އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ އެކު، ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާހާ ހިނދަކު އިޒްރޭލާ އެކު ރާއްޖެ އިން މަރުހަބާ ނުކިޔާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ އެކު، ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާހާ ހިނދަކު އިޒްރޭލާ އެކު ރާއްޖެ އިން މަރުހަބާ ނުކިޔާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި އެތައް ހާސް ބަޔަކާ އެކު، ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރީތި ބީޗުތަކާއި މޫދުތައް ފަލަސްތީނުގެ ރައްޔިތުން މަރައި، އަނިޔާވެރިވާ ބަޔަކަށް މަރުހަބާ ނުކިޔާނެ ކަމަށެވެ. ހާއްސަކޮށް، ރާއްޖެ އިން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރީ އެ ސަބަބުތަކަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ގިނަ ފިއްތުންތައް އައި ޕާސްޕޯޓު ބޭންކުރަން އުޅުނީމާ. ޓޫރިޒަމް ހަލާކުވާނެއޭ، އެހެން ކަންތައްތައް ވާނެއޭ. އަޅުގަނޑު ގަބޫލުކުރީ އެއީ އެކަން ވާނެ ގޮތެއް ނޫން ކަމަށް. އެއީ މިއީ ޑިމޮކްރަސީއޭ، ޑިމޮކްރަސީގައި ކަންކަން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް. މި ސަރުކާރަކީ ރައްޔިތުންނާ އެކީގައި އޮތް ސަރުކާރެއް. މި ސަރުކާރުން އަޑުއަހާނީ ރައްޔިތުންގެ އަޑު. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ދާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީގެ މިރޭގެ ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ މަނިކުފާނު ވިދާޅުވީ، އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާ އެކު ގުޅުން ބަދަހިކޮށް، މި ސަރުކާރުން މަސައްކަތް ކުރަނީ ދިވެހިންނަށް ކަންކަން ފަހިވާ ގޮތަށް ކަމަށެވެ.
"މޯލްޑިވްސް ފަސްޓް ޕޮލިސީއަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު، އެ ގޮތަށް މިއަދާ ހަމައަށް ކަންތައް ކުރަމުން މި އައީ. ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސްގެ މަގާމުގެ ހުވާ ނޮވެމްބަރު 17، 2023 ގައި ކުރެއްވުމަށް ފަހު، ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ދިވެހިންނަށް ދެއްވި ޔަގީންކަމަކީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ފަލަ، ރަތް ރޮނގު ކުރަހާލުން ކަމަށެވެ. އެއީ ހަގީގީ މާނައިގައި ދެއްކެވި ވާހަކައެއް ކަމަށާއި މިއަދު އަމަލީ ގޮތުން އެ ސިޔާސަތު ތަންފީޒު ކުރައްވާ ކަމަށެވެ.
މިރޭ ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދިފާއީ ކަންކަން ވަރުގަދަ ކުރަން މަސައްކަތްޕުޅު ކުރައްވަނީ ވެސް ރަތްރޮނގު ދަމަހައްޓަން ބޭނުންފުޅުވާތީ އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ މި ސިޔާސަތުގެ ދަށުން އިތުރު ކާމިޔާބީތައް މި ގައުމަށް ލިބިގެންދާ ތަން. އެއީ އެހީގެ ގޮތުންނާއި މަޝްރޫއުތަކުގެ ގޮތުންނާއި އެހެނިހެން ފައިދާތައް ގައުމަށް އިރާދަކުރެއްވިއްޔާ ކުރަމުންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލުގެ މީހުން ރާއްޖެ އިން ފޭބުމަށް އަންގައިފި
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަނީ
ރައީސް ގޮވާލެއްވީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލްގެ މީހުން ރާއްޖެ އައުން ހުއްޓުވައިދޭން އެދިއްޖެ
އިޒްރޭލް ހުއްޓުވަން އިސްލާމީ އުއްމަތް ތެދުވަންޖެހޭ
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން