ސިމްޕޯޒިއަމް އާއި އެގްޒިބިޝަނަކީ މިއަދުގެ ނިޔަލަށް ކުރިއަށް ދާނެ ހަރަކާތެކެވެ.