Roadha Mihaaru
ގޮވީ ވެލްޑިންއަށް ބޭނުންކުރާ ގޭސް ފުޅިއެއް: ކައުންސިލް

ބަނދަރުގައި ގޮވީ ވެލްޑިން ކުރަން ބޭނުންކުރާ ގޭސް ފުޅިއެއް: ކައުންސިލް

22 އޮކްޓޯބަރ 2023

ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުއްޓާ އިއްޔެ ގޮވީ ވެލްޑިން ކަހަލަ މަސައްކަތްތަކަށް ބޭނުން ކުރާ ގޭސް ފުޅިއެއް ކަމަށް ހދ. މަކުނުދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުއްޓާ އިއްޔެ ގޮވީ ވެލްޑިން ކަހަލަ މަސައްކަތްތަކަށް ބޭނުން ކުރާ ގޭސް ފުޅިއެއް ކަމަށް ހދ. މަކުނުދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ގޭސްފުޅި ގޮވައި ދެ މީހުން ވަގުތުން ވަނީ މަރުވެފަ އެވެ. އިންޑިއާގެ އެ ދެ މީހުންގެ ހަށިގަނޑު އޮތީ ސިފަ ދެނެނުގަނެވޭ ވަރަށް ފިހި، އަދި ހަށިގަނޑުގެ ބައިބައި ވެސް ވަކިވެފަ އެވެ.

ހަވީރު 4:15 ހާއިރު ހިނގި ހާދިސާގައި މަރުވީ މަކުނުދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ ކޭއެސްއާރު ކުންފުނީގެ ދެ މުވައްޒަފުންނެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބިގް ފިޝް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ކޭއެސްއާރަކީ ސަބް-ކޮންޓްރެކްޓަރެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "މިހާރު" އަށް ވިދާޅުވީ ބާރުގަދަ އަޑާއެކު ގޮވާފައިވަނީ މަސްމާރުކޭޓުގައި އިރުދެކުނު ކަނުން 10 ވަރަކަށް ފޫޓު ދުރުގައި ބަހައްޓާފައި ހުރި ވެލްޑިން ފަދަ މަސައްކަތްތަކަށް ބޭނުންކުރާ ގޭސް ފުޅިއެއް ކަމަށެވެ. ފުލުހުންނާއި ސިފައިން ގުޅިގެން އެ ހާދިސާ ތަހުގީގުކުރާތީ އޭގެ އިތުރު ތަފްސީލެއް ކައުންސިލުން ނުދެ އެވެ.

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި ބަނދަރުގައި ހުރި އިމާރާތެއްގެ ސީލިންގު ވެއްޓިފައި.--.ފޮޓޯ: އަބްދުލް ހަމީދު މުހައްމަދު

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވި ހާދިސާގައި ބަނދަރުގައި ހުރި އިމާރާތެއްގެ ސީލިންގު ވެއްޓިފައި.--.ފޮޓޯ: އަބްދުލް ހަމީދު މުހައްމަދު

އެކަމަކު، އައުޒަމް ވިދާޅުވި ގޮތުގައި އެ ގޭސް ފުޅި މަކުނުދުއަށް ގެންދިޔަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް، އެ ފުޅި ގޮވުމާ ހަމައަށް ބަހައްޓާފައި ހުރީ ބަނދަރުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީ ދުވަހެއްގައި ބަނދަރު ސަރަހައްދުގައި މަސައްކަތެއް ކުރިއިރު އެ ތަނުގައި ނެތް މި ފުޅިއެއް. އެހެންވެ، އޭތީ ގޮވީ އެ މީހުންގެ ސައިޓަށް މޫވްކުރަން އެތަނަށް ގެންގޮސްފައި ހުއްޓާ ނުވަތަ އެ ސިލިންޑަރާ ޖެހިގެން ހުއްޓާ ކަމަށް ބެލެވެނީ،" އައުޒަމް ވިދާޅުވި އެވެ.

ހަވީރު ގަޑީގައި ބަނދަރު ސަރަހައްދަށް އާއްމު ގޮތެއްގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއެކު ގިނަ ބަޔަކު ނުކުމެ އުޅެ އެވެ. އެކަމަކު، އިއްޔެ އެ ހާދިސާ ހިނގީ އަސުރު ނަމާދަށްފަހު މީހުންނަށް ނުކުމެ ނޫޅެވެނިކޮށެވެ. ނަމަވެސް، ރަށުގެ ގިނަ ބަޔަކަށް އިއްޔެގެ ބާރު ގޮވުން އިވުނެވެ.

ކުރިން ދުވަހެއްގައި ބަނދަރު ސަރަހައްދުގައި މަސައްކަތެއް ކުރިއިރު އެ ތަނުގައި ނެތް މި ފުޅިއެއް. އެހެންވެ، އޭތީ ގޮވީ އެ މީހުންގެ ސައިޓަށް މޫވްކުރަން އެތަނަށް ގެންގޮސްފައި ހުއްޓާ ނޫނީ އެ ސިލިންޑަރާ ޖެހިގެން ހުއްޓާ ކަމަށް ބެލެވެނީ.-- އައުޒަމް

"ރަށުން ބޭރުގައި އުޅެފައި އަޅުގަނޑަށް ވެސް އާދެވުނީ 3:56 ހާއިރު. އަޅުގަނޑުގެ ގެއާ ބަނދަރާ ވަރަށް ދުރުވާނެ އެކަމަކު ގޭގައި ހުއްޓާ އަޑުއިވުނު އެއްޗެއް ގޮވައިގެން އުޅޭކަމަށް. ބެލެވެނީ ވޭވް އެފެކްޓުގެ ރިއެކްޓެއް ކަމަށް. ބޮޑު ގޮވުމެއް ގޮވާނެ ކަމަށް ލަފާކުރެވޭ." އޭނާ ވިދާޅުވި އެވެ.

ގޭސްފުޅި ގޮވައިގެން މަރުވި ދެ މީހުންގެ އިތުރުން، އެ ތަނާ 400 ފޫޓު ދުރުގައި ހުރި ހަޓެއްގައި ކޮފީ ބޯން ހުރި ފިރިހެނެއްގެ ގައިގައި ވެސް، ގޭސް ފުޅީގެ ބައިތައް ޖެހި އަނިޔާވެފައި އެބަހުއްޓެވެ. އެއާއެކު، މަސް މާރުކޭޓާއި އެ ތަނުގައި ހުންނަ ގުދަނާއި ރެސްޓޯރެންޓް ބައެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސް ސީލިންގު ވަނީ ވެއްޓިފަ އެވެ. އޭގެ ތެރެއިން މި ވަގުތު ބޭނުންކުރަނީ ގުދަނެވެ. އެއީ ނަރުދަމާ މަސައްކަތްކުރާ މީހުންނަށް ކުއްޔަށް ދީފަ އެވެ.

މަކުނުދޫގައި ގޭސް ފުޅި ގޮވި ސަރަހައްދު: އެ ހާދިސާގައި ދެ މީހުން ވަނީ މަރުވެފައި. --ފޮޓޯ: ސޯޝަލް މީޑިއާ

މަކުނުދޫގައި ގޭސް ފުޅި ގޮވި ސަރަހައްދު: އެ ހާދިސާގައި ދެ މީހުން ވަނީ މަރުވެފައި. --ފޮޓޯ: ސޯޝަލް މީޑިއާ

އެ ސިލިންޑަރު ހުރި ސަރަހައްދުގައި ކައްކާ ގޭސް ފުޅިއެއް ހުރި ކަމަށް ވެސް މައުލޫމާތު ލިބުނަސް އެކަން ކަށަވަރުނުވާ ކަމަށް އައުޒަމް ވިދާޅުވި އެވެ.

މަރުވި ދެ މީހުންގެ އާއިލާއަށް ވެސް މިކަން ވަނީ އަންގައިފަ އެވެ. އޭގެ ތެރެއިން އެކަކަކީ މުސްލިމެކެވެ. ކައުންސިލުން ބުނީ ރާއްޖޭގައި ވަޅުލާން އާއިލާއިން އެދިއްޖެނަމަ ކައުންސިލުން އޭގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް، އާއިލާއިން އަދި ގޮތެއް ނުނިންމަ އެވެ.

މި ހާދިސާއާއެކު، ގޭސް ފުޅީގެ ރައްކާތެރިކަމާ މެދު ރަށުގެ ގިނަ ބައެއްގެ ކަންބޮޑުވުން އެބަހުރި ކަމަށާއި ފުލުހުންގެ ތަހުގީގަށް ފަހު ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.