Roadha Mihaaru
ސަރުކާރުގެ ރައްދު: ސިއްހީ ހިދުމަތްތައް ނުހުއްޓޭނެ

ސާމާނު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް، ސިއްހީ ހިދުމަތްތެއް ނުހުއްޓޭނެ: ސަރުކާރު

17 އޮކްޓޯބަރ 2023

ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ޒިޔާރަތް ކުރުމަށް ފަހު، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އެކަމަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މި ދަނޑިވަޅަށް ވުރެ އުނދަގޫ، ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި ރާއްޖެ ގެނެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ ހަމަ އެގޮތަށް، ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއްނެތި ލިބޭނެ ކަމަށެވެ.

"ސިއްހީ ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ، ކޮންޒިއުމަބަލްސް ހޯދުމަށް ކުރިއެކޭ އެއްގޮތަށް ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މިއުވާން ވަނީ، "ލިބުނު މައުލޫމާތުގެ އެއްބައި ބޭނުންކޮށްގެން، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ހާސްކަން އުފެދޭ ގޮތަށް" ވާހަކަ ނުދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އިއްޔެ ވިދާޅުވީ، ކޮންމެ އަހަރަކު ދެ ފަހަރު އޯޑަރު ކުރަމުން އަންނަ ލެބޯރެޓަރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ، އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނުތައް މި އަހަރުގެ ދެ ވަނަ ހަ މަސް ދުވަހަށް އޯޑަރު ކޮށްފައިނުވާ ކަމަށެވެ.

މިހާރު ބޭނުން ކުރަމުން ގެންދަނީ އިމަޖެންސީ ސްޓޮކް ކަމަށާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓެމުންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ މި ހާލަތު މިގޮތަށް ދެމިގެން ގޮސްފި ނަމަ ނޮވެމްބަރު މަހާ ހަމައަށް އަންނައިރު ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަށް އައުމަކީ އެކަށީގެންވާ ކަމެއް. އެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ބަޖެޓްގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި މި އަހަރުގެ ބާކީ ދުވަސްތަކަށް ފައިސާ ހަމަޖެހިފައިވަ ނީ ހަމައެކަނި މުވައްޒަފުންގެ މުސާރަ އަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.