Roadha Mihaaru
ގޭހުގެ ހުޅުގަނޑު ބިރަކަށް ވެއްޖެ!

ގޭހުގެ ހުޅުގަނޑު ބިރަކަށް ވެއްޖެ!

23 އޮކްޓޯބަރ 2023

ހދ. ކުޅުދުއްފުށީގެ ބަޔަކު މީގެ 10 އަހަރު ކުރިން ކަނޑުމަތިން ހޮވި ހަތް ފޫޓުގެ ގޭސް ފުޅި އެކެވެ. އޭރު ދެއްކި ވާހަކަތަކަށް ބަލާއިރު، އެ މީހުން އުޅުނީ ސިލިންޑަރުގެ ވޭލް ހަލާކުވެފައި ހުއްޓައި ގަރާޖަކަށް ގެންގޮސް އެ ކީހާލާށެވެ. ނަމަވެސް، އެމްއެންޑީއެފަށް އެ މައުލޫމާތު ލިބިގެން އެ އަތޮޅު ހަނިމާދު އަށް ގެންގޮސް، ރައްކާތެރި ގޮތުގައި އެންއެޗް3 ހުރި އެ ގޭސްފުޅި ރައްކާތެރި ގޮތުގައި ނައްތާލީ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ކުޅުދުއްފުށީގެ ބަޔަކު މީގެ 10 އަހަރު ކުރިން ކަނޑުމަތިން ހޮވި ހަތް ފޫޓުގެ ގޭސް ފުޅި އެކެވެ. އޭރު ދެއްކި ވާހަކަތަކަށް ބަލާއިރު، އެ މީހުން އުޅުނީ ސިލިންޑަރުގެ ވޭލް ހަލާކުވެފައި ހުއްޓައި ގަރާޖަކަށް ގެންގޮސް އެ ކީހާލާށެވެ. ނަމަވެސް، އެމްއެންޑީއެފަށް އެ މައުލޫމާތު ލިބިގެން އެ އަތޮޅު ހަނިމާދު އަށް ގެންގޮސް، ރައްކާތެރި ގޮތުގައި އެންއެޗް3 ހުރި އެ ގޭސްފުޅި ރައްކާތެރި ގޮތުގައި ނައްތާލީ އެވެ.

އެކަމުގައި އޭރު އިސްކޮށް އުޅުއްވި، ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ކޮމާންޑަރު، ކާނަލް ރިޓަޔާޑް އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި އެ ގޭސް ފުޅި ގޮވި ނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބުނީހެވެ. އޭގެ އެއް ސަބަބަކީ އެމޯނިޔާއަކީ އިންސާނުންނަށް އެންމެ ނުރައްކާތެރި އެއް ގޭހަށް ވުމެވެ. އޭގެ އަސަރު ކޮށްފި ނަމަ ސިކުނޑިއަށާއި ފުއްޕާމެއަށް ގެއްލުން ލިބި އަދި އޭގެ ވަސް ކިރިޔާ ޖެހުނަސް ބޮލަށް އެނބުރުން އަރައި ހޮސްޕިޓަލަށް ގެންދަންޖެހޭ ވަރަށް ގެއްލުން ލިބޭ ކަމަށް ނަސީމް ވިދާޅުވި އެވެ.

"މި ގޭސް ފުޅިއަކީ ވެސް މިސާލަކަށް ރާއްޖޭގެ ރަށެއްގެ ތެރޭގައި، ލީކްވެ ނޫނީ ގެއްލުންވެއްޖިއްޔާމު އެތައް ބައިވަރު ބަޔަކު މަރުވެ، ގެއްލުންވާ ކަހަލަ ހާދިސާއެއް." ރާއްޖެ އަށް ލައްގާ ގޮވާތަކެތި ނައްތާލުމުގައި 1984 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވި ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި އުޅަނދުތަކުގައި ބޭނުންކުރާ އެންއެޗް3 ގޭސް ފުޅި ނައްތާލީ ހަނިމާދޫ ތުނޑީގައި އެ ވަޅުލައި، އޭގެ މަތީގައި ވެލި ބަސްތާ ޖެހުމަށް ފަހު ރިމޯޓު ކޮންޓްރޯލުން ގޮއްވާލާ ގޮތަށް ލޯވަޅެއް އަޅައިގެންނެވެ.

ގޭހުގެ ނުރައްކާ ނޭނގި މިފަދަ އެތައް ކަމެއް ހިނގާފައި އެބަހުއްޓެވެ. ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައި އެބަހުއްޓެވެ. އެ އަތޮޅު މަކުނުދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވުމަކީ އޭގެ އެއް ހެއްކެވެ.

އިންޑިއާގެ ދެ މީހަކު މަރުވީ ވެލްޑިން ކުރަން ބޭނުންކުރާ ގޭސް ފުޅި ގޮވައިގެންނެވެ. އެސެލްޓްލިން ނަމަކަށް ކިޔާ އެ ގޭހަކީ ސީދާ އަލިފާން ހިފާ އަދި މީހުންނަށް ބޮޑެތި ގެއްލުން ލިބޭ ގޮތަށް އަލިފާން ރޯވާ ވައްތަރެކެވެ. އެ ހާދިސާގެ ތަފްސީލް ކަމާބެހޭ ފަރާތްތަކުން ނޭނގުނަސް، ނަސީމް ވިދާޅުވި ގޮތުގައި އެފަދަ ބޭސް ސިލިންޑަރެއް ގޮވަން ދިމާވާނެ އެއް ސަބަބަކީ އޯވަލޯޑުކޮށް، ޕްރެޝަރުކޮށްފައި ހުރުން ނޫނީ ފުޅީގެ ތަނަކުން ލީކުވެފައި ހުއްޓާ އަލިފާން ޖެހުމެވެ.

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި މަރުވި ދެ މީހުންގެ ގުނަވަންތަކެއް ޗިސްވެ، ގައިގެ ބައިތަށް ގޮސްފައިވާ ތަން ފާހަގަ ކުރުމަށް ފަތް ކޯޅި ބަހައްޓާފައި: އެ މީހުންގެ ހަށީގަނޑުތައް މާޅެ ގެންނަނީ އިތުރަށް ތަގުގީގު ކުރަން ކަމަށް ފުލުހުން ބުނޭ.-- ފޮޓޯ: އަބްދުލް ހަމީދު މުހައްމަދު

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި މަރުވި ދެ މީހުންގެ ގުނަވަންތަކެއް ޗިސްވެ، ގައިގެ ބައިތަށް ގޮސްފައިވާ ތަން ފާހަގަ ކުރުމަށް ފަތް ކޯޅި ބަހައްޓާފައި: އެ މީހުންގެ ހަށީގަނޑުތައް މާޅެ ގެންނަނީ އިތުރަށް ތަގުގީގު ކުރަން ކަމަށް ފުލުހުން ބުނޭ.-- ފޮޓޯ: އަބްދުލް ހަމީދު މުހައްމަދު

"ހަމަ ހުރެލާފައި [ގޭސް ފުޅި] ގޮވުމަކީ ވެސް އެކަށީގެންވާ ކަމެއް. އެ ފުޅީގައި ހުންނަން ޖެހޭނެ ޕްރެޝާ ހިފެހެއްޓޭނެ ވަރު. އެކަމަކު، ރިފިލް ކުރަމުން އެތައް ފަހަރަކު ވެސް ބޭނުންކޮށްފާނެ. އެހެން ހެދީމަ ފުޅީގެ އެތެރޭގައި ދަބަރު ޖަހައި ފުޅި ބަލިވާނެ. ބޭރުން ނުފެނުނަސް ފޫ ވެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.

"ފުޅިއަކީ ދޭތެރެދޭތެރެއިން އިންސްޕެކްޓް ކުރަން ޖެހޭނެ އެއްޗެއް."

ނަސީމް ވިދާޅުވީ އެއްވެސް ކަހަލަ ގޭސް ފުޅިއެއް ގިނައިރު ވަންދެން އަވީގައި ބެހެއްޓުމަކީ ވެސް ނުރައްކާ ކަމެއް ކަމަށެވެ. އަވީގައި ބެހެއްޓުމުން ގޭސް ފުޅި އަށް ހޫނުވެގެން ބައެއް ފަހަރަށް އަތްލަން ނުކެރޭ ވަރަށް ހޫނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ގޭސް ބޭނުންކުރާ މީހުން އަދި އެ އުފުލާ މީހުން ވެސް ވަރަށް ރައްކާތެރިވާން ޖެހޭ ކަމަށާއި ގޭހުގެ މައްސަލައެއް އުޅޭކަން އެނގެނީ، ނަސީމް ވިދާޅުވި ގޮތުގައި ގޭސް ފުޅިން އަޑެއް އިވޭތީ ނުވަތަ ވަހެއް ދުވާތީ ކަމަށެވެ. އެކަހަލަ ކަމެއް އުޅޭ ނަމަ ރައްކާތެރި ގޮތަކީ ގޭގެ ކުޑަދޮރުތައް ހުޅުވައި ފަންކާ ޖަހައި ވައި ބޭރުކުރެވޭ ގޮތް ހެދުމެވެ.

މަކުނުދޫގެ ހާދިސާ އަށް ރިއާޔަތް ކުރައްވައި، އަލިފާން ނިއްވުމުގެ މަސައްކަތުގައި 40 އަހަރު މަސައްކަތް ކުރައްވާފައިވާ އަހުމަދު ބަދީއު ވިދާޅުވީ ވެލްޑިން ކުރަން ބޭނުންކުރާ ޓޯޗުގެ ބެކްފަޔާ ކޮށްގެން، އޭގެ ތެރެއިން އަލިފާންގަނޑު ސިލިންޑަރު ތެރެއަށް އަންނަ ކަމަށެވެ. އެގޮތަށް އަލިފާން ރޯވެ، އެހެން ގައުމުތަކުގައި ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި ކަމަށް އޭނާ ވިދާލުވި އެވެ.

"ވެލްޑިން ކުރަން ބޭނުންކުރާ ގޭހަކީ ހައިލީ ފްލެމެބަލް ގޭހެއް. ރައްކާތެރި އެއްޗެއް ނޫން އެއީ،" ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓު، އެމްއޭސީއެލްގެ ފަޔަ ސޭފްޓީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، ސޭފްޓީ ސާވިސަސް މޯލްޑިވްސްގެ ނަމުގައި މިހާރު އަމިއްލަ ކުންފުންޏެއް ހިންގަވާ ބަދީއު ވިދާޅުވި އެވެ.

ހަމަ ހުރެލާފައި [ގޭސް ފުޅި] ގޮވުމަކީ ވެސް އެކަށީގެންވާ ކަމެއް. އެ ފުޅީގައި ހުންނަން ޖެހޭނެ ޕްރެޝާ ހިފެހެއްޓޭނެ ވަރު. އެކަމަކު، ރިފިލް ކުރަމުން އެތައް ފަހަރަކު ވެސް ބޭނުންކޮށްފާނެ. އެހެން ހެދީމަ ފުޅީގެ އެތެރޭގައި ދަބަރު ޖަހައި ފުޅި ބަލިވާނެ. ބޭރުން ނުފެނުނަސް ފޫ ވެއްޓޭނެ،" --- ނަސީމް

އެއާޕޯޓުތަކަކީ ފަޔާ ސޭފްޓީގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރާ ތަންތަނަކަށް ވާއިރު، ކުޅުދުއްފުށީ އެއާޕޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ސިލިންޑަރެއް ގޮވައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވި އެވެ. ނޫސްތަކުން ފެނިވަޑައިގެންނެވި މައުލޫމާތުތަކަށް ބަަލައި ބަދީއު ވިދާޅުވީ އެ ހާދިސާ ހިނގީ ބޭނުންކުރަންޖެހޭ ކަން ނޫން އެހެން ކަމަކަށް ބޭނުން ކުރުމުން ކަމަށެވެ.

މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި ހެންވޭރުގައި ހުންނަ ތޫމް ކެފޭގެ ބަދިގެއަށް ގެއްލުންވެފައި.-- ފޮޓޯ: ޕޮލިސް

މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި ހެންވޭރުގައި ހުންނަ ތޫމް ކެފޭގެ ބަދިގެއަށް ގެއްލުންވެފައި.-- ފޮޓޯ: ޕޮލިސް

ބަދީއު ގަބޫލުކުރައްވާ ގޮތުގައި މިފަދަ ހާދިސާތައް މަދުކުރަން ކަމާބެހޭ ފަރާތްތަކަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އާއްމުން ހޭލުންތެރިކުރުމެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ އެ މީހުން ވެސް ހިމަނައިގެން މައުލޫމާތު ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ގޭސް ލީކޭޖެއް އުޅޭކަން އަންގައިދޭ ޑިވައިސްތައް މިހާރު ހުރެ އެވެ. ބަދީއު ވިދާޅުވީ އޭރުން ރޭގަނޑު ގަޑީގައި ބަދިގެ މަސައްކަތް ނިންމާލާފައި ނިދަން ދާއިރު ލީކޭޖެއް އުޅޭ ނަމަ އެލާމް އަޅާނެ ކަމަށެވެ. ލީކޭޖެއް އުޅޭ ނަމަ ސިލިންޑަރުގެ ބޭރުގައި ހަރުކުރާ ސެންސަރުން ވެސް ސެންސް ކޮށްފި ނަމަ ވަގުތުން ގޭސް ފުޅި ބަންދުކޮށްލާނެ ކަމަށާއި އޭރުން އިތުރަށް ގޭސް ލީކެއް ނުވާނެ ކަމަށް ބަދީއު ވިދާޅުވި އެވެ.

ރަށްރަށުގައި ހުންނަ ތެޔޮ ހުސްކުރި ތާނގީއަކީ ގެއްލުން ހުރި އެއްޗެއް ނޫން ކަމަށް ވިސްނާ މީހުން ވެސް މަދެއް ނޫނެވެ. އެކަމަކު، ބަދީއު ވިދާޅުވީ ގޭސް ސިލިންޑަރު އަދި އެ ކަހަލަ ތާނގީތަކުގައި ކޮންމެ ވެސް ވަރަކަށް ގޭސް ހުންނާނެ ކަމަށެވެ. އެ އެއްޗެހީގައި މަދުން ގޭސް ހުރި ވަރަކަށް ގޯސްވާނެ ކަމަށާއި އެއީ އޭގައި ޕްރެޝާ މަތިވެ، އެ ފަދަ ހާދިސާ ހިނގުމުގެ ފުރުސަތު އޮންނާނެތީ އެވެ.

އެންމެ ގިނަ މީހުން ބޭނުންކުރާ ގޭސް: ރައްކާތެރިތަ؟

ގޭސް ލީކްވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން އިވެ އެވެ. ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި އެބަހުއްޓެވެ. އަނެއް ހާދިސާތަކުގައި މީހުންނާއި ގެދޮރަށް ބޮޑެތި ގެއްލުންތަކެވެ. މިއާ އެކު، ކައްކަން ބޭނުންކުރާ ގޭހުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.

މޯލްޑިވް ގޭސްގެ ޕްރޮޑަކްޝަން އިންޖީނިއަރިންގެ ޖެނެރަލް މެނޭޖަރު އަހުމަދު އަމީރު ވިދާޅުވި ގޮތުގައި، އެ ކުންފުނިން މިހާރު ވެސް މެޑިކަލް ގޭހާއި އާގަން ގޭސް އަދި އިންޑަސްޓްރިއަލް ގޭސް ވިއްކާއިރު، އެ ކޮންމެ ގޭހެއް ރީފިލް ކުރާއިރު ސިލިންޑަރުގެ އިންސްޕެކްޝަނެއް ހަދާ ކަމަށެވެ.

އިންސްޕެކްޝަން ހަދާއިރު އެ ފުޅި ހުރީ ބޭނުންކުރެވޭ ހާލަތުގައި ފުޅިއެއްތޯ ބެލުމަށް ފަހު ރީ-ފިލިން އަށް ފޮނުވަ އެވެ. ރީފިލް ކުރުމަށް ފަހު އޭގައި ލީކެއް އުޅޭތޯ ބަލާނެ ކަމަށާއި އެކަން ކުރަނީ ފެން އަޅައިގެން ކަމަށް އަމީރު ވިދާޅުވި އެވެ. ލީކެއް އުޅެ ނަމަ އޭތި ރިޖެކްޓް ކުރެ އެވެ. މިސާލަކަށް ވޭލުން ލީކުވާ ނަމަ ދެ ވަނަ ފަހަރަށް ވޭލް ބަދަލުކޮށްފައި ދެ ވަނަ ފަހަރަށް ފިލް ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ކައްކާ ގޭހުގައި ބެސް ބޭނުންކުރަނީ ހަމަ އެ އުސޫލެވެ.

އަމީރު ވިދާޅުވީ ވޭލް ޗެކްކުރުމަށް ފަހު ޝްރިންކް މެޓީރިއަލް އިން ވޭލް ބަންދުކުރަން މިދިޔަ އަހަރު ފެށި ކަމަށެވެ. އޭގެ ބޭނުމަކީ ވެސް ކަސްޓަމަރާ ހަމައަށް ދާއިރު ސީލް ކޮށްފައި ހުރުމެވެ. ގޭސް ފިލް ކުރާ ސިލިންޑަރުތަކުގައި ގާތްގަނޑަކަށް 99 ޕަސެންޓުގެ ފުޅިއަކީ ރީ-ފިލް ކުރުމަށް ފަހު ޓެސްޓު ކޮށްގެން ކަސްޓަމަރުންނާ ހަމައަށް ގެންދާ ފުޅިތަކެއް ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ.

"ރީފިލް ކުރާއިރު ވަރަށް ބޮޑަށް ބެލެވިގެން ދަނީ. ރީފިލް ނުކުރެވޭ ކޮންޑިޝަނެއްގައި، ފިޒިކަލީ އަޅުގަނޑުމެން އިންސްޕެކްޓް ކުރާއިރު ފާހަގަވެއްޖިއްޔާ ރީ-ޕެއިންޓަށް ނަގައި ރީ-ޕެއިންޓް ކުރާ ގަޑީގައި ހައިޑްރޯ ޓެސްޓް ހަދާނެ. އޭގެ ޓެސްޓު ހަދާފައި އެ ފުޅިއަކީ ރީ-ފިލްކުރަން ކަމުދާ ފުޅިއަކަށް ވިއްޔާ ފިލްކުރާނީ،" އަމީރު ވިދާޅުވި އެވެ.

މެޑިކަލް އޮކްސިޖަނަކީ އެމްއެފްޑީއޭގެ ހުއްދައާ އެކީގައި އެކަން ކުރާ ތަނެކެވެ.

އަމީރު ވިދާޅުވީ ރީ-ފިލްކުރަން ގެންދާ ކޮންމެ ފުޅިއެއް ވެސް ވަކިން ބަލާ ކަމަށާއި އަދި ރީ-ފިލް ކުރުމަށް ފަހު ފުޅީގައި މައްސަލައެއް އުޅޭތޯ ޗެކްކުރާ ކަމަށެވެ. އެ މަސައްކަތަށް ސޭފްޓީ އޮފިސަރަކު ހާއްސަ ކޮށްފައި ހުރެ އެވެ. އެ އޮފިސަރުގެ ޒިންމާއަކީ، ރީފިލްކުރާ ފުޅިތަކުގެ ލީކާއި އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. ކަސްޓަމަރުންނާ ހަމައަށް ފުޅި ގެންދާއިރު އެ ފުޅީގެ އެއްވެސް މައްސަލައެއް އުޅޭތޯ ނޫނީ ނޫންތޯ ބެލުމަކީ އޮފިސަރުގެ މަސައްކަތެކެވެ.

މޯލްޑިވް ގޭސްގެ ސިލިންޑަރުތަކެއް. ގޭސް ފުޅިތައް ވިއްކަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށް އެ ކުންފުނިން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވް ގޭސްގެ ސިލިންޑަރުތަކެއް. ގޭސް ފުޅިތައް ވިއްކަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށް އެ ކުންފުނިން ބުނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންގެ ފެސިލިޓީން ދޫކުރާ ފުޅިތަކަކީ ރަނގަޅަށް ބަލައި ޗެކްކޮށްގެން ފޮނުވާ ސިލިންޑަރު،" އޭނާ ވިދާޅުވި އެވެ.

ގޭސް ފުޅީގެ ރައްކާތެރިކަން ކަށަވަރުކުރަން މޯލްޑިވް ގޭހުން ފިޔަވަޅުތައް އަޅަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ފުޅީގެ ވޭލް ސީލްކުރަން މިދިޔަ އަހަރު ފެށުމެވެ. އަމީރު ވެސް ވިދާޅުވީ ސީލްކުރަން ފެށި ފަހުން ލީކްވާ ފުޅި މަދު ކަމަށެވެ.

ކުރީގައި މޯލްޑިވް ގޭހުން ވެސް ބޭނުންކުރީ ދަގަނޑު ފުޅި އެވެ. އެއީ ރަސްޓް ވެގެން ހަލާކުވުމުގެ ފުރުސަތު އަދި ނުފެންނަ ހިސާބަކުން ފުޅީގެ ފޫ ވެއްޓި ލީކްވުމުގެ ފުރުސަތު އޮވެދާނެ ވައްތަރެކެވެ. އެކަމަކު، ފައިބަރު ފުޅީގައި އެ ހާލަތު މެދުވެރިކުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ފައިބަރު ފުޅިއަށް ފިޒިކަލް ޑެމޭޖެއް ނާންނަ ނަމަ 10 އަހަރަށް ވެސް ބޭނުން ކުރެވޭނެ އެވެ. އެކަމަކު، އޭގެ ފުޅީގައި ދިމާވާނެ މައްސަލައަކީ ވެސް ވޭލުން ލީކް ވުމެވެ. އެކަމަކު، އެއީ ބަދަލުކުރެވޭނެ އެއްޗެކެވެ. ފުޅި ރީ-ފިލްކުރުމަށް ފަހު ވޭލުން އަދި ޕެކިނުން ވެސް ގޭސް ލީކްކުރޭތޯ ބަލައި، މޯލްޑިވް ގޭހުން މިހާރު ތައްޔާރުވަމުން އަންނަނީ އެ މައްސަލަތައް ދެނެގަންނާނެ ފުލް ބޮޑީ ސްކޭން މެޝިނެއް ގެންނާށެވެ.

މާލެ އަށާއި ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ހުރެ އެވެ. އެކަމަކު، ބައެއް ރަށްރަށަށް ގޭސް ގެންދަން، އެ ރަށްރަށުގައި ކަނޑައަޅާފައިވާ އެޖެންޓުން އަމަލުކުރާ އުސޫލާ މެދު ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަވީގައި ފުޅިތައް ބެހެއްޓުމަކީ އެއް ކަމެވެ.

ނަމަވެސް، އަމީރު ވިދާޅުވީ ފައިބަރު ފުޅި އަވީގައި ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ފުޅި މާ ބޮޑަށް ހޫނު ވާ ނަމަ ސިލިންޑަރުތަކުގައި ބޭނުންކުރާ ވޭލުން އެތެރޭގެ ޕްރެޝަރު އަމިއްލައަށް ރިލީފްކުރާނެ އެވެ.

އެމްއެންޑީއެފުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ގޭސްފުޅިއާ ގުޅޭގޮތުން މިދިޔަ ފަސް އަހަރު އެކަނި ވެސް 427 މައްސަލައެއްގެ ރިޕޯޓް ލިބުނު ކަމަށެވެ. އޭގެ ތެރެއިން، އެންމެ ގިނަ މައްސަލަ ހުށަހެޅީ 2019 ވަނަ އަހަރެވެ. އެ އަހަރު 107 މައްސަލައެއް ރިޕޯޓުކުރި އެވެ. އެންމެ މަދުން މައްސަލަ ހުށަހެޅި 2018 ވަނަ އަހަރު 27 މައްސަލައެއް ހުށަހެޅި އެވެ.

އެ ނަމްބަރުތަކުން، ގޭސްފުޅިއާ ގުޅޭ ގިނަ ކަންބޮޑުވުންތައް ހުރިކަން ޔަގީން ވެ އެވެ. އޭގެ ތެރެއިން ގިނަ ހާދިސާތަކަކީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ގޭހާ ގުޅޭ މައުލޫމާތު އެނގޭނަމަ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމެކެވެ.

ސިލިންޑަރުގެ ވޭލް ހަލާކުވެފައި ހުއްޓައި ގަރާޖަކަށް ގެންގޮސް ކުޅުދުއްފުށީގައި އެ ކީހާލަން އުޅުނު ހާދިސާ އަށް ބަލާއިރު، ގޭސްފުޅިތައް ގެންގުޅުމުގެ ހޭލުންތެރިކަން ނެތްކަން ސާފެވެ. އޭގެ 10 އަހަރު ފަހުން ވެސް ހިނގާފައިވާ ހާދިސާތަކާއި ފެންނަ ކަންކަމަށް ބަލާއިރު ގޭސްފުޅިތައް ގެންގުޅުމާއި ހޭލުންތެރިކަން އުޅެނީ ވަރަށް ދަށުގަ އެވެ. މާނައަކީ ނުރައްކާތެރިކަން އަދިވެސް ހަމަ ވަރަށް ބޮޑެވެ.