Roadha Mihaaru
ފަލަސްތީނަށްޓަކައި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަނީ

ފަލަސްތީނަށް ރައްކާތެރިކަން ދެއްވުން އެދި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި

18 އޮކްޓޯބަރ 2023

ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްގުން އެދި ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްގުން އެދި ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރިން މިއަދު އަންގައިފި އެވެ.

ފަލަސްތީނަށް އިޒްރޭލުން މިހާރު ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި އެންމެ ފުރަތަމަ ގުނޫތު ކިޔަން އެންގީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް އޭރު ގުނޫތު ކިޔަން އަންގާފައި އޮތީ ރޭގަނޑުގެ ނަމާދުތަކުގައި އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައިވަނީ އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ކިޔަން އެދިފައިވެ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް މި މަހުގެ ހަތްވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ.

އެ ހަމަލާތަކުގައި ރޭ ވަނީ ގާޒާގެ އުތުރުކޮޅުގައި ހުންނަ މައުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، އެތައް ހާސް ބަޔަކު ޒަހަމްކޮށްލައިފަ އެވެ.

އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން ފެށި ހަނގުރާމައިގައި ދިން ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.