Roadha Mihaaru
ޔޫސުބެ ހޯދަން 22 ޑައިވަރުންގެ ބޮޑު އޮޕަރޭޝަނެއް!

ޔޫސުބެ ހޯދަން 22 ޑައިވަރުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް، ޑޯނިއާ ވެސް ބޭނުންކުރަނީ

15 އޮކްޓޯބަރ 2023

އެކަނި މަހަށް ނުކުތް އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެކަނި މަހަށް ނުކުތް އދ. ދަނގެތި ޔޫސުފް އިބްރާހިމް (ޔޫސުބެ) ހޯދަން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އުމުރުން 68 އަހަރުގެ ޔޫސުބެ ކުޑަ ދޯންޏެއްގައި މަހަށް ނުކުތީ އިއްޔެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާގެ ޚަބަރެއް ނުވެގެން ސިފައިންނަށް ރިޕޯޓްކުރީ އިއްޔެގެ ހެނދުނު 11:40 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ ޔޫސުބެ އިންޖީނުލީ ކުޑަ ދޯންޏެއްގައި މަސްވެރިކަމަށް ނުކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތީ ފަރާތަށް ކަމަށެވެ. އަދި އދ. ރަންވެލީގެ އުތުރު ކަނޑުއޮޅިން އެ ދޯނި ދަނިކޮށް އިއްޔެގެ ހެނދުނު 9:00 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި ބަޔަކަށް ފެނުނު ކަމަށް ސިފައިން ބުންޏެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ޔޫސުބެ ހޯދުމުގެ މަސައްކަތް ކުރަން ސާޗް އޮޕަރޭޝަން ފުޅާކޮށްފައިވާ ކަމަށެވެ.

އެކަމަށްޓަކައި ޑޯނިއާ ވެސް ފުރާފައިވާ ކަމަށާއި ޔޫސުބެ ގެއްލުނު ކަމަަށް ލަފާ ކުރެވޭ ސަރަހައްދުގައި ރިސޯޓުތަކާއި ޑައިވަރުން ގުޅިގެން ފީނަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކޯސްޓްގާޑާއި އެހެނިހެން އުޅަނދުތަކެއް ވެސް ކަނޑުމަތިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާ އާ ގުޅޭ ގޮތުން ދަނގެތި ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ވިދާޅުވީ ޔޫސުބެ ހޯދަން އެމްއެންޑީއެފްގެ 10 ޑައިވަރުންނާއި އެ ރަށުން 12 ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ދަނގެއްޗަކީ ރާއްޖޭގައި އެންމެ ޑައިވަރުން ގިނަ އެއް ރަށެވެ.

ޔޫސުބެ ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއް އިއްޔެ ވެސް ބަލާފައިވާ ކަމަށާއި ނަމަވެސް ޔޫސުބެ ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ހެނދުނު 7:00 އިން ފެށިގެން އަނެއްކާވެސް ކައިރި ރިސޯޓުތަކުގެ އެހީއާ އެކު، ޔޫސުބެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއާވިއަތު ވިދާޅުވި އެވެ.

"ސާދަ ޑައިވަރެއް އެއްފަހަރާ އެރިގެން އޭނާ ހޯދުމުގެ މަސައްކަތް އެބަ ކުރަން. އެމްއެންޑީއެފްގެ ބޭފުޅުންނާ އެކު ވެސް ވަރަށް ބާރަށް އެ މަސައްކަތް ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ޔޫސުބެ ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުންޏެވެ.