Roadha Mihaaru
ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަނީ

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަން އަންނަ އަހަރަށް ބަޖެޓު ކުރަނީ

20 އޮކްޓޯބަރ 2023

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވަނީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ވަޑައިގެން އެތަނުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މި ސަރުކަރުން އެކުލަވާލާ ދައުލަތުގެ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެހެންވެ، ވައުދުވެވަޑައިގެންނެވި ގޮތަށް، ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ކޮށްދެއްވާނެ ބައެއް ކަންކަން ހިމަނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ޓަވަރަކަށް [އިތުރު] ދެ ލިފްޓު އަންނަނީ. މިތަނުން އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް: މުއިއްޒު

"ކޮންމެ ޓަވަރަކަށް [އިތުރު] ދެ ލިފްޓު އަންނަނީ. މިތަނުން އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. އެ ޓަވަރުތަކުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.

"އެހެންވީމަ، ޔަގީންކަން ދެނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒުކޮށްދޭނަން،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކޮށްދިނުމަކީ ރިޔާސީ ކެމްޕެއިންގެ ތެރެއިން މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނު ވަނީ ހިޔާ ފްލެޓުގެ ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.