Roadha Mihaaru
ކުޅުންތެރިޔަކު ދަނޑުގައި ނަމާދުކުރުމުން މައްސަލައަކަށް

ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔަކު ދަނޑުމަތީގައި ނަމާދުކުރުން މައްސަލައަކަށް ހަދައިފި

17 އޮކްޓޯބަރ 2023

ނިއު ދެއްލީ (އޮކްޓޫބަރު 17) - އިންޑިއާގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނުގެ ވިކެޓް ކީޕިން ބެޓްސްމަން މުހައްމަދު ރިޒްވާން، ދަނޑުމަތީގައި ނަމާދު ކުރުމުން އިންޑިއާގެ ސީނިއާ ވަކީލެއް ކަމަށްވާ ވިނީތު ޖިންދާލް، ބައިނަލްއަގުވާމީ ކްރިކެޓް ކައުންސިލް (އައިސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

ނިއު ދެއްލީ (އޮކްޓޫބަރު 17) - އިންޑިއާގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނުގެ ވިކެޓް ކީޕިން ބެޓްސްމަން މުހައްމަދު ރިޒްވާން، ދަނޑުމަތީގައި ނަމާދު ކުރުމުން އިންޑިއާގެ ސީނިއާ ވަކީލެއް ކަމަށްވާ ވިނީތު ޖިންދާލް، ބައިނަލްއަގުވާމީ ކްރިކެޓް ކައުންސިލް (އައިސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

މިއީ ވޯލްޑް ކަޕް ތެރޭ ރިޒްވާނާ ދެކޮޅަށް ހުށަހެޅުނު ދެވަނަ މައްސަލައެވެ. ފުރަތަމަ މައްސަލަ ހުށަހެޅީ، މިދިޔަ އަންގާރަ ދުވަހު ޕާކިސްތާނުން ސްރީލަންކާ ބަލިކުރުމަށް ފަހު، ފަލަސްތީނުގެ ރައްޔިތުންނަށް އެ މޮޅު ހާއްސަކޮށް ރިޒްވާން ކުރި ޓްވީޓަކާ ގުޅިގެންނެވެ.

"މި މޮޅު ހާއްސަ ކުރަނީ ގާޒާގައި ތިބި އަހަރެމެންގެ އަހުންނާއި އުހުތުންނަށް،" ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ނުބައި ނުވެ 131 ލަނޑު ހެދި ރިޒްވާން، މެޗަށް ފަހު ކުރި ޓްވީޓު ފަށަމުން ލިޔެފައި ވެއެވެ.

އެހެން ނަމަވެސް އައިސީސީ އިން ވަނީ، އެއީ ކްރިކެޓް ގަވާއިދުތަކާ ހިލާފު ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ހައްގެއް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

އެ މައްސަލައިގައި އިންޑިއާ އަށް ކުރިއެރުމެއް ނުލިބުމުން، ސުޕްރީމް ކޯޓުގެ ވަކީލު ވިނީތު މިވަނީ، މިމަހުގެ ހަވަނަ ދުވަހު ޕާކިސްތާނުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް އާ ދެކޮޅަށް ކުޅުނު މެޗުގައި ރިޒްވާން ދަނޑުމަތީގައި ނަމާދު ކުރުމުން އެއީ ކްރިކެޓްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެ އައިސީސީ އަށް އިތުރު މައްސަލައެއް ހުށަހަޅައިފަ އެވެ.

ރިޒްވާން ދަނޑުމަތީ ނަމާދު ކުރުމުން އެކަމާ ހިތްހަމަ ނުޖެހުނު ވިނީތު، އައިސީސީ އަށް މައްސަލަ ހުށަހަޅައި ފޮނުވި ސިޓީ.--

ރިޒްވާން ދަނޑުމަތީ ނަމާދު ކުރުމުން އެކަމާ ހިތްހަމަ ނުޖެހުނު ވިނީތު، އައިސީސީ އަށް މައްސަލަ ހުށަހަޅައި ފޮނުވި ސިޓީ.--

ވިނީތު ޖިންދާލް ތުހުމަތުކުރި ގޮތުގައި ރިޒްވާން ދަނޑުމަތީގައި ނަމާދު ކުރީ އިންޑިއާގެ ސަޕޯޓަރުންނަށް އޭނާއަކީ މުސްލިމެއްކަން ދެއްކުމުގެ ގޮތުންނެވެ. އަމި މިއީ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ މިދިޔަ ހޮނިހިރު ދުވަހު އައިސީސީ އަށް ފޮނުވި ބަޔާނުގައި ބުނެފައި ވެއެވެ.

ވިނީތު ޖިންދާލް ވަނީ ޕާކިސްތާނުގެ ނޫސްވެރިޔާ ޒައިނަބް އައްބާސް، މީގެ އަހަރުތަކެއް ކުރިން ކޮށްފައިވާ ޓްވީޓްތަކެއްގެ މައްސަލަ ފެންމަތިކޮށް، މައްސަލަ ޖައްސައިފަ އެވެ. މިއާ އެކު، ވޯލްޑް ކަޕް ކަވަރު ކުރުމަށް އިންޑިއާ އަށް ދިޔަ ޒައިނަބު ވަނީ މިދިޔަ ހަފްތާ ހޯމަ ދުވަހު އިންޑިއާ ދޫކޮށް ގޮސްފަ އެވެ.

އިންޑިއާ އިން އަންނަނީ ކުޅިވަރު މުބާރާތްތައް ކުޅުމަށް އެގައުމަށް ދާ ޕާކިސްތާނުގެ ޓީމުތަކަށް ވެސް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިއަހަރުގެ ވޯލްޑް ކަޕް ކުޅެން ޕާކިސްތާން ކްރިކެޓް ޓީމު އިންޑިއާ އަށް ދިޔައީ ހަތް އަހަރު ފަހުންނެވެ. ޕާކިސްތާނުގެ ނޫސްވެރިންނާއި ސަޕޯޓަރުންނަށް އިންޑިއާ ވިސާ ދޭން ވެސް އިންޑިއާ އިން ދެކޮޅު ހަދައެވެ.