Roadha Mihaaru
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް

އިހުމާލުތައް ފޮރުވަން "މަލަން އަޅަން އުޅޭތީ" ހައި ކޯޓުގެ ފާޑުކިޔުން ޕީޖީއަށް

23 އޮކްޓޯބަރ 2023

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލުމުގައި ދައުލަތުން ދަށު ކޯޓުގައި ހެދި އިހުމާލުތައް ފޮރުވަން "މަލަން އަޅަން" އުޅޭ ކަމަށް ބުނެ ކަމަށް ހައި ކޯޓުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލުމުގައި ދައުލަތުން ދަށު ކޯޓުގައި ހެދި އިހުމާލުތައް ފޮރުވަން "މަލަން އަޅަން" އުޅޭ ކަމަށް ބުނެ ކަމަށް ހައި ކޯޓުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ ވޭތުވެދިޔަ ފަސް އަހަރު އެ މީހާގެ ކުށުގެ ރެކޯޑެއް ނެތުމުން ކަމަށް ބުނެ އެވެ. އެ މީހާ ހައްޔަރުކުރި ކޮޓަރިން، މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކަށްޓާ އާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ޕެކެޓްތައް ފެނުނަސް އެ ވާހަކަ ފުލުހުން ދަށު ކޯޓުގައި ދައްކާފައެއް ނުވެ އެވެ. އަދި މަސްތުވާތަކެތި ފެނުނީ ފުރާޅެއްގެ މަތިން ކަމަށް ވާއިރު، އެތަނަށް އެރެން ހުރި ކުޑަދޮރާއި އެ މީހާގެ އަތުގައި ލޭހުރި ކަމަށް ބުނާ ވާހަކަ ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައެއް ނުވެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިސްތިއުނާފް މަރުހަަލާގައި ބަލަން ޖެހޭނީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމުގެ މައްޗަށް ކަމަށް ވާއިރު އެ ތަކެތި ފެނުނު ވާހަކަ އެއްވެސް ގޮތަކަށް ދަށު ކޯޓުގައި ފުލުހުން ނުދައްކާތީ އެކަންކަމަށް ދަށު ކޯޓަށް ބުރަދަން ނުދެވޭނެ ކަމަށެވެ. އަދި ދައުލަތުގެ އިހުމާލުން މިފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ހައި ކޯޓަށް ގޮސް، ދައުލަތުގެ އިހުމާލުތަކުގައި "މަލަން އަޅަން އުޅުމަކީ" ގާނޫނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.

"ދައުލަތުގެ ފަރާތުން ކަމެއް ނައްޓާލައިގެންދާ ކޮންމެ ފަހަރަކު އިސްތިއުނާފީ ކޯޓަށް އައިސް، ކުށުގެ ކުޑަބޮޑުމިނާއި ދޫވުމުގެ ނަތީޖާގެ މައްޗަށް ބިނާކޮށް، ދަށު ކޯޓުގެ ނިންމުން ނުރަނގަޅު ކަމަށް ކަނޑައެޅުމަށް އެދި ދައުލަތުގެ ފަރުވާކުޑަ އަމަލުތަކުގައި މަލަން އަޅަން އުޅުމަކީ ގާނޫނީ ހަމަ ކަމަކަށް ނުދެކެމެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ދައުލަތުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ވެސް ފުލުހުންގެ ފަރާތުން ސާފުކުރަން ޖެހޭ ކަންކަން ސާފުނުކޮށް އަދި ދަށު ކޯޓުގައި ފާހަގަ ނުކުރާ ކަންތައްތަކެއް ދަށު ކޯޓުގައި ފާހަގަ ކުރި ކަމަށް މާނަ ކުރެވޭ ގޮތަކަށެވެ. އަދި އެއީ ފަނޑިޔާރުންނާ މެދު ނުބައި ތަސައްވުރެއް އުފެއްދުން ކަމަށާއި އަދި އެއީ ދައުލަތާއި ދައުލަތުގެ ވަކީލުންގެ ފަރާތުން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

"ދައުލަތުގެ ހުށަހެޅުން އެކަނި އަޑުއަހާ ކޮންމެ މީހަކު ވެސް ހިތަށް އަރާނީ ދަށު ކޯޓުތަކުން ހާދަހާވާ ބެލުމެއް ނެތޭ، މަސްތުވާތަކެތި ޓްރެފިކްކުރާ ކަން އެނގޭއިރު އެހެރަ ދޫކޮށްލީ އެވެ. މިއީ ފަނޑިޔާރުގެއާ މެދު ނުބައި ތަަސައްވުރެއް އުފެދުން." ހުކުމުގައި ބުނެފައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ދީބާނާޒެވެ.